މާލެ އަށް ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވެއްޖެ

މާލެ އަށް މިއަދު ހެނދުނު އާދަޔާ ޚިލާފަށް އުދައަރައި ބައެއް ސަރަހައްދުތަކަށް ލޮނުގަނޑު އެވެ.


އެންމެ ބޮޑަށް އުދަ އަރާފައި ވަނީ ކާނިވާ ސަރަހައްދުގަ އެވެ. ކާނިވަލުގެ ތެރޭގެ ބޮޑު ބައެއްގައި މިހާރު ލޮނުގަނޑު ހެދިފައިވާއިރު، އެ ސަރަހައްދުން މަގުމައްޗަށް ވެސް ވަނީ ލޮނުގަނޑު ދަތުރުކޮށްފަ އެވެ. މީގެ އިތުރުން ހެންވޭރު ރާޅުގަނޑު ސަރަހައްދަށް ވެސް އުދަ އަރައި އެ ހިސާބުގެ މަގުތަކުގައި ވަނީ ލޮނުގަނޑު ހެދިފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ބުނީ، މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރަމުން ދާތީ އެކަމާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާލޭ ސިޓީ ކައުންސިލުން އަޅަމުން އަންނަ ކަމަށެވެ. އަދި އުދަ އަރާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ނެގުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން އިލްތިމާސް ކުރެ އެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދަށް މިއަދު ހެނދުނު އުދަ އަރަނީ.

އެ އިދާރާ އިން ބުނިގޮތުގައި މާލޭގެ އިތުރުން އެހެން ރަށްރަށަށް ވެސް އުދަ އަރާކަމުގެ މައުލޫމާތު އެބަ ލިބެ އެވެ. އަދި އެކަމުގެ މައުލޫމާތު ހޯދައި މޮނީޓަ ކުރަމުން އަންނަ އިރު، އެއްވެސް ރަށެއްގައި މީހުން ދިރިއުޅޭ ގެތަކަށް އުދައިގެ އަސަރުކުރި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނެތް ކަމަށް ޑިޒާސްޓާ ސެންޓަރުން ބުނެ އެވެ.

ކާނިވާ ސަރަހައްދަށް މިއަދު ހެނދުނު އުދަ އަރައި މަގުމަތީގައި ފެން ބޮޑުވެފައި.---ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގެ ހުރިހާ ސަރަހައްދަށް މޫސުމާ ބެހޭ އިދާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވައިޓު އެލާޓް ނެރެފައިވާއިރު، އުދަ އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެ ދުވަހު ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފައިވެ އެވެ. އޭގެ ތެރޭގައި ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ހިމެނެ އެވެ.