އައްޑޫ ރިހެބް އިންޑިޔާގެ އެހީގައި

އިންޑިއާއިން ރާއްޖެ އަށް ދީފައިވާ އެހީން އައްޑޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް އަޅަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


މި ރިހެބިލިޓޭޝަން ސެންޓަރު އަޅަން ނިންމީ ރާއްޖެ އަށް ދީފައިވާ 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ) ގެ އެހީގެ ތެރެއިންނެވެ. މި މަޝްރޫއަށް ހޭދަ ވާނީ ހަ މިލިއަން ރުފިޔާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުދޫގައި އަޅާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އައްޑޫގައި ގިނަ ނަމަވެސް އެ މީހުންނަށް ފަރުވާ ދޭނެ ތަނެއް ނެތް ކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ. އަދި މި ސެންޓަރު ހެދުމުން އެ މީހުންނަށް އެއިން ސަލާމަތްވުމުށް ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ސެންޓަރުގެ އިމާރާތް އެޅުމުގެ އިތުރުން އެ ތަން ހިންގަން ބޭނުންވާ ކައުންސިލަރުންނާއި ސޯޝަލް ވޯކަރުން ތަމްރީން ކުރުމުގައި ވެސް މި މަޝްރޫއުގެ ދަށުން އެހީ ވެދޭނެ އެވެ.

މީގެ އިތުރުން އެ ގައުމުން ދީފައިވާ އެހީ ބޭނުންކޮށްގެން ދެ ރަށެއްގައި އައިސް ޕްލާންޓެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ. ޖުމްލަ އަށް މިލިއަން ރުފިިޔާ ހޭދަވާ މި މަޝްރޫއުގެ ދަށުން ދެ ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމްކުރާނެ އެވެ. މި ޕްލާންޓުތައް ގާއިމްކުރާނީ މަސްވެރިން ގިނަ ދެ ރަށެއްގައި ކަމަށް އެ މިނިސްޓްރީން ބުނި ނަމަވެސް، އެއީ ކޮން ދެ ރަށެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މި މަޝްރޫއުގެ ދަށުން ވެސް އެތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުން ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް ބޭނުންވާ މަޝްރޫއުތަކަކަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހިލޭ އެހީ ދިނީ އެ ގައުމުގެ އޭރުގެ ފޮރިން މިނިސްޓަރު ޝުޝްމާ ސްވަރާޖް މިދިޔަ މާޗު މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. ފެހެންދޫ ސްކޫލް ދަރިވަރުންނަށް ބޭނުންވާ ފެރީ ވެސް ގާއިމްކުރަން ނިންމީ އިންޑިއާއިން ރާއްޖެ އަށް ދިން އެހީ މެދުވެރިކޮށް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފައި ވެ އެވެ.