65 މެމްބަރުން ގޮވައިގެން އުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ: އާޒިމް

މި މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާއިރު، އެ ހުރިހާ ބޭފުޅުން ގޮވައިގެން އުޅުމަކީ އެ ޕާޓީ އަށް އަދި މަޖިލިހުގެ ރިޔާސަތަށް ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިހަށް ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް "މިހާރު" އަށް ވިދާޅުވީ މިހާ ބޮޑު އަޣުލަބިއްޔަތަކާ އެކު އެންމެ އުނދަގޫ ވާނީ އެމްޑީޕީގެ ތެރޭގައި މައްސަލަތައް ހައްލުކުރުން ކަމަށެވެ.

"އެއީ ކޮންމެ ދުވަހަކު ދިމާވާނެ. ހުރިހާ ގުރޫޕެއްގައި އުޅޭނެ. އިދިކޮޅު ބަޔަކު ވެއްޖިއްޔާ ވާހަކަތައް އަޑު ނީވޭނެ. އުނދަގޫ ކުރާ ބަޔަކު ނޫޅޭނެ. އެހެންވީމާ ވަރަށް އުނދަގޫ ސިޓުއޭޝަނަކަށް ވެއްޓޭނެ ތަން އަޅުގަނޑަށް އެބަ ފެނޭ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ އަހަރު ފަހުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ވާނީ ވަރަށް އުނދަގޫ ތަނަކަށެވެ. ޚާއްސަކޮށް 2023 ގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް އުނދަގޫތައް ފެންނަން ފަށާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި މަޖިލިހުގެ ތެރެއިން ތަފާތު ކަންކަން ނަހަމަ ގޮތުގައި ކުރަން އުޅުމާއި އަވަސް އަރުވާލައިގެން ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަން އުޅުން ފަދަ ކަންކަން ހިމެނޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އާޒިމް، އާ މަޖިލިހުގެ ރައީސްކަމަށް ކުރިމަތިލައްވަން އަދި ގެންދަވަނީ "ހިސާބު އަކުރުތަކަށް" ބައްލަވަމުންނެވެ. އެކަމަށް ޝައުގުވެރިކަން ހުއްޓަސް އެންމެ ފަހުގެ ނިންމުން ކަނޑައަޅުއްވާނީ، އޭނާ ވިދާޅުވި ގޮތުގައި، ހިސާބު އަކުރުތަކުން ކުރިއެރުން ލިބުމުން ކަމަށެވެ. އާޒިމް އެ ވިދާޅުވަނީ މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަކުރުމުގެ ވާހަކަ އެވެ.

އާޒިމް ވިދާޅުވީ، އާ މަޖިލިހުގެ ތެރެއިން ތަފާތު ކަންކަން ނުހަމަ ގޮތުގައި ކުރަން އުޅުމާއި އަވަސް އަރުވާލައިގެން ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރުން ފެންނާނެ ކަމަށް.

އާޒިމް ވިދާޅުވީ، 87 މެމްބަރުން ހިމެނޭ އާ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އޭނާ ކުރިމަތިލައްވައި ކާމިޔާބުވެއްޖެ ނަމަ، ކިތަންމެ އުނދަގޫ ވިޔަސް ގޮންޖެހުންތަކާ ކުރިމަތިލައްވާނެ ކަމަށެވެ.

"ސިޔާސީ މީހުންގެ ކުރިއެރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަހަތަށް ޖެހިލަން ޖެހޭ ހާލަތުގައި ފަހަތަށް ޖެހިލުން. ފަހަތަށް ނުޖެހިއްޖިއްޔާ ދެން ދުވަސް ދާނީތާ،" ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމާއި ނިއު ރޭޑިއަންޓު ސްޕޯޓްސް ކްލަބުގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވި އެވެ.

އާ މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ހޮވަން މަޖިލިހުގައި ވޯޓަށް އަހާނީ ސިއްރު ވޯޓަކުންތޯ ނުވަތަ ހާމަކޮށްތޯ ކުރާ ބަހުސާ މެދު އާޒިމް ވިދާޅުވީ، އޭނާ އަށް ތާއީދުކުރައްވާ ބޭފުޅުން ހާމަކޮށް ވެސް ވޯޓު ދެއްވަން ކެރެން ޖެހޭނެ ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ބޭފުޅަކަށް ފާޅުގައި ތާއީދު ކުރައްވާ ނަމަ، އެމަނިކުފާނުގެ ވިސްނުންފުޅާ ދެކޮޅަށް ވޯޓު ދެއްވަން ކެރިވަޑައިނުގަންނަވާ ބޭފުޅުން ތިއްބަވާނެ ކަމަށް ވިދާޅުވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ނަޝީދަށް އެމްޑީޕީގެ މެމްބަރުން ކުރާ އިހުތިރާމުގެ ސަބަބުންނެވެ. ޚާއްސަކޮށް މި ފަހަރު މަޖިލިހަށް އަލަށް އިންތިޚާބުވި ބައެއް ބޭފުޅުން، ނަޝީދު ބޭނުންފުޅުވާ ގޮތާ ޚިލާފަށް އަމަލު ކުރަން ފުރަތަމަ ދުވަސްވަރު ހިތްވަރު ނުހުންނާނެ ކަމަށް އާޒިމް ގަބޫލު ކުރައްވަ އެވެ.

އާޒިމް ދެކެވައިގަންނަވާ ގޮތުގައި މިފަދަ ވޯޓުތައް އެހެން ގައުމުތަކުގައި ވެސް ސިއްރު ކޮށްފައި ވަނީ އެތައް ބައެއްގެ ރައްކަލަކަށްޓަކަ އެވެ. އަދި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހޮވުމުގެ ވޯޓު ވެސް ސިއްރު ކޮށްފައިވާއިރު، މަޖިލިހުގެ ރައީސަކު ހޮވުމުގެ ވޯޓު ހާމަކުރަން މިހާރު ބަޔަކު ވަކާލާތު ކުރާތީ އޭނާ ސުވާލު އުފެއްދެވި އެވެ. "މިސާލަކަށް މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ނޫނިއްޔާ އަޅުގަނޑު ނޫނިއްޔާ އެހެން ބޭފުޅަކު ހޮވުނީ. ހޮވުނީމާ، ވޯޓު ނުދޭ މީހާއާ މެދު ހިތްކަޅު ވާނެ. ރަނގަޅެއް ނުވާނެ. ބޭފުޅަކު މި ހޮވަނީ ވަރަށް ބާރުގަދަ ޕޯސްޓަކަށް. ވަރަށް ބައިވަރު ކަންތައް [މަޖިލިހުގެ ރައީސަށް] ކުރެވޭނެ. މިސާލަކަށް މަޖިލިހުގެ ވަރަށް މުހިންމު ދަތުރުތައް ރައީސްގެ އަތްޕުޅުގައި އޮންނަ ކަމެއް އެއީ. އަޅުގަނޑު މި ނިންމާލަނީ ފަސް އަހަރުގެ ޓާމެއް އެންމެ ދަތުރަކު ވެސް ނުގޮސް. އަޅުގަނޑުމެން އިދިކޮޅުގައި ތިބުމާއި މަސީހަށް އެވަރަށް ކްރިޓިސައިޒް ކުރީމާ ދަތުރެއް ނުލިބޭ،" އާޒިމް ވިދާޅުވި އެވެ. "އެހެންވީމާ [ވޯޓު] އެހާ ހާމަވުމަކީ އުނދަގޫ ކަންކަން ކުރިމަތިވާނެ ކަމެއް."