ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރާ އިރު މެމްބަރުންގެ މުސާރަ އާއި އިނާޔަތް މިހާރު ދެމުން އަންނަ ގޮތް ބަދަލުކުރަން އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.
އާ މަޖިލީހުގެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ގަވާއިދު އިސްލާހު ކުރަން ފަށައި އާއްމުންނާއި ޖަމިއްޔާތަކުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އަދާލަތުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި ރައްޔިތުންގެ ވެސް ކަންބޮޑުވުން ހުރި މައްސަލައެއްގެ ގޮތުގައި އޮތް މެމްބަރުންގެ މުސާރަ ދޭ ގޮތް މިހާރަށް ވުރެ ހަރުދަނާ ކުރަން އެދިފައިވެ އެވެ.
މަޖިލީހުގެ މެމްބަރެއްގެ މުސާރަ އަކީ މިހާރު 62،500ރ. އެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންނަވަ އެވެ.
މަޖިލީހަށް ހާޒިރުވެވަޑައި ނުގެން އަދި ކުރާނެ މަސައްކަތެއް ނެތި މަޖިލީސް ހުއްޓިފައި އޮންނަ އިރު ވެސް މެމްބަރުން ބަރާބަރަށް މުސާރަ ނެންގެވުމާއި މަސައްކަތުގައި ބައިވެރިވެވަޑައިނުގަތަސް ހަމައެކަނި ސޮއިކުރައްވައިގެން ކޮމިޓީ އެލަވަންސް ނަންގަވާ މައްސަލައިގައި ވަނީ ޝަކުވާ ބޮޑުވެފަ އެވެ.
އަދާލަތުގެ އެއް ހުށަހެޅުމަކީ ހިނގަމުންދާ މަޖިލީހެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނެވޭ ގޮތަށް މާއްދާއެއް އިތުރު ކުރުމެވެ. އެއާ އެކު، އެ މަހެއްގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ޖަލްސާ އަށް ހާޒިރުވާ މެމްބަރުންނަށް މުސާރަ އާއި އިނާޔަތް ދޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން އަދާލަތުން ވަނީ ހުށަަހަޅައިފަ އެވެ.
މީގެ އިތުރުން، މަދުވެގެން މަހަކު ތިން ކޮމިޓީ ބާއްވަން އަދާލަތުން ވަނީ ހުށަހަޅައިފަ އެވެ. ކޮމިޓީ އެލަވަންސް، އެ މަހެއްގައި ބާއްވާ ކޮމެޓީ ބައްދަލުވުންތަކުގެ ދެބައިކުޅަ އެއްބައި ބައްދަލުވުމަށް ހާޒިރުވާ މެމްބަރުންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރަން ވެސް އެ ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް 1500 މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި ނަމަ 14 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނާ މެދު ބަހުސްކުރަން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގޮތަށް ގަވާއިދު އިސްލާހު ކުރަން ވެސް އަދާލަތު ޕާޓީން އެދިފައިވެ އެވެ.
މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ. އެކަމަކު މި މަޖިލީހުން އެ ޕާޓީ އަށް ގޮނޑިއެއް ނުލިބުނެވެ.