ލޫކަސް އާއި ސިމްވާ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފި

އެމްޑީޕީގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ޝައްމޫން ޖަލީލް (ލޫކަސް) އާއި އަހްމަދު އަންވަރު (ސިމްވާ)ގެ އިތުރުން ވެސް ދެ މީހަކު ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފި އެވެ.


ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރަކަށް ލޫކަސް ހަމަޖެއްސި އިރު، ސިމްވާ އައްޔަންކުރީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރަކަށެވެ. ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމްތަކަށް ވެސް ދެ މީހަކު ހަމަޖައްސާފައިވެ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި އެކި ކަންކަމަށް ލޫކަސް އާއި ސިމްވާ ފާޑުކިޔައި ޓުވީޓް ކުރަން ފެށުމުން ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރި އެވެ. ހައްޔަރު ކުރުމުގެ އިންޒާރު ލިބެެން ފެށުމުން އަމިއްލަ އަށް އަރުވާލެވިގެން ދިރިއުޅެމުން އައީ ސްރީ ލަންކާގަ އެވެ.

އެ ގައުމުގައި ތިބެގެން ވެސް އެ ދެ މީހުން ދިޔައީ، ކުރީގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުކިޔައި އަދި ލަންކާގައި ސަރުކާރާ ދެކޮޅަށް ހިންގަމުން ދިޔަ ހަރަކާތްތަކުގެ މައުލޫމާތު އިދިކޮޅުގެ ސަޕޯޓަރުންނާ ހިއްސާކުރަމުންނެވެ. ދެ މީހުން ވެސް އެނބުރި ރާއްޖެ އައީ ސަރުކާރު ބަދަލުވުމުންނެވެ.