ފަނޑިޔާރު ޑީޑީގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކުގެ ތަހުގީގު ހުޅުވާލައިގެން މާދަމާ ދަރުބާރުގޭގައި ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.


މިއީ ފަނޑިޔާރެއްގެ ތަހުގީގު މީޑިއާ އާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފަހަރެވެ.

މި ތަހުގީގު އާއްމުކޮށް ހުޅުވާލައިގެން ބާއްވަން މި ނިންމީ ޑީޑީ އެގޮތަށް ޖޭއެސްސީގައި އެދިވަޑައިގަތުމުންނެވެ. މިއީ ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފަހަރެވެ.

ޖޭއެސްސީން ބުނިގޮތުގައި ފަނޑިިޔާރު ޑީޑީގެ މައްސަލާގެ ތަހުގީގު އޮންނާނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ. އެ ތަހުގީގު މާދަމާ ހެނދުނު 10 ޖަހާއިރު ފަށާނެ ކަމަށާއި އެ ތަހުގީގަށް ހާޒިރުވުމަށް ފަނޑިޔާރު ޑީޑީއަށް މިހާރު އަންގާފައިވާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައާ ގުޅިގެން ފަނޑިޔާރު ޑީޑީ މިހާރު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކުރިޔަސް، ޖޭއެސްސީން އެ އަމުރު ގަބޫލެއް ނުކުރެ އެވެ. ސުޕްރީމް ކޯޓުގެ އަމުރެއް އޮތުމުން ފަނޑިޔާރު ޑީޑީ މިހާރު ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަ އެވެ.

ފަނޑިޔާރު ޑީޑީގެ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ހަތް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.