ކޮފީ ބޯ މީހުންނަށް އަނެއްކާވެސް އުފާވެރި ޚަބަރެކެވެ. އާ ދިރާސާއެއްގައި ބުނާ ގޮތުން ހަށިހަނޑުގައި ހުންނަ ފެޓްތަކާ ދެކޮޅަށް މަސައްކަތް ކުރާ "ބްރައުން ފެޓް" ގެ މަސައްކަތްތައް ކޮފީގެ ސަބަބުން އިތުރަށް ވަރުގަދަކޮށްދެ އެވެ.
ނަތީޖާ އަކީ، ފަލަވުމާއި ހަކުރުބަލި ފަދަ ބަލިތަކުން ރައްކާތެރިކޮށް ދޭން އެހީވުމެވެ. މިއީ ބްރައުން ފެޓް ނުވަތަ ބްރައުން އެޑޮޕޯސް ޓިޝޫ (ބީއޭޓީ) އާއި ކޮފީއާ ހުރި ގުޅުމާ ބެހޭ ގޮތުން މިހާތަނަށް ހެދި ފުރަތަމަ ދިރާސާ އެވެ.
ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ބްރައުން ފެޓަކީ ހަށިގަނޑުގައި އުފެދޭ ފާސްޓް ކެލެރޮރީޒް ވަރަށް އަވަހަށް އަންދާލައި ހަކަތަ އަށް ބަދަލުކޮށް ދިނުމުގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. އަދި ކޮންމެ ދުވަހަކު ކޮފީ ބޯ ނަމަ "ބްރައުން ފެޓް ސްޓިއުމޭޝަލް ވަރުގަދަވާ" ކަމަށް ބުންޏެވެ. ދިރާސާގައި ބުނި ގޮތުގައި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ދަށް މީހުންގެ ހަށިގަނޑުގައި ބްރައުން ފެޓް އެކުލެވޭ މިންވަރު ވެސް މައްޗެވެ.
"މިކަމުގެ ސަބަަބުން ހަށިގަނޑުގެ ހިނގުމަށް އެކިއެކި ގޮތް ބްރައުން ފެޓް މުހިއްމު ދައުރެއް އެބަ އަދާކުރޭ. ހަށިގަނޑުގައި ހުންނަ އެހެން ފެޓްތަކާ ހިލާފަށް ބްރައުން ފެޓް މަސައްކަތްކުރާ ގޮތް ތަފާތު. މިސާލަކަށް ފެޓާއި ހަކުރު އަންދާލަން މުހިއްމު ދައުރެއް އަދާކުރޭ،" ދިރާސާގައި ބައިވެރިވި ނޮޓިހަމް ޔުނިވަސިޓީގެ ޕްރޮފެސަރު މައިކަލް ސައިމަންޑްސް ވިދާޅުވި އެވެ. "މީގެ ނަތީޖާއެއްގެ ގޮތުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް ދިނުމާއި ލޭގެ ލިޕިޑް ލެވެލް ހަމައަކަށް އަޅުވައި ހަށިގަނޑަށް ޖަމާވާ އިތުރު ކެލޮރީޒް ނައްތާލަން ބާރު އަޅާ."
ދިރާސާ ހެދި ޓީމުން މިހާރު އަންނަނީ ބްރައުންޓް ފެޓްގެ ރޯލް އިތުރުކޮށް ދެނީ ސީދާ ކޮފީގައި އެކުލެވޭ ކެފެއިންގެ ސަބަބުންތޯ ދެނެގަތުމަށް އިތުރު ތަހުލީލުތަކެއް ވެސް ހަދަމުންނެވެ.
"ކޮފީ އާއި ބްރައުން ފެޓާ ގުޅުން ހުރިކަމާ ދޭތެރޭ މިހާރު ޝައްކެއް ނެތް. ނަތީޖާތައް ދައްކަނީ ވަރަށް ޕޮޒިޓިވްކޮށް. އެހެންވެ މުޅި ދިރާސާ އެއްކޮށް ފުރިހަމަވެގެން އަންނަ އިރު އުންމީދު ކުރެވެނީ ހަކުރު ބައްޔާއި އޮބިސިޓީ އަށް ކޮފީ އާއި ބްރައުން ފެޓާ ގުޅެނީ ކިހާ ވަރަކަށްކަންކަން ކަށަވަރުވެގެން ދާނެ،" ސައިމަންޑްސް ވިދާޅުވި އެވެ.