ނިންމުމަށް ސަތޭކަ، ދެން އޮތީ މި ސުވާލު!

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން މާ ލަސް ވެސް ވެއްޖެ އެވެ؛ ނިންމުން ބަރާބަރެވެ.


މިއީ، ދުންފަތާ ދެކޮޅަށް މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ފާސްކުރި ގަރާރާ އެކު ގިނަ ބައެއްގެ ޝުއޫރެވެ. އެ ގަރާރަކީ، ދިރިއުޅޭ ކުދި ގޮޅިތަކުން މަގުތަކަށް ނުކުތުން ވެސް ބޮޑު އަންދާނަކަށް ވެފައި ތިބި އާއްމުންގެ ހިތަށް ކުޑަ ނަމަވެސް ލިބުނު ހިތްހަމަޖެހުމެކެވެ.

ސިޓީ ކައުންސިލްގެ ގަރާރަށް ތާއީދުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް.

ގެއިން ބޭރަށް ފިޔަވަޅު އަޅަން ޖެހެނީ ދުންތަކުގެ ތެރެއަށެވެ. ވެހިކަލްތަކުން ފުރިބާރުވެ، އަރާ ދުމުން ސަލާމަތްވެވޭނެ ގޮތެއް ނެތް ތަނުގައި، މޫނަށް ބުރުވާ ސިނގިރެޓް ދުމުގެ ނުރައްކާ އެހާ ބޮޑެވެ. އެކަކަށް ހިނގާލެވޭހާ ޖާގަ އޮންނަ ދުވާރަކީ ސިނގިރެޓް ބޯ ގިނަ ބައެއްގެ ޖަގަހަ އެވެ. އެ މީހުންގެ ހަށިގަނޑަށް ފޮނުވާލާ ވިހަ އިން އެހެން މީހުންނަށް ވެސް ސަލާމަތްވެވޭކަށެއް ނޯވެ އެވެ. ދުންތައް ފޮނުވާލަނީ އެހެން މީހުންގެ މޫނަށެވެ. އުމުރު ފުރައަކަށް ނުބަލަ އެވެ. އެ މީހުންގެ ހިތްހަމަޖެހުމަށް، އެހެން މީހުންގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލަނީ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ވިސްނުމަކީ އާއްމުންގެ މި ތަކުލީފަށް ލުޔެއް ހޯދައިދޭށެވެ. ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާކޮށް، ކައުންސިލުން ފާސްކުރި ގަރާރުގައި ވަނީ، ހަ މަސް ފަހުން މާލޭގެ ހުރިހާ މަގުތަކެއްގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން ހުށަހަޅައިފަ އެވެ.

މިއީ ރާއްޖޭގައި އަލަށް ފަށަން އުޅޭ ކަމެއް ނޫނެވެ. ގިނަ ގައުމުތަކެއްގައި މިކަން ތަންފީޒުކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

މާލޭގައި މިހާރު ވެސް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ސިނގިރޭޓު ބުއިން މަނާކުރުމާ ގުޅޭ ކަންކަން ރަނގަޅަށް ތަންފީޒު ނުކުރެވުން.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސެއިން ރަޝީދު "މިހާރު" އަށް ވިދާޅުވީ އާއްމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާ ގުޅިގެން ކައުންސިލުން ފާސްކުރި ގަރާރަކީ، މަގުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ. ދެން އޮތީ، ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މަޝްވަރާ ކުރުން ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ގަވާއިދެއް ހަދައި، އެކަން ތަންފީޒުކުރަން ކައުންސިލުން ބާރުއަޅާނެ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލްގެ ވިސްނުމަކީ އާއްމުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުން ކުރިއަށް ދަނީ: ކައުންސިލްގެ ގަރާރާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަން ވަނީ ނިންމާފައި.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި އޮތީ، މަގުތަކުގައި ދުންފަތް މަނާކުރުމުގެ ބާރު ދީފަ އެވެ. އެކަމަކު، މާލޭ ސިޓީ ކައުންސިލަކަށް ނޫނެވެ. އެ ބާރު ދީފައި ވަނީ، ގާނޫނުގެ ދަށުން އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑަށެވެ.

ދުންފަތް ކޮންޓްރޯލްކުރާ ބޯޑަށް ދީފައިވާ ބައެއް ބާރުތައް

- ދުންފަތުން އާއްމުން ރައްކާތެރިކުރުމަށް ހިންގާ ކަންކަމުގައި ލަފަޔާއި މަޝްވަރާ ދިނުން.

- ދުންފަތް ބޭނުންކުރުމުންނާއި ދުންފަތަށް ހުށަހެޅުމުން، އާބާދީގެ ސިއްހަތަށް ކުރާ އަސަރާއި ފަރުދުންގެ ސިއްހަތަށް އަންނަ ބަދަލު ދެނެގަނެ ދިރާސާތައް ކުރުން.

- ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގޮތުން ގައުމީ ފެންވަރުގައި ކުރާނެ ކަންތައްތައް ކަނޑައަޅައި ކެބިނެޓަށް ލަފާ ދިނުން.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ މިނިސްޓަރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމަށް ބާރު އެޅުން.

ގާނޫނު ތަންފީޒު ކުރުމަށް ހަދަން ޖެހޭ އެންމެހާ ގަވާއިދުތައް ހެދުން.

ނުސީދާ ދުމުން އާއްމުން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވެފައިވާ ކަން ފާހަގަކުރައްވައި، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވެސް ވިދާޅުވީ، މަގުތަކުގައި ދުންފަތް މަނާކުރުމުގެ ގަވާއިދު ހެދުމުގެ ޒިންމާ އޮތީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑަށް ކަމަށެވެ.

އުޝާމްގެ ޓުވީޓް.

އެކަން އެ ބޯޑުން ވެސް ގަބޫލުކުރެ އެވެ.

އެ ބޯޑުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދުންފަތުގެ ގަވާއިދަށް މިހާރު އަންނަނީ ބޮޑެތި އިސްލާހުތަކެއް ގެންނަމުންނެވެ. އެ ބަދަލުގެ ތެރޭގައި، މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަމުން އަންނަނިކޮށް، ކައުންސިލްގެ ނިންމުމަކީ ބޯޑަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި ސިފަކޮށް، ކައުންސިލްގެ ނިންމުމަށް މަރުހަބާ ދެންނެވި އެވެ.

"ނުސީދާ ދުމުން ރައްކާތެރިވުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް. އެކަމަކު މިހާރު، މި އޮންނަނީ ރައްކާތެރިވެވޭ ގޮތަކަށް ނޫން. ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެކަން ހިމަނަން ނިންމީ އެ ސަބަބަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މަގުތަކުގައި ދުންފަތުގެ އިސްތިއުމާކުރުން މަނާ ނުކޮށްގެން އާއްމުން ވަރަށް ގިނައިން ބޯޑާ ސުވާލު ވެސް ކުރެ އެވެ. އެހެންކަމުން އެއީ، އާއްމުން އިންތިހާ އަށް އެދި ތިބި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ!

މިކަން ވާނެ ހެއްޔެވެ؟

ކައުންސިލްގެ އިސް ނެގުމާ އެކު ދުންފަތް ކޮންޓްރޯލް ކުރާ ބޯޑާއި އެހެން ވެސް ކަމާގުޅުން ހުރި އިދާރާތަކުން އެ ގޮތަށް ނިންމައިފި ނަމަ ވެސް ތަންފީޒު ކުރެވިދާނެތޯ ސުވާލު އުފައްދަނީ ސަބަބުތަކެއް ހުރީމަ އެވެ.

އާއްމު ތަންތަނާއި ހުއްދަ ނުނަގައި ކެފޭ/ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތަށް 2013 ގައި ވަނީ ގަވާއިދެއް ހަދައިފަ އެވެ. އެ ގަވާއިދުގައި ކަނޑައަޅާފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާކްކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.

ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ތަންތަނުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ޕާކުތަކާއި ފެރީ ޓާމިނަލްތަކާއި ސައި ހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަނާއި އެ ނޫން ވެސް ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގެ އިތުރުން މީހުން ގިނައިން އެއްވެއުޅޭ ތަންތަން ހިމެނެ އެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ތަންތަނުގެ ތެރޭގައި މަގުމައްޗަށް ނުކުންނަން ހުންނަ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތަކުގެ ކުރިމަތި ވެސް ހިމެނެ އެވެ. ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތަކުގެ ކުރިމަތި ކަމަށް ބަލަނީ ދޮރު ހުރި ހިސާބުން ވަށައިގެން 10 ފޫޓުގެ ދުރު މިނެވެ.

ގަވާއިދުގައި އޮންނަ ގޮތުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ. އެ ފައިސާ ދައްކާ ގޮތަށް ހަމަޖައްސާފައި އޮންނަނީ މީރާ އަށެވެ.

އެ ގަވާއިދާ އެއްގޮތަށް، ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާ ބޮޑެވެ. އެކަމަކީ، ގަވާއިދާ ޚިލާފަށް ޕާކުކުރާ ސައިކަލްތަކުގައި ސްޓިކާ ޖަހާ ފޯރީގައި، ފުލުހުން ކުރާ ހިތްވާ ކަމެއް ނޫނެވެ. މަނާތަނެއްގައި ސިނގިރެޓް ބޯން އިންދައި ރިޕޯޓް ކުރިއަސް މިހާތަނަށް ފިޔަވަޅު އަޅާފައި ވަނީ މަދު ފަހަރެއްގަ އެވެ.

މަގުތަކުގައި ދުންފަތް މަނާކޮށްގެން، އެކަން ތަންފީޒު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދެނީ އެ ހިސާބުންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ އޮފިޝަލް ވިދާޅުވީ މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުން ފިޔަވަޅު އެޅުން މިހާރު އިތުރުވެފައިވާ ކަމަށެވެ. ފުލުހުން ގޮސް ޖޫރިމަނާ ކުރަން ފެށުމުން، އެ ފައިސާ މީރާ އަށް ދައްކަމުން އަންނަ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހާ އުސޫލުން، ދުންފަތުގެ ގަވާއިދު ތަންފީޒުކުރަން އުޅެފި ނަމަ ކާމިޔާބުވާނެ ކަމަށް އެއް ބަޔަކު ދެކެ އެވެ.