ޝައިމް ގެއްލުމުގެ ޒިންމާ ދައުލަތުން ނަގަން ޖެހޭ: ޝިދާތާ

ކުޑަކުދިންގެ ހިޔާ އިން ފިލި ޝައިމް އަބްދުﷲ ގެއްލުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ މިދިޔަ މަހުގެ 20 ގަ އެވެ. އޭގެ ދެ ހަފްތާ ފަހުން ޝައިމް ހޯދީ މާލޭގެ ގެއެއްގެ ތެރެއިންނެވެ. އަދި ޝައިމް ގެއެއްގެ ތެރޭގައި ފިލުވި މައްސަލައިގެ ތުހުމަތުގައި އަންހެނަކާއި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޝައިމް ގެއްލުނު މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިދާތާ ވިދާޅުވީ މިކަމުގައި ޖެންޑަ މިނިސްޓްރީގެ އިތުރުން މުޅި ދައުލަތުން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޝައިމް ނެތް ކަން އެނގިގެން އެ ވަގުތުން ފެށިގެން ފުލުހުންނަށް އެންގި ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

ޝައިމް ކުޑަކުދިންގެ ހިޔާގައި ނެތް ކަން ފާހަގަ ކުރެވިގެން ޖެންޑަ މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއާ މައްސަލަ ހަވާލުކުރެއްވި ކަމަށް ޝިދާތާ ވިދާޅުވި އެވެ. އަދި ޑިއުޓީގައި ހުރި މުވައްޒަފަކު، ވަގުތީ ގޮތުން މަސައްކަތުން ދުރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް (ކ) --- ފޮޓޯ: މަޖިލިސް

"މިނިސްޓްރީގެ ސަބް ކޮމިޓީއެއް ނަގައި އެކަން ހިނގައިދިޔަ ގޮތް ތަފްސީލްކޮށް ބަލައި ދިރާސާކޮށް، ތަހުގީގުކޮށް ރިޕޯޓު އެކުލަވާލަމުންދާ ކަން ފާހަގަ ކުރަން،" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ގާއިމުކޮށް އެތަންތަން ހިންގުމަކީ ވެސް ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ތަމްރީނު ލިބިފައިވާ މުވައްޒަފުންނާއި ކުދިންގެ ކަންކަން ބެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށާއި، ތަނުގެ ވަސީލަތްތައް ވަރަށް ބޮޑަށް ވީރާނާވެ، ތަން ހިންގުމަށް އެކަށީގެންވާ ބަޖެޓެއް ވެސް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގައި 13 އަހަރާއި 18 އަހަރާ ދެމެދުގެ 42 ކުދިން ބަލަހައްޓަމުންދާ އިރު އެތަނުގައި 29 މުވައްޒަފުން މަދު ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ. އަދި ދެން ހުރި ތަންތަނުގައި ކުދިންގެ އަދަދު އިތުރުވަމުންދާ އިރު، އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާ އަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ޝިދާތާ ވިދާޅުވީ މުވައްޒަފުންނަށް ވެސް ތަމްރީންތަކެއް ދެމުން އަންނަ ކަމަށެވެ.

ކުޑަކުދިން ބަލަހައްޓާ ތަންތަން ގާއިމު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވާ އިރު، އެ ތަނަކީ އެމީހުންގެ ގެއެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައިމްގެ ހުރިހާ މައުލޫމާތުތަކެއް މީޑިއާތަކަށް ތަފްސީލްކޮށް ހާމަކުރެއްވީ ކީއްވެތޯ ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ސުވާލުގެ ޖަވާބުގައި ޝިދާތާ ވިދާޅުވީ ޝައިމްއާ ގުޅޭ ޒާތީ މައުލޫމާތުތައް ހާމަކުރައްވާފައި ނުވާނެ ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އެކަމަކު، ސޯޝަލް މީޑިއާ އާއި ބޮޑެތި މީޑިއާތަކުގައި މައުލޫމާތު އޮޅުން އަރާ ގޮތަކަށް ހުރުމުން، އާންމު މަސްލަހަތު ހިމާޔަތް ކުރުމަށް އޮޅުން އަރާ މައުލޫމާތުތައް އޮޅުން ފިލުވައި ދިނުމަކީ އޭނާގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ. ޖެންޑަ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގައި ކުއްޖާއާ ގުޅުން ހުރި ތަފްސީލްތައް ނުދޭނެ ކަން އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސް ކޮންފަރެންސްގައި ދިން މައުލޫމާތު ކަމަށް ގަބޫލު ނުކުރާ ކިތަންމެ މައުލޫމާތެއް ނޫސްތަކުގައި ހުރި. އެކަމަށް ރިއާޔަތްކޮށް ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރި،" ޝިދާތާ ވިދާޅުވި އެވެ.

ޝައިމް ގެއްލުނު މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ކުރިން ވިދާޅުވެފައި ވަނީ ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރައްވާ ކަމަށެވެ. ކުށުގެ ވެށީގައި އުޅެނިކޮށް އެ ކުއްޖާ މިދިޔަަ މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށް ވިދާޅުވި އެވެ. އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހެދިއިރު، ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.