ނައިބު ރައީސުންނަށް އިނާޔަތް ދޭން ގިނަ މެމްބަރުން ދެކޮޅު!

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭން ފާސްކުރި ބިލަކީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން އެ ބިލާ މިއަދު ދެކޮޅު ހައްދަވައިފި އެވެ.


ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް 18 ވަނަ މަޖިލިހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އެ ބިލް މަޖިލިހުން ފާސްކޮށްފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިލް ތަސްދީގެއް ނުކުރެއްވި އެވެ. އަދި މެމްބަރުން އަލުން ވިސްނެވުމަށް އެމަނިކުފާނު ވަނީ 19 ވަނަ މަޖިލިހަށް ބިލް ފޮނުއްވައިފަ އެވެ.

ބިލަށް ބަހުސް ކުރައްވަމުން އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވީ ނައިބު ރައީސުންނަށް ކޮންމެވެސް ކަހަލަ އިނާޔަތެއް ދޭން ވާނެ ކަމަށެވެ. އެކަމަކު، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިންނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ،

"ޖަޕާނު މަސް އުފަންވާ ހެން ނައިބުން އުފަންވާ ގައުމެއްގައި މި އިނާޔަތް ދޭން އަޅުގަނޑުމެންނަށް ނިންމިއްޖެ ނަމަ، ދައުރެއްގެ ތެރޭގައި ވިއްސަކަށް ނައިބުންނަށް ދައުލަތުން ބަލަދު އަރާފާނެ ކަމަށް ގަބޫލު ކުރެވޭ. އެހެންވީމަ މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން،" -- ނަސީމް

"ގާނޫނުއަސާސީގައި ވެރިކަން ކުރާ ގޮތާއި ނައިބު ރައީސުން ކަން ކުރަންވީ ގޮތް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް. އެކަމަކު އެ އުސޫލެއްގެ މައްޗަކުން ނޫން މިއަދާ ހިސާބަށް ދިޔައީ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި 10 އަހަރުގެ ތެރޭގައި ދެ ނައިބު ރައީސުން ފެންނަން ޖެހުނު ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ހަތަރު ނައިބު ރައީސުން ފެނުނެވެ. އަދި މަގާމެއް ލިބިވަޑައިގަތީއޭ ކިއާފައި، ދައުލަތުން މަންފާ ހޯދަން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ވަނަވަރަށް ބަލާ އިރު، ތިއްބެވީ އިންތިހާ އަށް އާމްދަނީ ލިބިވަޑައިގަންނަވާ ބޭފުޅުން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އަދި އެބޭފުޅުންނަށް އިނާޔަތް ދިނުމަށް ވުރެ، ފެން ބޮޑުވެގެން ހާލުގައި އުޅޭ މީހުންނަށް އެއްޗެއް ދިނުން މާ ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މިނިވަން މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ މިހާރު ބިލް އޮތް ގޮތަށް ފާސް ކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އެގޮތުން ބިލް ފާސް ކުރަން ބޭނުންވާ ހާލަތެއްގައި ނަމަ، އިނާޔަތް ލިބެން ވާނީ އިންތިހާބީ ނައިބު ރައީސުންނަށާއި ވަކި މުއްދަތަކަށް މަގާމު އަދާކުރައްވާ ބޭފުޅުންނަށް އެކަނި ކަމަށް ވިދާޅުވި އެވެ.

"ޖަޕާނު މަސް އުފަންވާ ހެން ނައިބުން އުފަންވާ ގައުމެއްގައި މި އިނާޔަތް ދޭން އަޅުގަނޑުމެންނަށް ނިންމިއްޖެ ނަމަ، ދައުރެއްގެ ތެރޭގައި ވިއްސަކަށް ނައިބުންނަށް ދައުލަތުން ބަލަދު އަރާފާނެ ކަމަށް ގަބޫލު ކުރެވޭ. އެހެންވީމަ މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން،" ނަސީމް ވިދާޅުވި އެވެ.

މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ބިލްގައި ވަރަށް ބޮޑެތި މައްސަލަތަކަކާއި ގާނޫނުއަސާސީއާ ފުށުއަރާ ކަންކަން ހުރި ކަން ރައީސް އޮފީހުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ، މި ބިލް މަޖިލިހުގެ ތަޅުމުން ބަލައި ނުގަތުމަށް އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް ބިލަށް ތާއީދު ކުރައްވައި ސަލީމް ވިދާޅުވި ގޮތުގައި ބިލް ހުށަހެޅުއްވީ އޭނާގެ ގާތް މީހަކު ނައިބު ރައީސް ކަމަށް ވަޑައިގަތުމުގެ ވިސްނުމެއް ގެންގުޅޭތީއެއް ނޫނެވެ. ބިލް ފާސް ކުރީ ވަރަށް މާތް މަގްސަދެއް އޮވެގެން ކަމަށް ވާތީ، ނައިބު ރައީސުންނަށް އިނާޔަތެއް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ނައިބު ރައީސުންނަށް ކޮންމެވެސް ވަރެއްގެ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް،" ސަލީމް ވިދާޅުވި އެވެ.

ބިލްގައިވާ ގޮތުން ނައިބު ރައީސުންނަށް މާލީ އިނާޔަތް ލިބޭނީ ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރާ ނަމަ އެވެ. މީގެކުރިން ނައިބު ރައީސުން މަގާމުން ވަކިވާ ހިސާބުން މުސާރަ އާއި އިނާޔަތްތައް ދޭނެ ވަކި ގާނޫނެއް ނެތެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް މަޖިލިހުން ފާސް ކުރި އިރު، ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވި އެވެ. މީގެ ތެރެއިން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

ބިލްގައިވާ ގޮތުން ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދޭން ވާނެ އެވެ. އަދި ރާއްޖޭންނާއި ރާއްޖޭން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައިވެ އެވެ. އަދި ނައިބު ރައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

އޮގަސްޓް 7، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައި ބުނާ އިރު، ބިލްގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ އެވެ.

ގާނޫނުއަސާސީއާ ހިލާފު ބައެއް ކަންކަން ބިލްގައި ހުރި ކަން ފާހަގަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ބިލް ފާސްކޮށްފި ނަމަ، ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ލަފާ ކުރެވޭތީ ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަން ޖެހޭ ކަމަށެވެ.