ދިއްފުށީ ހަމަނުޖެހުން: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ކ. ދިއްފުށީގައި ރޭ ވަޅިން ހަމަލާދީ ދެ މީހަކު ޒަހަމުކޮށްލުމާއި އެ ރަށު ފަޅު ތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ރޯކޮށްލި މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.


ދިއްފުށީ ލަވްލީގާޑް ކިޔާ ފިހާރައެއް ފަޅާލައި 180،000 ރުފިޔާ ވަގަށް ނެގި މައްސަލާގައި ވަގު ހޯދުމަށް ރޭ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުތުމުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ އެ މީހުންގެ ތެރެއަށް ވަދެ ދެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފަ އެވެ. އެ ވަގުތު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކަށް ހަމަލާދީފަ އެވެ.

އޭގެ ތެރެއިން ވަޅި ހެރުމުން ޒަހަމްވި އެކެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ވަޅި ހެރި މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ އޮތީ އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފަ އެވެ.

ދިއްފުށީގައި އާއްމުކޮށް ވައްކަންތައް ކުރާ ކަމަށް ތުހުމަތު ކުރެވޭ ގުރޫޕުން ގެންގުޅޭ ޑިންގީގައި ބަޔަކު ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އޭތި ވަނީ އަންދާލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހިންގި ހަމަނުޖެހުންތަކާއި އެ ޑިންގީގައި ރޯކޮށްލުމާ ގުޅުމެއް އޮތްކަން އަދި ޔަގީން ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދިނެވެ.

ދިއްފުށީ ކައުންސިލް މެމްބަރު އިބްރާހިމް ސާޖިދު ރޭ ވިދާޅުވީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބޮޑު ގުރޫޕެއް އެ ރަށުގައި އޮންނަ ކަމަށެވެ.