ފުލުހުން މައްސަލަ ތަހުގީގު ކުރަނިކޮށް ޑީޑީ ރާއްޖެ އިން ބޭރަށް ފުރައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަނިކޮށް، އެމަނިކުފާނު މިރޭ މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަނޑިޔާރު ޑީޑީއާ ގުޅޭ ކަމެއް ފާހަގަވެގެން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގާފައި ވީ ނަމަވެސް އެކަމުގައި ފުލުހުން ޑީޑީއާ މިހާތަނަށް ސުވާލުކުރި ކަމެއް ނޭނގެ އެވެ. ޖޭއެސްސީގެ ތަހުގީގުގައި ވެސް ޑީޑީ ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ. އަދި ޕާސްޕޯޓު ވެސް ހިފަހައްޓާފައި ނެތް ކަމަށް ވެ އެވެ.

ޖޭއެސްސީން މިރޭ ބުނީ ފަނޑިޔާރު ޑީޑީ ފުރާވަޑައިގަތީ އެކަން އެ ކޮމިޝަނަށް އެންގެވުމަށް ފަހު ކަމަށެވެ. އަދި ޑީޑީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިން ވެސް ހަމަޖެހިފައިވާ ދަތުރެއްގައި ޑީޑީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ޖޭއެސްސީގެ ހުއްދައާ އެކު ކަމަށެވެ. އަދި ފަނޑިޔާރު ޑީޑީ އެނބުރި ވަޑައިގަންނަވާނެ ތާރީޚު ވެސް އެ ކޮމިޝަނަށް އެނގޭނެ ކަމަށް އާދަމް ޝަމީމް ވިދާޅުވި އެވެ.

ޑީޑީ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑީޑީ ސަސްޕެންޑު ކޮށްފަ އެވެ. އަދި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާ ނަމަ، އެކަން އެންގެވުމަށް ޖޭއެސްސީ އަށް ހާޒިރުކުރި ފުރަތަމަ ރޭ ވަނީ ވަނީ އަންގައިފަ އެވެ.

ފަނޑިޔާރު ޑީޑީ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީ އަށް ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އެ ކޮމިޝަނުން ދިން ފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަން ކުރައްވާފައިވާ ކަމަށް ޖޭއެސްސީން އިއްޔެ ވަނީ ބުނެފަ އެވެ. ޖޭއެސްސީ އަށް ފަނޑިޔާރު ޑީޑީ ޖަވާބުދާރީވެވަޑައިގަތީ އިއްޔެ އެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ފަސް މެމްބަރުން ބަލަމުން އަންނަ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފުލުހުން ފޮނުވި ސިޓީއަކާ ހަވާލާދީ އެހެން މައްސަލައެއްގައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމާ ބެހޭގޮތުން މީހަކު "ސަސްޕެކްޓް 1" އާ މުއާމަލާތް ކުރަމުން ދިޔައިރު، ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު "ސަސްޕެކްޓް 1" އެކަން ފަނޑިޔާރު ޑީޑީއާ ހިއްސާކުރި ކަމަށެވެ.

އޭގެ ތެރެއިން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިިންމައި، އޭނާ ދޫކޮށްލަން އޭރު ކްރިމިނަލް ކޯޓުން ނިންމީ ފަނޑިޔާރު ޑީޑީ ކަމަށް ތުހުމަތު ކުރެ އެވެ.

ފުލުހުންގެ ސިޓީގައިވާ ގޮތުން ފަނޑިޔާރު ޑީޑީ އެދިވަޑައިގެންފައިވާ ބޭފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުކަން ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެން، ސަސްޕެކްޓް 1 އަށް މެސެޖް ކުރައްވާފައި ވެ އެވެ. ބެލެވޭ ގޮތުގައި އެ ސިޓީގައި އިޝާރާތް ކުރަނީ ދާދިފަހަކާ ޖެހެން އެ މަގާމުގައި ހުންނެވީ ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން ޣާނިއާ އަބްދުލްޣަފޫރަށެވެ.

ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ.