ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު "ބަޣާވާތަކުން" ވައްޓައެއް ނުލެވޭނެ ކަމަށާއި އިންތިގާލީ މަރުހަލާއަކަށް ވެސް ފުރުސަތެއް ނެތް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ކައުންސިލުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، މަގާމަށް އައްޔަން ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ "ބަޣާވާތަކުން" ސަރުކާރު ވައްޓާލަން އުޅޭ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ކުރަން އުޅުނަސް އެއީ ނުވާނެ ކަމެއް ކަމަށެވެ. މި ސަރުކާރު 2018 އާ ހަމައަށް ދެމި އޮވެ، އޭގެ ފަހުން ދެން އޮތް ދައުރުގައި ވެސް ވެރިކަން ކުރައްވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރަކީ އެހާ ފަސޭހަ އިން ވެއްޓޭ އެއްޗެއް ނޫން. ސަރުކާރު ބަދަލުވާނީ ވޯޓުން. މި ސަރުކާރު ނުވެއްޓޭނެ،" ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރެއްގައި ކުރިއަށް ނުގެންދާވަރުގެ ގިނަ މަޝްރޫއުތަކެއް ރައްޔިތުންނަށްޓަކައި މި ސަރުކާރުން ކުރިއަށް އެބަގެންދެ އެވެ. ރައްޔިތުންގެ ކުރިމަތީގައި ފެންނަ އެ ހަގީގަތް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަ ދިފާއުކުރައްވައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވެސް ވިދާޅުވީ ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގައި ސަރުކާރު ބަދަލުކުރުމުގެ ވާހަކަތަކެއް ނުސީދާގޮތެއްގައި ބަޔަކު މީހުން ދެއްކިޔަސް އެ ފުރުސަތެއް ނެތެވެ. ރާއްޖޭގައި ގާނޫނާ ހިލާފު ކަންކަން ނުކުރެވޭނެ ކަމަށާއި އެއަށް ވުރެ ސަލާމަތީބާރުތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލިސް ފަދަ މުއައްސަސާތައް ވަރުގަދަ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުމެއް ނުވޭ ރާއްޖޭގެ އަމާންކަން ގެއްލުވާލާކަށް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖޭގައި ބަޣާވާތްކުރާކަށް ފުރުސަތެއް ނެތް. ހަމަޖެހުން ނަގާލައި ހަލަބޮލިކުރާކަށް ވެސް ފުރުސަތެއް ނެތް."
ސަރުކާރު ވައްޓާލަން ފުރުސަތެއް ނެތް ކަމަށް ނައިބު ރައީސް ވިދާޅުވިއިރު، ސަރުކާރު ވައްޓާލަން އިދިކޮޅު މީހުން ރޭވުންތަކެއް ރާވަމުންދާ ކަމަށް ވިދާޅުވެ އެކަން ކުށްވެރިކޮށް ކެބިނެޓްގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލިސް މެމްބަރުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުގެ ދިފާއުގައި މިގޮތަށް ވާހަކަ ދައްކަވަން ފައްޓަވާފައި މިވަނީ، ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާހިލާފަށް ކުރާ ކަންކަން ހުއްޓުވައި އިންތިގާލީ ސަރުކާރެއް ގާއިމްކުރަން މަސައްކަތް ކުރަމުން އަންނަ ކަަމަށް އިދިކޮޅު އިއްތިހާދުން ބުނެފައި ވަނިކޮށެވެ.
އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ހަފުތާއެއްހާ ދުވަސްކުރިން ސްރީ ލަންކާ އަށް ވަޑައިގެން ހުންނެވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އެ ގައުމުގެ އެހީތެރިކަން ހޯދަން ކަމަށް ދިވެހި ސަރުކާރުން ތުހުމަތުކުރެ އެވެ.