މޯދީގެ ދަތުރުގައި، ތަމްރީނު ދޭ މަރުކަޒު ހުޅުއްވައި ރާޑަރު އިފުތިތާހު ކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ އަށް ފައްޓަވާ ދަތުރުފުޅުގައި، އެ ގައުމުން ރާއްޖޭގައި ގާއިމް ކުރަމުން އަންނަ ރާޑަރު ސިސްޓަމްތައް އިފުތިތާހު ކޮށްދެއްވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ވިދާޅުވީ، ޅ. މާފިލާފުށީ ގައި ހަދާފައިވާ ސިފައިންގެ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު މޯދީ ހުޅުއްވައި ދެއްވައި، ރީޖަނަލް ރާޑަރު ސިސްޓަމް އިފުތިތާހު ކޮށްދެއްވާނެ ކަމަށެވެ.

"އެކަން ކުރައްވާނީ ރިމޯޓް ލިންކަކުން،" ޚަލީލް ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލް ދެއްވަމުން ޚަލީލް ވިދާޅުވީ، ރަސްމީ ހުރިހާ ޕްރޮގްރާމްތަކެއް މާދަމާ ރޭ ނިމޭނެ ކަމަށެވެ. މޯދީ ރާއްޖެ އިން ފުރާވަޑައިގަންނަވާނީ އާދިއްތަ ދުވަހުގެ ހެނދުނެވެ.

އިންޑިއާ އިން ރާއްޖޭގައި ގާއިމް ކުރަމުން އަންނަ ކޯސްޓަލް ރާޑާ ސިސްޓަމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މޯދީގެ ދަތުރުފުޅުގެ ރަސްމީ ޕްރޮގްރާމް

މޯދީ އަށް މާލެ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހަވީރު 4:00 ގައި ޖުމްހޫރީ މައިދާނުގަ އެވެ. އެ އަށް ފަހު އޭނާ ރައީސް އޮފީހަށް ވަޑައިގެން ދެ ގައުމުގެ ރަސްމީ ވާހަކަތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބާއްވަވާނެ އެވެ. ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކުގައި ސޮއިކުރުން އޮތީ ރަސްމީ ވާހަކަތަކަށް ފަހު އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޮދީ މާދަމާ ހަވީރު ރާއްޖެ ވަޑައިގަންނަވާނެ.

އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯދީ ބާއްވަވާ ގުޅިފައިވާ ޕްރެސް ކޮންފަރެންސެއް ވެސް އޮންނާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނީ އޭގެ ފަހުންނެވެ. އެއ

މޯދީގެ ޝަރަފްގައި ރައީސް ދެއްވާ ޖާފަތެއް ވެސް މާދަމާ ރޭ ކުރުނބާ މޯލްޑިވްސް ގައި އޮންނާނެ އެވެ.

މޯދީގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ދެން ބައްދަލުކުރައްވާނީ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެވެ.