ފުލުހުން ދިއްފުށި ބަލަހައްޓަން ފަށައިފި

ކ. ދިއްފުށީގައި މިދިޔަ ހަފްތާ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވާން ފަށައިފި އެވެ.


މިއީ ފުލުހުން ގާއިމްވެ ހުންނަ ރަށެއް ނޫނެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު އެ ރަށުގަ ކުރި ވައްކަމާއި ހިންގި މާރާމާރީތަކަށް ފަހު ފުލުހުން އަންނަނީ އެ ރަށުގެ ހާލަތު ބަލަހައްޓަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ރަށުގެ އާންމު ހާލަތު މިހާރު ރަނގަޅު ކަމަށެވެ. އަދި އެ ރަށުގެ ހާލަތު އެއްކޮށް ހަމައަކަށް އެޅެންދެން އެ ރަށް ބަލަހައްޓާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެ ރަށުތެރެ ޕެޓްރޯލްކުރުމާއި ސައިކަލުތައް ބަލާ ފާސްކުރުން ވެސް ހިމެނެ އެވެ.

"އެހެން ނަމަވެސް ހަމަނުޖެހުންތައް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ކުރި ޓްވީޓެއް

މިދިޔަ ބުދަ ދުވަހުގެ ރޭ އެ ރަށު ކައުންސިލަރު އިބްރާހިމް ސާޖިދުގެ ގޭގެ ފިހާރައިން 180،000ރ. ހުރި ތިޖޫރިއެއް ވަނީ ވަގަށް ނަގައިފަ އެވެ. އޭގެ ބައެއް ފައިސާ އެ ރަށުގެ ރައްޔިތުން ވަނީ ކައުންސިލަރުގެ ގެއާ ޖެހިގެން ހުރި ގެއިން ހޯދައިފަ އެވެ. އަދި ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އާންމުންގެ ތެރެއަށް ވަދެ ދެ މީހަކަށް ވަޅިން ހަމަލާ ވެސް ދިނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ފިހާރައިން ވަގަށް ނެގި އެއްވެސް ފައިސާއެއް އެ ތަނުން ކުރި ތަހުގީގުން އަދި ހޯދިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު މީހެއް ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ވައްކަން އާންމުވެފައިވާ އެ ރަށުގައި ވައްކަން ކުރާ ގްރޫޕެއް އޮވެ އެވެ. އަދި ކައުންސިލަރު ސާޖިދުގެ ގޭގެ ފިހާރައިން ދެ ލައްކަ ރުފިޔާ މީގެ ކުރިން ވަގަށް ނަގާފައިވާ ކަމަށް ވެސް ސާޖިދު ކުރިން ވިދާޅުވެފައި ވެ އެވެ.