ޑީއާރުޕީގެ ލީޑަރަކަށް ޖާބިރު ހަމަޖައްސައިފި

ޑީއާރުޕީގެ ލީޑަރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިރޭ ހަމަޖައްސައިފި އެވެ.


މިރޭ ބޭއްވި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައި، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ހޮވީ، ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ރަޖިސްޓްރާ އަކަށް ކަނޑައެޅީ، މިދިޔަ ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ސްޕޯކްސް ޕާސަނަކަށް ހަމަޖެއްސީ ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ އެވެ.

ނަޝީދު "މިހާރު" އަށް ވިދާޅުވީ ޖާބިރު ފަދަ ލީޑަރަކު ޑީއާރުޕީ ހިންގެވުމާ ހަވާލުވެވަޑައިގަތުމަކީ އެ ޕާޓީ އަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ޑީއާރުޕީ ފެންނާނީ ސިޔާސީ މަސްރަހުގައި ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ކަަމަށް އޭނާ ވިދާޅުވި އެވެ.

ޑީއާރުޕީ ބަލިކަށިވެ، މިހާތަނަށް ނުހިންގި އޮތީ ސިޔާސީ ހަރަކާތް ނުހިންގި އޮތީ ޕާޓީގެ ދަރަންޏާ ހެދި އެވެ.

ޑީއާރުޕީގެ އެތެރޭގެ އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ބައިބައިވެ، ޕާޓީގެ ގިނަ އަދަދެއްގެ އިސްބޭފުޅުން އެ ޕާޓީ ދޫކުރައްވައި ވަޑައިގަތްއިރު ޕާޓީ އޮތީ މާލީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފަ އެވެ.

އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ސްޓޫޑިއޯއަކުން ޑީއާރުޕީން ހޯދި ޚިދުމަތްތަކަކަށް ވެސް 19 މިލިއަން ރުފިޔާ ދައްކަން އެ ޕާޓީ އަށް ވަނީ ޖެހިފަ އެވެ.

މި ދަރަނީގެ ތެރެއިން 15 މިލިއަން ރުފިޔާ މިހާރު ޚަލާސްކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްކަމެއް ދޭނަން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީގެ ކޮންގްރެސް ބޭއްވުމަށް،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައިި ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި ކުރީގެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި މައްސަލަ އުފެދި ދެ ފަޅިވުމުންނެވެ.

ޑީއާރުޕީ ތެރޭގައި މައްސަލަ އުފެދުނީ މައުމޫން އެއްފަރާތްވެވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕް ހަވާލުކުރާނެ ބޭފުޅަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އޭރު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަދި 2008ގެ އިންތިހާބުގައި މައުމޫންގެ ރަނިން މޭޓަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ އެވެ. ފަހުން އޭނާ ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.