މަގުސަދު ހާސިލް ވާނީ ދިރިއުޅުމުގެ މައިދާނަށް ކުދިން ތައްޔާރު ކުރެވިގެން: ނައިބު ރައީސް

ތައުލީމުގެ މަގުސަދު ހާސިލު ކުރެވޭނީ ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށް ކުދިންނަށް އުނގަންނައިދީގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.


ހދ. ނޮޅިވަރަންފަރު ސްކޫލްގެ ރަންޔޫބީލް ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ތައުލީމަކީ ހަމައެކަނި ކްލާސްރޫމް ތެރެއިން ދެވޭ އެއްޗެއް ނޫން ކަމަށެވެ. ތައުލީމުގެ މަގުސަދު ހާސިލް ވާނީ ދިރިއުޅުމުގެ މައިދާނަށް ކުދިން ތައްޔާރު ކުރެވިގެން ކަމަށް ވިދާޅުވި އެވެ.

ޓީޗަރުންގެ އަގު ވަޒަން ކުރައްވައި ނައިބު ރައީސް ވިދާޅުވީ މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލަކީ އެމީހަކަށް ދަސްވެފައި ހުރި އެއްޗެއް އެހެން މީހަކަށް އުނގަންނައިދިނުން ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ތައުލީމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާއްސަ ސަމާލުކަމެއް ދެއްވާ ދާއިރާއެއް ކަމަށާއި، މިސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ނޮޅިވަރަންފަރު ސްކޫލް ފާހަގަކުރެވެނީ ވޭތުވެދިޔަ އަހަރުތަކުގައި ރަން ވަނަތަކެއް ހާސިލްކުރި ދަރިވަރުންތަކެއް އުފެދުނު ސްކޫލެއްގެ ގޮތުގައި ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އެކަމުން ދޭހަވަނީ ރަނގަޅު ނަތީޖާ ހާސިލްކުރެވެނީ ވަރަށް ގިނަ ބަޔަކު އެއް އަމާޒަކަށް އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ހިދުމަތުގެ ރަން ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވާފަ އެވެ. އަދި އަންނަ އަހަރު އެ ސްކޫލްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސްކޫލްގެ ރަސްމީ ޔުނީފޯމް އިފްތިތާހުކޮށް ދެއްވި އެވެ.