ޖީއެމްއާރުން ޓެކްސް ދައްކަން ނުޖެހޭ ކަމަށް އޭޖީ ރިފްއަތު ލަފާ ދެއްވިތޯ ސާފުކޮށްދޭން ޖެހޭ: އުޝާމް

އިންޑިއާގެ ޖީއެމްއާރު ކުންފުނިން ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާ ދެއްވިތޯ ސާފުކޮށް ދެއްވަންޖެހޭ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.


ޖީއެމްއާރުން ރާއްޖެއަށް ޓެކްސްގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (360 މިލިއަން ރުފިޔާ) ދައްކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރު ޖީއެމްއާރަށް އަންގާފައިވެ އެވެ. އެކަމަކު އެ ފައިސާ މިހާތަނަށް ނުދައްކާ ކަމަށް ވަނީ އެނގިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ލަފާ ދެއްވާފައިވަނީ ވެސް އެ ފައިސާ ސަރުކާރަށް ދެއްކުމަށެވެ.

އެކަމަކު، ޖީއެމްއާރުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ފައިސާ އަދިވެސް ނުދައްކާ ކަމަށް "މިހާރު" ގައި މިއަދު ޖެހި ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ، އެއީ ދައްކަން ނުޖެހޭ ފައިސާ ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް ރިފްއަތު ލަފާ ދެއްވިތޯ ސާފުކޮށްދެއްވަންޖެހޭ ޖެހޭ ކަމަށެވެ.

މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ހޮވިވަޑައިގެންފައިވާ އުޝާމް ވިދާޅުވި ގޮތުގައި، ޖީއެމްއާރުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގަމުން ދިޔައިރު، އެ ކުންފުނީގެ ވަކީލެއްގެ ގޮތުގައި ވެސް ހުންނެވީ ރިފްއަތެވެ.

އުޝާމްގެ ޓްވީޓް

މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ޖީއެމްއާރާ ހަވާލު ކުރުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް އެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައެޅި އެވެ.