ރަހީނުކުރި މައްސަލަ ބަލާނެ ކަމަށް ޕީޖީ ވިދާޅުވީ ތަކުރާރުކޮށް ކަންބޮޑުވުންފާޅުކުރުމުން!

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ޒިންމާ އަދާނުކުރައްވާ ކަމުގެ ކަންބޮޑުވުންފާޅުކޮށް ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން ޝަކުވާ ކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް "ރަހީނުކުރި" މައްސަލަ ބައްލަވާނެ ކަމަށް ޕީޖީ އިއްޔެ ވިދާޅުވެއްޖެ އެވެ.


ކުރީގެ ސަރުކާރުގައި ސިިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްޗަށް ޕީޖީ ބިޝާމް ދައުވާ އުފުލި ގޮތާ މެދު ސުވާލު އުފައްދަވައި މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރައްވާފައި ނުވާ ކަމުގެ މިސާލެއްގެ ގޮތުން ތުޅާދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް ހިސާން ހުސެއިން ނެންގެވީ މާޝާ ހައްޔަރުކުރި މައްސަލަ އެވެ.

ފެބުރުއަރީ، 11، 2018 ގައި މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ގިނަ އިރުތަކެއް ވަންދެން އެތަނުގައި ބޭންދީ އޭނާގެ ފިރިކަލުން އިލްހާމް ހޯދަން އިއުލާންކުރުމަށް ފަހު އެވެ. ތުހުމަތަކާ ނުލައި އެހާ ގިނައިރު މާޝާ ހިފެހެއްޓުން ހިސާން ސިފަކުރެއްވީ ރަހީނުކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ.

އިލްހާމް ހޯދަން އިއުލާން ކުރީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތަހުގީގަށް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

މި މައްސަލައިގައި ސުވާލުކުރުމުން ބިޝާމް ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިވަޑައިގަތީ އެކަން ހިނގިތާ ދުވަސްތަކެއް ފަހުން ކަމަށެވެ. އެކަމަކު އިލްހާމްގެ މައްސަލާގައި ޕީޖީ އޮފީހާއި ފުލުހުންނާ ދެމެދު ހިނގި މަޝްވަރާތަކުގައި އެކަމާ ބެހޭގޮތުން ޕީޖީ އޮފީހުން ސުވާލުކުރި ކަމަށް ބިޝާމް ވިދާޅުވި އެވެ.

އެ މައްސަލައިގައި، އޭނާ ވިދާޅުވި ގޮތުގައި، ފުލުހުން ޖަވާބެއް ނުދިނެވެ. އޭގެ ފަހުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމްގެ މި ޖަވާބާ ގުޅުވައި ހިސާން ވިދާޅުވީ ބައެއް މައްސަލަތަކުގައި ޕީޖީ ޒިންމާ އަދާކުރެއްވުމުގައި ފަރުވާ ކުޑަކުރައްވާފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެއާއެކު ގާނޫނުއަސާސީގެ މާއްދާތައް ވިދާޅުވެދެއްވައި ޕީޖީގެ ޒިންމާ ހަނދާންކޮށްދެއްވި އެވެ.

ޖިނާއީ ކުށުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ނަމަ ނުވަތަ ޝަކުވާއަކުން ނަމަވެސް އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ އެ ކަމެއް ތަހުގީގު ކުރުމުގެ އަމުރު ނެރުން އެއީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިގެންފި ނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ޕީޖީ އަށް އޮންނަ ކަން ހިސާން ފާހަގަކުރެއްވި އެވެ.

ކުށެއްގައި ތުހުމަތު ކުރެވޭ މީހާ ވަކި ކަމެއް ކުރަން މަޖުބޫރުކުރުވުމުގެ ގޮތުން އޭނާގެ އާއިލާގެ މީހުންނަށް ނުފޫޒު ފޯރުވައި ހިފައި ހައްޔަރުކުރުން ފަދަ ކަންކަމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަން ހިސާން ފާހަގަކުރެއްވި އެވެ. އަދި މާޝާ ރަހީނުކުރުމަކީ ފުލުހުން މި ފަހުގެ ތާރީޚެއްގައި ހިންގި އެފަދަ ފުރަތަމަ އަމަލު ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެއީ އެންމެ ފަހަރަކު ނަމަވެސް ފުލުހުން ހިންގަން ހުއްދަ ދެވޭނެ ފަދަ ޒާތުގެ އަމަލަކަށް ނުވާއިރު އެކަން މީޑީއާގައި އާއްމުވި ކަަމަށް ހިސާން ވިދާޅުވި އެވެ.

އޭގެފަހުން ވެސް ޕީޖީ އެއްވެސް ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯ ދެންނެވުމުން ހިސާންގެ ވާހަކަ އަށް އެއްބަސްވެވަޑައިގަންނަވަމުން ވިދާޅުވީ "އެ މައްސަލައިގައި އޭރު ތި ވިދާޅުވި ގޮތަކަށް އަޅުގަނޑު އަމުރެއް ނެރެދީފައެއް ނޯންނާނެ" ކަމަށެވެ.

"އެހެންވިޔަސް އަޅުގަނޑު އެކަމާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަން،" ބިޝާމް ވިދާޅުވި އެވެ.

ނުފޫޒުން އެއްކިބާވެ ބިޝާމް ޒިންމާ އަދާކުރައްވާފައި ނުވާ ކަމަށް މެމްބަރުން ކުރެއްވި ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގުކުރެއްވި އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތެވެ. ދައުވާތައް އުފުލީ އަދި އުފުލި ބައެއް ދައުވާތައް އަނބުރާ ގެނައީ ވެސް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.