ހުޅުމާލޭގެ ހުރިހާ ސަރަހައްދަކުން މިރޭ ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑުމަށް ފަހު އަލުން ކަރަންޓް ލިބިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލެއިން މިރޭ ކަރަންޓު ކެނޑުނީ، އެތަނުގައި ހިންގާ ފަސް ވަނަ ޕަވާ ޕްރޮޖެކްޓުގެ ޖަނަރޭޓަރަަކަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.

ހުޅުމާލޭގަައި ދިރިއުޅޭ މީހަކު މިރޭ އިރާކޮޅު ކުރި ޓްވީޓެއްގައި ބުނީ މި ވަގުތު ކަރަންޓު ހުރީ ފިޔަވަހި ދޭއްގައި އެކަނި ކަމަށެވެ.

ހުޅުމާލެއިން ކަރަންޓު ކެނޑިފައި.--ފޮޓޯ: މިހާރު
ހުޅުމާލެއިން ކަރަންޓު ކެނޑިފައި.--ފޮޓޯ: މިހާރު

ކަރަންޓް ކެނޑި އާއްމުންގެ ޝަކުވާ ސޯޝަލް މީޑިއާގައި ކުރަން ފެށުމުން ސްޓެލްކޯ އިން މިރޭ ކުރި ޓްވީޓެެއްގައި ބުނީ ވީހާ ވެސް އަވަހަކަށް ހުޅުމާލެ އަށް ކަރަންޓް އަލުން ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިިދިޔަ ޖެނުއަރީ މަހުން ފެށިގެން ހުޅުމާލެ އިން އަވަސް އަވަހަށް ކަރަންޓު ކެނޑެ އެވެ.

ހުޅުމާލެއިން ކަރަންޓު ކެނޑިފައި.--ފޮޓޯ: މިހާރު
ހުޅުމާލެއިން ކަރަންޓު ކެނޑިފައި.--ފޮޓޯ: މިހާރު

ހުޅުމާލެ އަށް ކަރަންޓް ފޯރުކޮށްދިނުމަށް ހިންގާ ބޮޑު ޕްރޮޖެކްޓުގެ މަސައްކަތްތަައް މިދިޔަ މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެ މަޝްރޫއު އަދިވެސް ނުނިމެ އެވެ.

ޑޮންފެން އިން ހުޅުމާލޭގައި ކުރިއަށް ގެންދާ ފަސް ވަނަ ޕަވާ ޕްރޮޖެކްޓުގެ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގެ ދަށުން 8.9 މެގަވޮޓުގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމްކުރަން ނިންމާފައިވެ އެވެ.