ބީއެމްއެލްގެ މުވައްޒަފުންނާ ބެހޭ ގޮތުން އޭސީސީން ދެއްކި ވާހަކަތައް ދޮގުކޮށްފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންގެ ބައިވެރިވުން ހިމެނޭ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެއްކި ވާހަކަތައް ބީއެމްއެލް އިން މިރޭ ދޮގުކޮށްފި އެވެ.


އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަކަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި 30 އަށް ވުރެ ގިނަ މުވައްޒަފުންގެ ބަޔާން ތަހުގީގަށް ނަގަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެ ކުރިން ވެސް އޭސީސީން މި ތުހުމަތު ކުރި އެވެ. އެ ފަހަރު ވެސް ބޭންކުން ދޮގުކުރި އެވެ.

އޭސީސީގެ ވާހަކަތައް ދެ ވަނަ ފަހަރަށް ދޮގުކޮށް ނެރުނު ބަޔާނުގައި ބީއެމްއެލް އިން ބުނީ އެ ބޭންކް ހިންގަނީ ގާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ކަމަށެވެ. އޭގެ އިތުރުން ހަރުދަނާ އިންޓާނަލް ކޮންޓްރޯލްތައް ވެސް ބޭންކްގައި ގާއިމްކޮށް މުވައްޒަފުން އަމަލުކުރަމުން އަންނަނީ އެ ގަވާއިދުތަކާއި އުސޫލްތަކުގެ ތެރެއިންތޯ ބަލައި ޒިންމާކުރުވޭނެ އިންތިޒާމްތައް ވެސް ގާއިމްކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބޭންކުން ވަނީ އިންޓާނަލް އޮޑިޓެއްގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) މެދުވެރިކޮށް ވެސް އޮޑިޓެއް ހަދައިފަ އެވެ.

"...އޮޑިޓްތަކަށް ފަހު ޔަގީންވެފައި ވަނީ ބޭންކުން އަމަލުކޮށްފައި ވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ބޭންކުން ބުނިގޮތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާވަތެއްގެ އަމަލެއްގައި ބޭންކުގެ މުވައްޒަފުން ޝާމިލްވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ގެންދާތީ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަކީ އެ ބޭންކުގެ އުސޫލެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ. ފުރިހަމަނުވާ އެ ތަހުގީގާ ގުޅޭ ގޮތުން އޭސީސީން އިއްޔެ އާއްމުކުރި މައުލޫމާތުގައި ބޭންކުގެ މުވައްޒަފުންތަކެއް ޝާމިލްވާ ކަމަށް ބުނެފައިވާތީ އެ ވާހަކަަތައް ބޭންކުން ވަނީ ކުށްވެރި ކޮށްފަ އެވެ.

"މިފަދަ ހަގީގަތާ ޚިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެ ބަޔަކަށް ބަރޯސާވާ ބައިނަލްއަގުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުޢާމަލާތްތައް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ވާހަކަ ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ބެލިބެލުމުގައި އެނގުނީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރަމުން ދިޔައީ ބޭންކުން އަމަލުކުރަމުން އަންނަ އުސޫލާ ޚިލާފަށް ކަމަށެވެ. އެންޑޯޒްމަންޓް ފުރިހަމަނުވަނީސް ގިނަ އަދަދެއްގެ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓްތަކަށް ބީއެމްއެލް އިން ޖަމާކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެމްއެމްޕީއާރުސީގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެ ޗެކްތައް އެންޑޯސްކޮށް، އެސްއޯއެފް ގެ އެކައުންޓަށް ޖަމާކުރުމަށް ބޭންކަށް ހުށަހެޅުމުންނެވެ. ޗެކްތައް ޖަމާކުރުމުގައި ބޭންކުން އަމަލުކޮށްފައި ވަނީ ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި ބެހޭ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

"މި ގާނޫނަށް އަމަލުކުރަން ފެށިފަހުން ބޭންކަށް އެންޑޯސްކޮށްގެން ޖަމާކުރަން ހުށަހަޅާ ހުރިހާ ޗެކްތަކަށް ވެސް އަމަލުކުރާ އުސޫލުން އެމްއެމްޕީއާރުސީގެ ޗެކްތައް ވަކި ތަފާތުކުރުމެއް ނެތި އެވެ. ދިވެހިރާއްޖޭގެ އެހެނިހެން ބޭންކުތަކުން ވެސް، އެންޑޯސްކޮށްފައިވާ ޗެކްތައް ޖަމާކުރާ އުސޫލުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށެވެ،" ބަޔާނުގައިވެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ކުރިއަށް އޮތް ތަނުގައި ވެސް އެ ބޭންކުން އެއްބާރުލުން ދޭނެ އެވެ. ބޭންކުން އެދެނީ އެ ތަހުގީގު އަވަހަށް ނިމި، އެ ބޭންކުގެ ބައިވެރިވުން އޮތް ކަމަށް ކުރާ ތުހުމަތަށް ނިމުމެއް އައުމަށް ކަމަށް ބަޔާނުގައިވެ އެވެ.