މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް ސަސްޕެންޑްކޮށް ގާޒީ ޝަހީދުގެ މައްސަލައެއް ބަލަނީ

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް، އަދުނާން ހުސައިންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ. އަދި ހައި ކޯޓުގެ އިތުރު ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.


ޖޭއެސްސީން ބުނީ އަދުނާންގެ މައްޗަށް ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގު ވަކި ގޮތަކަށް ނިމެންދެން ވަޒީފާ އިން ނުނިކުމެ މަޑުކުރަން އަންގަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެކަމަކު، ޖޭއެސްސީން ބަލަނީ އަދުނާންގެ ކޮން މައްސަލައެއް ކަމެއް އެނގިފައެއް ނުވެ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަނީ ކޯޓުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ. އޭގެ ތަފްސީލެއް އެ ކޮމިޝަނަކުން އަދި ނުދެ އެވެ.

ޖޭއެސްސީން ދަނީ އެ ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްސަލައެއް ބަލަން އެދިފައިވެ އެވެ. ޝަހީދަކީ ކުރިން ކްރިމިނަލް ކޯޓުގައި ވެސް މަސައްކަތް ކުރެއްވި ފަނޑިޔާރެކެވެ.

ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ފޯނު އެލަވެންސެއް ހަމަޖައްސައިދިނުމަށް އެދެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފަ އެވެ.

އަދި ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ ހާޒިރީގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ، ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން މިކަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.