ކްލެމެންސީ ބޯޑަށް ޝިފާއު، ހިއުމަން ޓްރެފިކިން ހުއްޓުވާ ކޮމިޓީ އަށް ޖީހާން

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން ބަލާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި ހިއުމަން ޓްރެފިކިން ހުއްޓުވުމުގެ ކަންތައްތައް ބަލާ ކޮމިޓީ އަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ނަން މިއަދު ފާސްކޮށްފި އެވެ.


ކްލެމެންސީ ބޯޑަށް ޝިފާއު އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެރިވެ ވަޑައިގެންނެވި 81 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ހިއުމަން ޓްރެފިކިން ހުއްޓުވުމުގެ ކަންތައްތައް ވިލަރެސްކުރާ ކޮމިޓީއަށް ޖީހާން އައްޔަންކުރީ ވެސް 81 މެމްބަރުންގެ ވޯޓުންނެވެ. މިއަދުގެ ޖަލްސާ އަށް ހާޒިރުވެ ވަޑައިގަތީ 82 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މި ދެ މެމްބަރުންގެ ނަން ފިޔަވައި އެހެން ނަމެއް މި ދެ ބޯޑަށް ހުށައެއް ނާޅަ އެވެ.

މި ދެ ބޯޑަށް އަލުން މެންބަރުން ކަނޑައަޅަން ޖެހުނީ ކުރީގެ މަޖިލީހުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އެއީ ކުރީގެ މަޖިލީހުގެ މެންބަރުންގެ ދައުރު، މަޖިލީހުގެ ދައުރު ހަމަވުމާ އެކު ނިމޭތީ އެވެ.