އެމްއެމްޕީއާރުސީން ބިޑަކާ ނުލައި ރަށްތައް ދޫކުރި އިރު ކޮރަޕްޝަން ހިމެނޭ ކަމަށް 2014ގައި އޮޑިޓަރު ޖެނެރަލް އާންމު ކުރެެއްވި ރިޕޯޓާ އެކު، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ވަރަށް ކޯފާ އިސްކުރައްވައި، އޮޑިޓް އޮފީސް ރޯކޮށްލަން ވިދާޅުވި އެސްއެމްއެސްތަކެއް އަލްޖަޒީރާއިން ލީކުކޮށްލައިފި އެވެ.
"ސްޓީލިން ޕެރަޑައިސް" ނަމުގައި އަލްޖަޒީރާއިން މިއަދު އާންމުކުރި ގާތްގަނޑަކަށް 50 މިނެޓްގެ ތަހުގީގީ ރިޕޯޓުގައި، އޮޑިޓް ރިޕޯޓްގެ މައްސަލާގައި އަދީބާއި އެސްއޯ ފުލުހަކާ ދެމެދު ކޮށްފައިވާ މެސެޖްތަކެއްގެ ޓެކްސްޓް ދައްކަ އެވެ. މިއީ، އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، މިހާރު ޖަލުގައި ހުންނެވި އަދީބު ބޭނުންކުރެއްވި ތިން ފޯނުން ހޯދާފައިވާ މެސެޖްތަކެކެވެ.
"ކަލޭމެން އޮޑިޓަ ޖެނެރަލަށް ފޯކަސް ކުރަން ޖެހޭ،" ފުރަތަމަ ދެއްކި މެސެޖްގައި އަދީބު، އޮގަސްޓް 17، 2014ގައި ވިދާޅުވެފައި ވެ އެވެ.
އޭގެ ޖަވާބުގައި ފުލުސް މީހާ، "ކަންބޮޑުވާނެ ކަމެއް ނެތް" ކަމަށް ބުނެފައި ވެ އެވެ.
އަދި އޭގެ ފަހުން، ނިޔާޒުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ އެ އޮފީހުގައި ރޯކޮށްލަން ޖެހޭ ކަމަށް އަދީބު ވިދާޅުވެފައި ވެ އެވެ. އޭގެ ފަހުން ހަމަ އެސްއޯގެ އެހެން ފުލުހަކު އޮޑިޓް އޮފީސް ޗެކްކޮށްފި ކަމަށާއި އެތާނގައި ވަރަށް ގިނަ އަދަދަކަށް ކެމެރާ ހުރި ކަމަށް ބުނެފައި ވެ އެވެ.
"އޯކޭ... އެކަމަކު ކޮންމެ ފަދަ އަގަކަށް ވިޔަސް އެތާނގައި ރޯކޮށްލަން ޖެހޭ..." ކަމަށް ވިދާޅުވެ އަދީބު ވަނީ މެސެޖް ކުރައްވައިފަ އެވެ. ޖަވާބުގައި ފުލުސް މީހާ "އެކަން ކުރަމާ ހިނގާށޭ" ބުނެފައި ވެ އެވެ. ނަމަވެސް އެ އޮފީހުގައި ރޯކޮށްލާފައި ނުވަނީ ކީއްވެގެން ކަމެއް ރިޕޯޓަކު ނެތެވެ.
އަލްޖަޒީރާ އިން ވަނީ އަދީބާއި ފުލުސް މީހާއާ ދެމެދު ބަދަލުކޮށްފައިވާ މި އެސްއެމްއެސްތައް ޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒަށް ދައްކައިފަ އެވެ. އެއާ އެކު އޭނާ އަށް ލިބިވަޑައިގަތީ ޝޮކެކެވެ. ކުރިމަތީގައި އިން ލެޕްޓޮޕުގައި ހުރި އެ އެސްއެމްއެސްތަކަށް ބައްލަވަން އިންނަވާފައި، "200 އަށް ވުރެ ގިނަ މުވައްޒަފުން އެ ތަނުގައި ތެރޭގައި ތިއްބާ..."ހޭ ނިޔާޒަށް ވިދާޅުވެވެ އެވެ. "އަޅުގަނޑަށް ގަބޫލު ވެސް ނުކުރެވޭ."
މިކަން އޭނާ ސިފަ ކުރައްވާފައި ވަނީ ދައުލަތުން ހަރަދުކޮށްގެން ހިންގާ "ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގަ" އެވެ.
"މިއީ މުޑުދާރު ސަރުކާރެއް،" ލިބިވަޑައިގަތް ހައިރާން ކަމާ އެކު ނިޔާޒު ވިދާޅުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ އިންޒާރުތަކެއް އައީ އޮޑިޓް ރިޕޯޓު ހާމަ ކުރާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށާއި މި ރިޕޯޓު ނެރުން ހުއްޓުވަން ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރި ކަމަށެވެ. އަދި މަގާމުން ވަކި ކުރީ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ އަމަލުތައް ފަޅާ އަރުވާލުމުން އެކަމުގެ ހަސަދައެއްގެ ގޮތުގައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އޮޑިޓް ރިޕޯޓާ ގުޅިގެން ނިޔާޒްގެ އާއިލާގެ 11 މީހަކަށް މަރުގެ އިންޒާރު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގޭ މިއީ މިހާ ބޮޑަށް ރޭވިގެން ކުރަން އުޅުނު ކަމެއް ކަން. ފުލުހުންނަކީ ގައުމަށް ހިދުމަތް ކުރުމަށާއި ރައްޔިތުންގެ ހިދުމަތަށް ތިބި ބައެއް،" ފުލުހުންގެ މުއައްސަސާގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވަމުން ނިޔާޒް ވިދާޅުވެފައިވެ އެވެ.
ޑޮކިއުމެންޓްރީގައި ބުނެފައިވާ ގޮތުން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބިޑަކާ ނުލައި 59 ރަށް ދީގެން ލިބުނު ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވެ އެވެ. އެ ރަށްތައް ދީގެން ކިހާ ފައިސާއެއް ނެގި ކަމަށް ޑޮކިއުމެންޓްރީގައި ނުބުންޏަސް، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން އެކުލެވޭ ރިޕޯޓު ވަނީ ރައީސް އަބްދުﷲ ޔާމީނާ ހިއްސާކޮށްފައި ކަމަށް ޑޮކިއުމެންޓްރީގައިވެ އެވެ.
"އަޅުގަނޑު މިކަމުގެ މައުލޫމާތު އަމިއްލަ ހައިސިއްޔަތުން ހިއްސާ ކުރިން (ރައީސް ޔާމީނަށް)، އެކަމަކު އެ ހުރިހާ ކަމަކަށް އެމަނިކުފާނު ވަނީ ނޫނެކޭ ވިދާޅުވެފައި،" ނިޔާޒް ވިދާޅުވި އެވެ.
ދ. މާގައުއިން މިސާލު ނަންގަވަމުން ނިޔާޒް ވިދާޅުވީ ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ބިޑަށްލައިގެން އެ ރަށް ދެވުނުނަމަ، ދައުލަތަށް 10 މިލިއަން ޑޮލަރު ލިބިމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ބިޑަކާ ނުލައި އިޓަލީ މީހަކަށް އެ ތަން ވިއްކާލުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ލިބުނީ އެންމެ 2.5 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްތައް ބިޑަކާ ނުލައި ދީފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހުރިހާ ރަށްތަކެއް ސަރުކާރަށް ނަގަން ޖެހޭ ކަމަށް ވެސް މި ޑޮކިއުމެންޓްރީގައި ނިޔާޒް ވިދާޅުވި އެވެ. ނަމަވެސް މި ރަށްތައް ނެގި އިސް މީހުން އަލްޖަޒީރާގައި ބުނީ އެކަމުގައި ކޮރަޕްޝަނެއް އެކުލެވޭކަން އެނގިފައިނުވާ ކަމަށެވެ. އަދި ރަށްތައް ހޯދުމަށް ފޭކް ޑޮކިއުމަންޓްތައް ހުށަހަޅާފައި ނުވާނެ ކަމަށް އެ މީހުން ބުންޏެވެ.