ކުރީގެ ނައިބު ރައީސުންނަށް 35،000ރ. ގެ އިނާޔަތެއް ދޭން މަޖިލިހުން ފާސްކޮށްފި

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުށަހެޅުއްވި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމުގެ ބިލް މަޖިލިހުންގެ ވަގުތީ ކޮމިޓީން ގެނައި ބަދަލުތަކާ އެކު، މަޖިލިހުގެ ތަޅުމުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ ތެރެއިން 32 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަލީމްގެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް 12 މެމްބަރުން ވޯޓު ދެއްވި އެވެ.

އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.

ވަގުތީ ކޮމިޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައި އިރު، ނައިބު ރައީސުންނަށް މާލީ އިނާޔަތް ލިބޭނީ ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރާ ނަމަ އެވެ. މީގެކުރިން ނައިބު ރައީސުން މަގާމުން ވަކިވާ ހިސާބުން މުސާރަ އާއި އިނާޔަތްތައް ދޭނެ ވަކި ގާނޫނެއް ނެތެވެ.

މީގެއިތުރުން ނައިބު ރައީސަކު އެދިއްޖެ ނަމަ، މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ދައުލަތުގެ ހަރަދުގައި ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެ ކަމަށް ބިލްގައިވެ އެވެ. އަދި ނައިބު ރައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް މަޖިލިހުން ފާސް ކުރި އިރު، ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވި އެވެ. ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ބިލްގައިވާ ގޮތުން ކުރީގެ ނައިބު ރައީސުންނަށް މަހަކު 35،000ރ. ލިބިވަޑައިގަންނަވާނެ.--ފޮޓޯ/މަޖިލިސް

ކޮމިޓީން ބިލަށް ގެނައި ބަދަލުގައިވާ ގޮތުން ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދޭން ވާނެ އެވެ. އަދި ރާއްޖޭންނާއި ރާއްޖޭން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

މީގެއިތުރުން ނައިބު ރައީސަކު އެދިއްޖެ ނަމަ، މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ދައުލަތުގެ ހަރަދުގައި ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެ ކަމަށް ބިލްގައިވެ އެވެ. އަދި ނައިބު ރައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

އޮގަސްޓް 7، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައި ބުނާ އިރު، ބިލްގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ އެވެ.

ކޮމިޓީން ބިލަށް ގެނައި ބަދަލުގައިވާ ގޮތުން ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދޭން ވާނެ އެވެ. އަދި ރާއްޖޭންނާއި ރާއްޖޭން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

ނައިބު ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ކަމަށް ވެސް ސަލީމް ހުށަހެޅުއްވި ބިލަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. ބިލަށް އަމަލު ކުރަން ފާށާނީ ބިލް ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ދައުލަތުގެ ބަޖެޓުން މިހާރު އިނާޔަތް ދެނީ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށެވެ. އެގޮތުން، އޮފީސް ހިންގުމުގެ ޚަރަދާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށާއި މާލީ އިނާޔަތުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ބަޖެޓުގައި ކޮންމެ އަހަރަކު ވެސް ހިމަނަ އެވެ.

ސަލީމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ނައިބު ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން މަގުމަތިވެފައިވާ ކަމަށާއި އެ ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަމާއި އިނާޔަތް ލިބެން ޖެހޭނެ ކަމަށެވެ. އެކަމަކު، އެހެން ބައެއް މެމްބަރުން ވިދާޅުވީ މިފަދަ ބިލެއް ފާސް ކުރުމުގެ ކުރިން ދައުލަތުގެ ބަޖެޓުން އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.