ޣަފޫރުގެ ފާޑު ކިޔުން ސުޕްރީމް ކޯޓަށް: ތިއީ ބޮޑުވަރު!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސަ (ގަޕޯ) އެ ކޯޓަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ގާނޫނުއަސާސީން ބޭރުން ސުޕްރީމް ކޯޓުން ބާރުތައް މުށުތެރެއަށް ލައިގެން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

"ބާރު ބޭނުންކޮށްގެން، ނުފޫޒު ބޭނުންކޮށްގެން ކަންތައްތައް ކުރުމުގެ ފަލްސަފާ ދުނިޔެ ދޫކޮށް ހިނގައްޖެ. ހައްގަށް ރުޖޫއަވާން ޖެހޭ. ގާނޫނުއަސާސީންނާއި ގާނޫނުން ލިބިގެން ނުވާ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެނެއް ނުވޭ. ޖޭއެސްސީގެ އެއްވެސް ބާރެއް ސުޕްރީމް ކޯޓުގެ ބާރަކާ ތައާރަޒެއް ނުވޭ،" ޣަފޫރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ސަސްޕެންޝަން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފަ އެވެ. އެކަމަކު، ޖޭއެސްސީން ފަހުން ނިންމި ނިންމުމުގައި ވަނީ އެ ކޮމިޝަންގެ ނިންމުން ދެމިއޮތް ކަމަށް ނިންމައިފަ އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައީމަ، 12 އަހަރުން، 25 އަހަރުން އައި ހުކުމްތައް ދަރުގަނޑަކުން ހިނި ނުކުމެގެން ދިޔަހެން އެ ދިޔައީ ބޭރުވެގެން. މިއީތޯ މި ބުނާ އިންސާފަކީ؟ ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން،" ---ޣަފޫރު
ޝަރުއީ ދާއިރާ ތަރައްގީކޮށް، އިސްލާހު ކުރާނެ މަގުޗާޓު ނެރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައެއް ވަޒީރުން..-- ފޮޓޯ: ނިޝާން އަލީ /މިހާރު

އެކަމަކު، ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ޑީޑީގެ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ޖޭއެސްސީއާ ރައްޔިތުން މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައިފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރު އައީ ޖޭއެސްސީގެ އެ ނިންމުން ސައްހަ ކަމަށް ކަނޑައަޅަން ޖުޑިޝަރީ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހަޅާފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން "ފުލުފުލުގައި" އަމުރުތައް ނެރެމުންދާތީ އެކަމަށް ފާޑު ކިޔުއްވައި ޣަފޫރު ވިދާޅުވީ ބާރާއި ނުފޫޒަށް "ފެން ބޮވައިގަނެގެން" އެފަދަ އަމުރުތައް ނެރުމަކީ ބޮޑުވަރު ކަމަށެވެ. އަދި މަޖިލިސް އުވައިލުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި އެއީ ގާނޫނުއަސާސީ ދަންނަ މަފްހޫމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިހުގެ ކަންކަމާ ސުޕްރީމް ކޯޓަށް ނުބެހެވޭނެ. ބެހުމުގެ ހައިސިއްޔަތެއް ވެސް ނޯންނާނެ. މަޖިލިހުގެ 12 މެމްބަރުން، 12 މަސް ދުވަހު މަގުމަތިކޮށްލާފައި ބޭތިއްބީމަ، ސުޕްރީމް ކޯޓެއް އެބައޮތްތޯ؟ ނަން ބޯޑަކާއި އިމާރާތެއް އެބަހުރި. އެކަމަކު އިންސާފު ގާއިމުކޮށްދޭނެ ސުޕްރީމް ކޯޓެއް ނެތް،" ޣަފޫރު ވިދާޅުވި އެވެ.

ފަނޑިޔާރު ޑީޑީ ރޭ ޖޭއެސްސީ އަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނުކުމެ ވަޑައިގެން، ކާމިޔާބުގެ ނިޝާން މީޑިއާ އަށް ދައްކާލައްވަނީ.-- މިހާރު ފޮޓޯ/ ހުސައިން ވަހީދު

ޣަފޫރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިހްލާސްތެރި ފަނޑިޔާރުން ތިއްބެވިޔަސް، އެބޭފުޅުން ކުރައްވާ އިހްލާސްތެރި މަސައްކަތަށް ހުރަސް އެޅެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ހުރެ އެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަވަހަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާ،" ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެތައް ގާނޫނަކާއި މުއައްސަސާއަކާ "ބެހުނު" އިރު، އެއީ ރާއްޖޭގެ ގާނޫނުއަސާސީ ދަންނަ ކަމެއް ވެސް ނޫން ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެހެންވެ، ސުޕްރީމް ކޯޓު އެގޮތަށް އޮވެގެން ރައްޔިތުންނަށް ލިބޭނެ އިންސާފެއް ނެތް ކަމަށް ތަކުރާރުކޮށް ޣަފޫރު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައީމަ، 12 އަހަރުން، 25 އަހަރުން އައި ހުކުމްތައް ދަރުގަނޑަކުން ހިނި ނުކުމެގެން ދިޔަހެން އެ ދިޔައީ ބޭރުވެގެން. މިއީތޯ މި ބުނާ އިންސާފަކީ؟ ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން،" ޣަފޫރު ވިދާޅުވި އެވެ.