ސުޕްރީމް ކޯޓުގެ ސޫމޯޓޯ ބާރު ބަދަލު ކުރަންޖެހޭ: އަލީ ހުސައިން

އަމިއްލަ އިސް ނެގުމަށް ސުޕްރީމް ކޯޓުން މައްސަލަ ބެލުމުގެ ބާރު ބަދަލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން އަލީ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް މިހާތަނަށް ނުލިބި އޮތީ ހަމައެކަނި އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށެވެ. އަދި މިހާރު އަމަލު ކުރާ ގާނޫނުއަސާސީން ކަށަވަރުކޮށް ނުދެވުނު ކަމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެންމެ ބާރަށް ރައްޔިތުން އެދެމުން އައީ އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައި ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު، ޖޭއެސްސީ މިހާރު އެކުލެވިފައި އޮންނަ ގޮތުން ފަނޑިޔާރުގެ ރަނގަޅެއް ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި އެކިއެކި ފާޑުގެ ތުހުމަތުތައް ކުރެވޭ ފަނޑިޔާރުންނާ ދެކޮޅަށް މިވަގުތަށް ފިޔަވަޅު އަޅަން ޖެހެ އެވެ. އަދި ޝަރުއީ ދާއިރާގެ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ޖޭއެސްސީގެ މަސައްކަތްތައް މިވަގުތަށް ބަލައިގަންނަން ޖެހޭ ކަމަށާއި އެ ކަންކަމަށް ނުފޫޒު ފޯރުވަން އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މުސްތަގުބަލުގައި ކުރަންޖެހޭ ކަމަކީ ގާނޫނުއަސާސީ އިސްލާހު ކުރުން. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ޖެހޭ،" ޖޭއެސްސީގެ ދިފާއުކުރައްވައި އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ގެންގުޅޭ ސޫމޯޓޯގެ އުސޫލު ބަދަލު ކުރަން ޖެހޭ އިރު، ކޯޓުތަކުން މައްސަލަ ބަލަން ވާނީ އެ ތަންތަނަށް މައްސަލަ ހުށަހެޅުމުންނެވެ.

މީގެ އިތުރުން، ޖޭއެސްސީން އެއްވެސް މައްސަލައެއް ހުށަހެޅުމުގެ ކުރިން ސުޕްރީމް ކޯޓަށް އެއްވެސް ކަމެއް ނިންމިގެން ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ. އެހެންވާ ނަމަ، ޖޭއެސްސީ "ވާ" ކޮށްލައި އެ ކޮމިޝަންގެ މަސައްކަތްތައް އެ ކޯޓަށް ހުއްޓުވެނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ގައުމަށް 800 އަހަރު ވެގެން ދިޔަ އިރު، ރައްޔިތުންނަށް ގޮތް ބަލާލަން ނުލިބުނު ހަމައެކަނި އެއްޗަކީ އިންސާފުވެރި ފަނޑިޔާރުގެއެއް. އަޅުގަނޑު މިހުރީ އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައި ދިނުމަށް އަތުކުރި އޮޅާލައިގެން،" އަލީ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތައް ކުޑަ ކުރަން ބޭނުން ނަމަ، ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އެއާ ހިލާފަށް އެއްވެސް ބަޔަކަށް ކަމެއް ނުކުރެވޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މަޖިލިހުން ނިންމާ ކަންތައްތައް ވެސް ބާތިލް ކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތީ ސުޕްރީމް ކޯޓަށެވެ.