ދެ ޔުނިވަސިޓީ އެއްކޮށްލަން އާދަމް ޝަރީފް ދެކޮޅު

ގައުމީ ޔުނިވަސިޓީގެ ދަށަށް އިސްލާމިކް ޔުނިވަސިޓީގެ މެންޑޭޓް ބަދަލުކޮށް، ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހިންގުމަށް ތާއީދު ނުކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން ވަނީ އިސްލާމިކް ޔުނިވަސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކެއް މަޖިލިހަށް ހުށަހަޅައިފަ އެވެ. އެކަމަކު، އިސްލާހުތަކުގައި ދެ ޔުނިވަސިޓީ އެއްކޮށްލުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ލިޔެފައެއް ނެތެވެ. މަޖިލިހުގެ ތަޅުމުގައި ކުރިއަށް ދިޔަ ދެ ޔުނިވަސިޓީ އެއްކޮށްލަން ހިޔާލު ހުށަހެޅުއްވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނެވެ.

ތައުލީމީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ އާދަމް ޝަރީފް ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ ގައުމީ ޔުނިވަސިޓީ އަކީ ރާއްޖޭގައި ހުރި ތައުލީމީ އެންމެ ވަރުގަދަ އެއް ބިނާ ކަމަށެވެ. އެތަނުގެ ހިންގުން ހަރުދަނާކުރަން ގައުމުގެ މުސްތަގުބަލް ބިނާކުރަން ބޭނުންތެރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނިވަސިޓީތަކަކީ ތައުލީމީ މަރުހަލާގެ އެންމެ މަތީ ހަރުފަތް ކަމަށްވާތީ، އެތަނުން ދޭ ތައުލީމާއި ތަރުބިއްޔަތާއި މީހުންގެ ފިކުރާއި ވިސްނުން ބައްޓަންކުރަން ޖެހޭނީ ބަނަވެފައިވާ ދުނިޔެއެއްގައި މީހުން ދިރިއުޅެވޭނެ ގޮތްތަކެއްގެ މަތިން ކަމަށެވެ. އަދި ވަކި ސަރުކާރެއް ނުވަތަ ނުފޫޒެއްގެ މައްޗަށް ތައުލީމީ ފަލްސަފާ ބިނާކުރުމަކީ ދުނިޔޭގެ ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔުނިވަސިޓީއެއްގެ ހިންގުން ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ބަދަލުކުރަން ޖެހުމަކީ އެތަނުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއް. އަދި އެ ތަނެއްގެ ކުރިއެރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ހޮވިވަޑައިގެންނެވި އާދަމް ޝަރީފް ވިދާޅުވީ ގައުމީ ޔުނިވަސިޓީއާ އެކީގައި އިސްލާމީ ޔުނިވަސިޓީއެއް ހުރުން، 100 ޕަސަންޓު މުސްލިމް ގައުމެއްގެ ގޮތުގައި އޮތުމަށާއި އިސްލާމީ ވަހުދަތު ރާއްޖޭގައި ރައްކާތެރި ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ކެމްޕަސްތައް ހުޅުވިގެން ދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ގައުމަށް ބޭނުންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ބައެއް ދިވެހިން ހައްދުފަހަނަ އަޅައިގެން ދަނީ ދީނީ ގޮތުން ދޭން ޖެހޭ ތަރުބިއްޔަތުތައް އެންމެ ފުރިހަމަ އަށް ނުދެވޭތީ އެވެ. އެހެންވެ، މިކަންކަމަށް އިސްލާމީ ޔުނިވަސިޓީ މެދުވެރިކޮށް ވިޔަސް، ހައްލު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.