ޔާމީން އުޅުއްވަނީ ހަމަޖެހުން ނަގާލަން: އެމްޑީޕީ މެމްބަރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ގައުމަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އެއްވުންތައް ބާއްވަން އުޅެނީ ރާއްޖޭގައި އޮތް ސުލްހަމަސަލަސްކަން ނަގާލަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


"ފޭރުމާ ދެކޮޅަށް" މި ނަމުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަން އުޅޭ އެއްވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން އެކަމަށް ފާޑުކިޔުއްވައި ވިދާޅުވީ ސަރުކާރާ ދެކޮޅަށް އެއްވުން ބާއްވަނީ ރައްޔިތުން ގަބޫލުކުރާ ހުއްޖަތެއް ދެއްކުމަށް ފަހު ނޫން ކަމަށެވެ.

އެކަމުގައި އިސްކޮށް ތިއްބެވީ، އެމްޑީޕީގެ މެމްބަރުންގެ ވިސްނުމުގައި، މުޅި ގައުމު ފޭރި އަދި ލޫޓުވާލައި ރައްޔިތުންނަށް އެތައް އަނިޔާއެއް ދީފައިވާ ބައެކެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޔާމީނަކީ ގައުމަށް "ޣައްދާރުވެފައި" ހުންނެވި ލީޑަރެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތްކުރަނީ ޔާމީނާއި އެމަނިކުފާނުގެ ބައިވެރިން ކުރެއްވި ޚިޔާނާތާ ގުޅޭ ކަންކަން ފޮރުވަން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މިރޭގެ އެއްވުމުގައި ބައިވެރިވާނީ ރައްޔިތުންގެ ފައިސާ އަށް ޔާމީނާއި އެމަނިކުފާނުގެ ބައިވެރިން ޚިޔާނާތްތެރިވެފައިވާތީ އެކަމަށް ހިތްވަރުދޭ މީހުންނެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް ޔާމީނަށް މާ ގިނަ ބަޔަކު ނެރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އެ މީހުން ބުނާ ގޮތުގައި، ސަރުކާރަށް އަށް މަސް ވީ އިރު ރައްޔިތުން ބޭނުންވާ ސްޕީޑުގައި ތަރައްގީގެ އެއްވެސް ކަމެއް ކުރިއަށް ނުދިއުމެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އަމަލުތައް ހުރީ ރައްޔިތުން މާޔޫސްވާ ގޮތަކަށެވެ.

އިދިކޮޅު ފަރާތްތަކުން ދެން އެންމެ ކަންބޮޑުވާ ކަމަކީ އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ނުގެނެވި ލަސްވުމެވެ.

އެ މައްސަލާގައި ޝަހީމާއި މީކާއިލް ވިދާޅުވީ ލުތުފީ ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ވެސް މި ސަރުކާރުން ކަމަށެވެ.

ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ލުތުފީ ރާއްޖެ ނުގެނެވި ދިޔައީ އެ ސަރުކާރުގެ ބޮޑު އިހުމާލުން ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ބޭއްވި މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ އަށް މަހުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ފަދަ ގިނަ މަޝްރޫއުތަކުގައި ސޮއިކޮށް، އެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަން ނިމި، ކޯލިޝަންގެ ސަރުކާރެއް އުފެދިގެން އައި އިރު، ސަރުކާރުގެ ވުޒާރާތަކާއި އެ ނޫން ވެސް ތަންތަން ހިންގަމުން ދިޔައީ ވަރަށް ގޯސްކޮށެވެ. އެހެންވެ، މި ސަރުކާރުގެ މަސައްކަތަކަށް އެންމެ ފުރަތަމަ އިސްކަން ދިނީ ތަންތަން ހަރުދަނާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަން އޮތް މިންވަރަށް މި ސަރުކާރުގެ އެއްވެސް ވުޒާރާއެއް ނުވަތަ ކުންފުންޏެއްގައި ކޮރަޕްޝަނެއް ނޯންނާނެ،" އާޒިމް ވިދާޅުވި އެވެ.

"ޔާމީން ސަރުކާރު ހިންގި އިރު ހަޑިކޮށް އުޅުއްވި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއް ހަޑިކޮށް ނޫޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް. އަޅުގަނޑުމެންގެ ސަރުކާރަކީ ވަރަށް ތަފާތުކޮށް، ސަރުކާރުގެ އެކިއެކި ކަންކަން ކުރަމުން އަންނަ ބައެއް،" އާޒިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް ވިދާޅުވި --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ފަރާތްތަކުން ކުއްލިއަކަށް ނުކުތުން!

އެމްޑީޕީގެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ވޭތުވެދިޔަ އަށް މަހެއްހާ ދުވަހުގެ ތެރޭގައި ޕީޕީއެމާއި ޕީއެންސީގެ އަޑު އޮތީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. އެކަމަކު ކުއްލިއަކަށް ހަރަކާތަށް ނުކުންނަން ދެ ޕާޓީން ނިންމީ ދެ ތިން ކައުންސިލް ބައްދަލުވުމެއް ބާއްވާފައި ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ޔާމީން މަސައްކަތްޕުޅު ކުރައްވަނީ "މަރުވެފައި އޮތް" ސިޔާސީ ޕާޓީއެއް "ދިރުވަން" ކަމަށެވެ.

އެކަމަކު ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ޖާގަ ދޭން ވާނެ ކަމަށް އާޒިމާއި މީކާއިލާއި ޝަހީމް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް (ކ) އަދި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް. --- ފޮޓޯ: މަޖިލިސް

އާޒިމް ވިދާޅުވީ ޔާމީންގެ އެތައް މައްސަލައެއް ޝަރުއީ ކޯޓުތަކުގައި ހިނގަމުން އަންނަ އިރު، އެ މައްސަލަތައް އަވަސްކޮށް، އެމަނިކުފާނަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ވާނީ އިންސާފުވެރި ކޯޓުތަކެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ދަނޑިވަޅެއްގައި ޔާމީން މިހާރު ފައްޓަވާފައިވަނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިކުރުމުގެ މަސައްކަތެވެ.