ޑީޑީގެ ތަހުގީގު: ބޮޮޑު ތުހުމަތުތަކެއް، ހޫނު ބަހުސްތަކެއް!

މިއަދު ހެނދުނު ނޫސްވެރިންނާއި ބައެއް އާންމުން ރައްޔިތުންގެ ލޯ ދަރުބާރުގެ އަށް އަމާޒުވެފައި ހުރީ އާދައިގެ ކަމަކަށް ނޫނެވެ. އެއީ ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް ފުރަތަމަ ފަހަރަށް އާންމުންނަށާއި މީޑިއާ އަށް ހުޅުވާލައިގެން ދަރުބާރުގޭގައި ބާއްވާތީ އެވެ. ބޮޑެތި ރަސްމިއްޔާތުތަކާއި މީގެކުރިން ބައެއް ބޮޑެތި ޝަރީއަތްތައް ވެސް ހިންގާފައި ހުރި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމަށް އާންމުންނާއި މީޑިއާ ވެއްދުމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން އޭރު ދިޔައީ ހަރަކާތްތެރިވަމުންނެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގާ އެ ތަހުގީގު އާންމުންނަށް ހުޅުވާލުމުގެ އިތުރުން ދައުލަތުގެ މީޑިއާ އާއި އިތުރު މީޑިއާތަކުން އޭރު ދިޔައީ އެ ތަހުގީގު ޓީވީން ލައިވްކޮށް ދައްކަން ވެސް ތައްޔާރުވެފަ އެވެ. އެގޮތަށް ޖޭއެސްސީން ނިންމީ އެ ތަހުގީގު އާންމުންނަށާއި މީޑިއާ އަށް ވެސް ހުޅުވާލަން ފަނޑިޔާރު ޑީޑީ އެދިވަޑައިގަތުމުންނެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމެޓީގެ ފަސް މެމްބަރުންނާއި ފަނޑިޔާރު ޑީޑީ އާއި އެމަނިކުފާނުގެ ވަކީލުން ރަންނަބަނޑޭރި މާލަމަށް ވަދެ ވަޑައިގަތުމާ އެކު ތަހުގީގު އަޑުއެހުން ފެށުނީ ކަމަށް ވިދާޅުވެ، ތައާރަފްވެ ވަޑައިގަތުމަށް ފަނޑިޔާރު ޑީޑީ އާއި އެމަނިކުފާނުގެ ވަކީލުންނަށް ތަހުގީގު ކޮމެޓީގެ ރައީސް އަދި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ފުރުސަތު ދެއްވި އެވެ.

ފަނޑިޔާރު ޑީޑީގެ ވަކީލުންގެ ޓީމުގައި ތިއްބެވީ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއި ވަކީލް އަހުމަދު ސަލީމާއި ވަކީލް އާދަމް އާސިފްގެ އިތުރުން ވަކީލް އާދަމް ޝަމީމެވެ.

ތަހުގީގު ކޮމެޓީގައި ތިއްބެވީ މަސްތޫރުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅުއްވާފައިވާ މެމްބަރު ހިސާން ހުސައިނާއި ދަށު ކޯޓުތަކުން ޖޭއެސްސީގައި އިންނަވާ މެމްބަރު މުހައްމަދު އީސާފުޅާއި ޖޭއެސްސީގެ މެމްބަރު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.

ބޮޑު ތުހުމަތުތަކެއް

ފުލުހުން ރޭ ޖޭއެސްސީ އަށް ފޮނުވި ސިޓީއަކާ ހަވާލާ ދެއްވައި، އެ މައްސަލާގެ ތަފްސީލުތައް ދެއްވަމުން މެމްބަރު ހިސާން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު ފަނޑިޔާރު ޑީޑީ އަށް ވެސް އޭގެ ތެރެއިން ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފުލުހުންގެ ސިޓީގައި، ފައިސާ ދިން މީހެއްގެ ނަން ހާމަ ނުކޮށް، "ސަސްޕެކްޓް 1" ގޮތުގައި ލިޔެފައި އޮތުމުން އެގޮތަށް ވިދާޅުވަމުން ހިސާން ވިދާޅުވީ އެ މީހާގެ އިރުޝާދަށް ފަނޑިޔާރު ޑީޑީ އަށް ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ހަވާލު ކޮށްފައިވާ ކަމަށް ހެއްކަކު ބުނެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެ ހެކިވެރިޔާގެ ފޯނާއި ފައިސާ ދިން މީހާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުން އެކަމަށް ބާރު ލިބޭ ކަމަށް ވެސް ފުލުހުންގެ ސިޓީގައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

މީގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމާ ބެހޭގޮތުން މީހަކު "ސަސްޕެކްޓް 1" އާ މުއާމަލާތް ކުރަމުން ދިޔައިރު، ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު "ސަސްޕެކްޓް 1" އެކަން ފަނޑިޔާރު ޑީޑީއާ ހިއްސާކުރި ކަމަށް އެ ސިޓީއާ ހަވާލާދީ ހިސާން ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިިންމައި، އޭނާ ދޫކޮށްލަން އޭރު ކްރިމިނަލް ކޯޓުން ނިންމީ ފަނޑިޔާރު ޑީޑީ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެ ސިޓީއާ ހަވާލާ ދެއްވައި، ހިސާން ވިދާޅުވީ ފަނޑިޔާރު ޑީޑީ އެދިވަޑައިގެންފައިވާ ބޭފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަން ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެން، ސަސްޕެކްޓް 1 އަށް މެސެޖް ކުރައްވާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ސިޓީގައި އިޝާރާތް ކުރަނީ ދާދިފަހަކާ ޖެހެން އެ މަގާމުގައި ހުންނެވީ ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން ޣާނިއާ އަބްދުލްޣަފޫރަށެވެ.

ވަކީލުންގެ ހަމަލާ ކޮމެޓީ އަށް: ފަޓާސް ބަރިއެއްހެން ނުނިންމަން ބުނީ ތިބޭފުޅުން

އެ ސިޓީ އިއްވުމަށް ފަހު، އެ މައްސަލަ ސާފުވެއްޖެތޯ ސުވާލު ކުރެއްވުމުން ފަނޑިޔާރު ޑީޑީ ވިދާޅުވީ މައްސަލަ ސާފުވެ ވަޑައިނުގަންނަވާ ކަމަށާއި އެ މައްސަލާގައި އެމަނިކުފާނުގެ ފަރާތުން ފާހަގަކުރާ އިޖްރާއީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ.

އޭގެ ތަފްސީލަކަށް ވަޑައިގަންނަވަމުން ފަނޑިޔާރު ޑީޑީގެ ވަކީލް ޑރ. ޖަމީލް ވިދާޅުވީ ސީރިއަސް ތުހުމަތެއް އެ މައްސަލާގައި ކުރާއިރު، އެކަށީގެންވާ ފުރުސަތުތަކެއް ލިބެންޖެހޭ ކަމަށާއި އެކަމަކު އެ ފުރުސަތު ނުލިބޭ ކަމަށެވެ. ފުލުހުން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ޖަމީލް ވިދާޅުވީ އެ ސިޓީ ވަކީލުންނަށް ލިބުނީ މިއަދު ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު ޑީޑީ އަށް ޖަވާބުދޭން ފުރުސަތު ދިނުމެއް ނެތި، އެމަނިކުފާނު ސަސްޕެންޑް ކުރަން ޖޭއެސްސީން ކުރިން ނިންމާފައި އޮތްކަން ފާހަގަ ކުރައްވައި، ޖަމީލް ވިދާޅުވީ އެއީ ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާ ޚިލާފް ކަމެއް ކަމަށެވެ. ޖޭއެސްސީގެ މެމްބަރުންނާއި ފަނޑިޔާރު ޑީޑީގެ ވަކީލުންނާ މެދު ބަހުސް ފެށިގެން ދިޔައީ އެ ހިސާބުންނެވެ.

ޖަމީލް ވާހަކަ ދައްކަވަނީ -- މިހާރު ފޮޓޯ/ނިޝާން އަލީ

ސަސްޕެންޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަން ފެއްޓެވުމުން އެކަން ހުއްޓުވައި، މެމްބަރު މަސްތޫރު ވިދާޅުވީ އެކަމުގައި ކޮމިޝަނުން އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށާއި އެހެންވެ އެކަމުގައި އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރީ އެ މައްސަލައާ ގުޅިގެން ނޫން ކަމަށާއި އެ މައްސަލައަކީ ޖޭއެސްސީން ވަކިން ބަލަމުންދާ މައްސަލައެއް ކަމަށެވެ.

އެކަމަކު ރިފްއަތުގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ވިދާޅުވީ އެމަނިކުފާނުގެ ސަސްޕެންޝަން ރަނގަޅު ކަމަށް ޖޭއެސްސީން ބުނަނީ ގަވާއިދެއްގައި އޮތް އެކަމާ ނުގުޅޭ މާއްދާއެއް ދެއްކުމަށް ފަހު ކަމަށާއި އެހެންވެ އެކަމާ ބެހޭގޮތުން އެމަނިކުފާނުގެ ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.

"އެއީކީ ރަނގަޅަށް ހިނގާފައި އޮތް އިޖްރާއާތެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ." ކުރިން ޖޭއެސްސީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ޑީޑީ ވިދާޅުވީ ސަސްޕެންޑްކުރި މައްސަލަ އާއި މިހާރު ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅުން ނެތް ކަމަށް ޖޭއެސްސީގެ މެމްބަރުން ވިދާޅުވިޔަސް، ސަސްޕެންޑްކުރި ކަމުގެ ލިޔުމުގައި ފުލުހުން ޖޭއެސްސީ އަށް ފޮނުވި ސިޓީއާ ހަވާލާ ދީފައި އެބައޮތް ކަމަށެވެ. އެހެންވެ އެ ދެ މައްސަލަ ވެސް ގުޅުން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ މައްސަލައެއް ނުބަލާ ކަމަށް ފުލުހުން ލިޔުމުން ޖަވާބު ދިނުމަށް ފަހު، ފުލުހުން ޖޭއެސްސީ އަށް އެ ސިޓީ ފޮނުވި ގޮތެއް ވެސް އެބަ ބަލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ތި ބޭފުޅުން އަޅުގަނޑު ސަސްޕެންޑްކުރީ 12 ޖޫން 2019 ގައި. 10 ޖޫން 2019 ގައި ފުލުހުން ފޮނުވާފައި އެބައޮތް ސިޓީ. މި އޮތީ އަޅުގަނޑު އަތުގައި، މައްސަލައެއް ނެތޭ. އަޅުގަނޑާ ބެހޭ އެއްވެސް މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅިފައެއް ނެތޭ. އެހެންވީމަ މިއީ ބަލަންޖެހޭ ކަންތައްތަކެއް،" ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން ކުރެއްވި ފަނޑިޔާރު ޑީޑީ ވިދާޅުވި އެވެ.

އިޖްރާއީ ކަންކަން ފަނޑިޔާރު ޑީޑީގެ ވަކީލުން އިތުރަށް ފާހަގަ ކުރައްވަމުން ގެންދެވިޔަސް، މެމްބަރުން ނިންމެވީ އެކަންކަމަށް އިތުރު ފުރުސަތެއް ނުދެއްވައި، ތަހުގީގުގެ ސުވާލުތައް ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން ފަނޑިޔާރު ޑީޑީ ފަނޑިޔާރު ކަން ކުރައްވަން ފެއްޓެވީ ކޮން އިރަކުތޯ ވިދާޅުވެ ފުރަތަމަ ސުވާލު އަމާޒު ކުރެއްވި އެވެ.

ޖަވާބުގައި ފަނޑިޔާރު ވިދާޅުވީ އެ މައުލޫމާތު ހަނދުމަފުޅު ނެތް ކަމަށާއި އެ މައުލޫމާތުތައް ޖޭއެސްސީގައި ހުންނާނެ ކަމަށެވެ. އެގޮތަށް ޖަވާބު ދެއްވުމުން މެމްބަރު ހިސާން ސުވާލު އަމާޒު ކުރެއްވީ 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ފަނޑިޔާރު ކަން ކުރެއްވިތޯ ވިދާޅުވެ އެވެ.

އެކަމަކު އަނެއްކާވެސް އިޖްރާއީ މައްސަލަތައް ވަކީލުން ފާހަގަ ކުރަން ފެށްޓެވުމުން ވަކީލުންނާއި ކޮމެޓީގެ މެމްބަރުންނާ މެދު ހޫނު ޒުވާބަކާ ހިސާބަށް ވެސް ދިިޔަ އެވެ. އެފަދަ ބައެއް ވަގުތުތަކުގައި އާންމުންގެ އަޑު ވެސް މާލަމުގައި ގަދަވެގެންދެ އެވެ.

އޭގެ ރައްދުގައި، މެމްބަރު ހިސާން ވިދާޅުވީ ތަހުގީގުގައި އޮންނާނީ ތުހުމަތު ރައްދުވާ ފަރާތާ ކޮމެޓީން ސުވާލުކުރުން ކަމަށާއި ކޮމެޓީ އަށް ސުވާލު އަމާޒު ކުރުމުގެ ފުރުސަތު ޝަކުވާ ރައްދުވާ ފަރާތަށް ނުލިބޭނެ ކަމަށެވެ. އެހެންވެ، އިޖްރާއީ މައްސަލަތަކުގެ ބަދަލުގައި ތަހުގީގުގައި އަމާޒުކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހިސާން އެންގެވި އެވެ.

"ސުވާލަށް ޖަވާބު ދިނުމަށް އެދެން. ޖަވާބުދޭން ބޭނުން ނޫން ނަމަ، ނުވަތަ އެހެން ވާހަކަތަކަކަށް ވަޑައިގަންނަވާ ނަމަ އަޅުގަނޑުމެން ތިން ވަނަ ސުވާލަށް ދާނަން." ހިސާން ވިދާޅުވި އެވެ.

އެގޮތަށް ހިސާން ވިދާޅުވުމުން ފަނޑިޔާރު ޑީޑީ ވިދާޅުވީ ފުލުހުންގެ ސިޓީ އެމަނިކުފާނަށް ލިބިވަޑައިގަތީ ދެންމެ ކަމަށާއި އެހެންވެ ޖަވާބުދާރީވަން ވަގުތު ލިބެންޖެހޭނެ ކަމަށެވެ. އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބެން ޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ފަނޑިޔާރު ޑީޑީ ވަނީ މިއަދު ހަވާލުކުރި ލިޔުމަކަށް ބިނާކޮށް ޖަވާބުދާރީވެވޭނީ ކިހިނަކުންތޯ ސުވާލު ކުރައްވައިފަ އެވެ. ތަހުގީގަށް އެއްބާރުލުން ދޭން ބޭނުންފުޅުވާ ކަމަށާއި އެކަމަކު ކުރިން ލިޔުންތައް ދޭން އެދުމުން ވެސް ލިޔުންތައް ދިނީ މިއަދު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިި ބޭފުޅުން ތި ވިދާޅުވީ ސިޓީ ވެސް ތަހުގީގު ކޮމެޓީ އަށް އައި ފަހުން ދެންމެއޭ އަޅުގަނޑުމެންނާ ތި ހަވާލު ކުރެއްވީ. އެހެންވީމަ އަޅުގަނޑުމެންނަށް ވަގުތު ލިބެންޖެހޭ. ވަގުތު ލިބިއްޖެތޯ މިހާރު؟. މިހާރު ވަގުތު ލިބިއްޖެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ތި ބޭފުޅުން؟." ފަނޑިޔާރު ޑީޑީ ސުވާލު ކުރެއްވި އެވެ.

ލިޔުންތައް ދިރާސާކޮށް، ޖަވާބުދޭން ވަގުތު ބޭނުންވާ ކަމަށް ފަނޑިޔާރު ޑީޑީގެ ވަކީލުން ވިދާޅުވަމުން ގެންދެވި ގެންދެވި މައްސަލާގައި ވަކީލުންނާއި ކޮމެޓީއާ ބަހުސް ހޫނުވެ، އެންމެ ފަހުން ވަކީލުން ވަނީ ކޮމެޓީގެ މެމްބަރުންނަށް ވެސް ފާޑު ކިޔުން އަމާޒު ކުރައްވައިފަ އެވެ.

ކޮމެޓީގެ ތިން މެމްބަރެއް ކަމަށްވާ މަސްތޫރާއި ހިސާންގެ އިތުރުން ރިފްއަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުން ކަމަށް ވާއިރު، އެ މައްސަލަ އާއި ނަޝީދާ ގުޅުން އޮތް ކަން ފާހަގަ ކުރައްވައި، ވަކީލުން ވަނީ އެ ކޮމެޓީގެ މެމްބަރުންގެ މަސްލަހަތު އެކަމުގައި ވަރަށް ބޮޑު ކަމަށެވެ.

"ތި ބޭފުޅުންގެ މަސްލަހަތާ ގުޅުން އޮތް މައްސަލައެކޭ މިއީ. ތި ބޭފުޅުންގެ މަސްލަހަތު އެބައޮތްތޭ. އެހެންވީމަ މި ތަހުގީގަކީ އިންސާފުވެރިކަމާ އެކު ހިނގާ ތަހުގީގެއް ނޫން ކަން ހުރިހާ ބޭފުޅުންނަށް ވެސް އެބަ ސާފުވޭ." ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަމުން ވަކީލް ސަލީމް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ރިފްއަތު ވާހަކަ ދައްކަވަނީ -- މިހާރު ފޮޓޯ/ނިޝާން އަލީ

ކޮމެޓީގެ މެމްބަރުންނަށް ފާޑު ވިދާޅުވަމުން ވަކީލް ޖަމީލް ވަނީ ކުރިން އެ މެމްބަރުން ދިފާއީ ވަކީލުންގެ ގޮތުގައި ތިއްބެވިއިރު ދެއްކެވި ވާހަކަތައް ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ކޮމެޓީގެ މެމްބަރުން ތިއްބެވީ ރިޕޯޓް ލިޔުއްވައި، ނިންމައިގެންތޯ ވެސް ޖަމީލް ސުވާލު އަމާޒު ކުރެއްވި އެވެ.

"ތި ބޭފުޅުން އިއްޔެ މި މަގާމުގައި ތިބީ. ތި ބޭފުޅުން ވިދާޅުވީ ފަޓާސް ބަރިއެއްހެން ކަންތައްތައް ނިންމަވައިގެން ނުވާނެއޭ. ތި ބޭފުޅުން ވިދާޅުވީ ޑިއު ޕްރޮސެސްއޭ." ނަޝީދުގެ ޝަރީއަތާ ގުޅިގެން އޭރު އެމަނިކުފާނުގެ ވަކީލުން ފާހަގަކުރި ކަންކަމަށް އިޝާރާތް ކުރައްވައި، ޖަމީލް ވިދާޅުވި އެވެ.

ޖިނާއީ އެއްވެސް އަމަލެއް ނުކުރަން، ޖަވާބުދޭން ފަސް ދުވަސް

ވަކީލުންގެ ޝަކުވާތައް ކުރިއަށް ގެންދިޔަޔަސް، ކޮމެޓީގެ މެމްބަރުން ނިންމީ ތަހުގީގާ ގުޅޭ ސުވާލުތައް ކުރިއަށް ގެންދިއުމަށެވެ. ތަކުރާރުކޮށް ސުވާލު އަމާޒު ކުރައްވަން ފެއްޓެވުމުން ފަނޑިޔާރު ޑީޑީ ވިދާޅުވީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ސިޓީގައި ފާހަގަކުރާ ތުހުމަތުތަކަށް ޖަވާބުދާރީ ވެވޭނީ ފުރުސަތު ލިބިގެން ކަމަށާއި އެއީ ގާނޫނާ އެއްގޮތަށް ހޯދި ހެކިތަކެއް ކަން ނުވަތަ ނޫންކަން ވެސް އެނގެން އެބަޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނުހުންނާނެ ތިކަހަލަ މުއާމަލާތެއް ހިންގާފައި، ކެރިގެން ސާބިތުކަމާ އެކު މިދަންނަވަނީ." ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ފަނޑިޔާރު ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ ކުރިން ތުހުމަތުކުރީ އަނބިކަނބަލުންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަމުގެ ތުހުމަތު ކަމަށާއި މިހާރު ޖޭއެސްސީން ބަލަނީ އެހެން މައްސަލައެއް ކަމަށް ވިދާޅުވެ، އެކަމުގެ ސުވާލު ވެސް އުފެއްދެވި އެވެ.

ފުރުސަތު ނުލިބޭ މައްސަލާގައި ވަކީލުންނާއި ކޮމެޓީއާ ދެމެދު ޒުވާބު އެންމެ ހޫނުވި ވަގުތު އެތަނުގައި ތިބި އާންމުންގެ ދެ މީހަކު ވެސް ކޮޅަށް ތެދުވެ ހަޅޭއްލަވަން ފެށުމުން ފުލުހުން ގޮސް އެ ދެ މީހުން އެތަނުން ނެރުނެވެ.

ފުރުސަތު ނުލިބޭ މައްސަލާގައި ވަކީލުން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދަނިކޮށް އެންމެ ފަހުން ކޮމެޓީން ނިންމީ ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުުގެ މުއްދަތެއް ދޭން ނިންމައިފަ އެވެ. ލިޔުމުން ޖަވާބުދާރީވުމުން އިތުރު އަޑުއެހުމެއް ބާއްވަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ކޮމެޓީން އިއުލާން ކުރެއްވި އެވެ.

ފަނޑިިޔާރު ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ.