ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސްރީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ދެ ވަނަ ފަހަރަށް ރޭ ބައްދަލުކުރައްވައި، އެ މީހުންނަށް އެ ގައުމުގައި ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.
އެމަނިކުފާނާ އެކު، ލަންކާގައި މި ވަގުތު ހުންނެވި، މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ވިދާޅުވީ، ލަންކާ ގައި ކިޔަވާ ދަރިވަރުންނާއި އެތަނުގައި ދިރިއުޅެމުން އަންނަ މީހުންނާ ބައްދަލު ކުރައްވައި، ދިމާވާ ދަތިތައް ބައްލަވާފައިވާ ކަމަށެވެ.
ދިވެހިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ވިސާގެ މައްސަލަ އާއި ސްޓޫޑެންޓް ލޯނާއި އާސަންދަ ލިބުމުގެ މައްސަލަތައް ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ސަތޭކަ ވިއްސަކަށް ދިވެހިން ބައިވެރިވި އެވެ. ލަންކާގައި އުޅޭ ދިވެހިންނާ މިދިޔަ ހުކުރު ދުވަހު ވެސް މައުމޫން ބައްދަލުކުރައްވާފައި ވެ އެވެ.
އެމަނިކުފާނު ވަނީ މާލެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެކަންކަން ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"ސަރުކާރުގެ ތެރެއިން ހައްލުކޮށްދޭން އެދުނު. ރައީސް މައުމޫން ވަނީ އެކަން ރައީސްއާ ހިއްސާކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ،" އަލީމް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގެ ވެރިކަން ކުރާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ މައުމޫން ލަންކާ އަށް ވަޑައިގެން މި އުޅުއްވަނީ ބޭސްފަރުވާ އަކަށެވެ. ލަންކާގައި އަމިއްލަ އަށް މަރުވެގެން މިދިޔަ އޭޕްރީލް 21 ގައި އީސްޓާ ބޮމުގެ ހަމަލާ ދިން އިރު ވެސް އެމަނިކުފާނު ހުންނެވީ ބޭސްފަރުވާ އަކަށް އެ ގައުމުގަ އެވެ. އެކަމަކު، އެ ހަމަލާއާ ގުޅިގެން ލަންކާގެ ހާލަތު އިތުރަށް ގޯސްވުމުން މައުމޫން ވަނީ ދަތުރުފުޅު ކުރު ކުރައްވާފައި ރާއްޖެ ވަޑައިގެންފަ އެވެ.