އައްޑޫގައި ސީ އެމްބިއުލާންސްގެ ހިދުމަތް ހުއްޓިފައިވާތާ އެތައް ދުވަހެއް

އައްޑޫގައި ސީ އެމްބިއުލާންސްގެ ހިދުމަތް ހުއްޓިފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި މިކަމާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން މިއަދު ބުނެފި އެވެ.


އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ސަދަން ކޮމާންޑްގެ ދަށުން އޮޕަރޭޓްކުރާ ސީ އެމްބިއުލާންސް މަރާމާތަކަށް ވަނީ މާލެ ގެންގޮސްފަ އެވެ.

މިކަމާ ބެހޭ ގޮތުން އެޗްއާރްއެޗް ހިންގެވުމާ ހަވާލުވެހުންނެވި ޝަރަފުއް ސާދާތު (ސާތު) "މިހާރު" އަށް ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތް ހުއްޓިފައިވާކަން އެމްއެންޑީފުން އެތަނާ ހިއްސާ ވެސް ކޮށްފައިނުވާ ކަމަށެވެ.

"ހޮސްޕިޓަލްގައި ފަރުވާ ދިން ބަލިމީހަކު ހުޅުމީދު އަށް ގެންދަން ޖެހިގެން ގުޅާލީމަ އަޅުގަނޑުމެންނަށް ވެސް އެނގުނީ ސީ އެމްބިއުލާންސްގެ ނެތްކަން ވެސް. ހަގީގަތުގައި އޭތި އޮޕަރޭޓް ކުރުމުގައި އެމްއެންޑީއެފްގެ އިހުމާލު ވަރަށް ބޮޑު. އެތަނުން މިކަމުގެ ޒިންމާތަކެއް ފުރިހަމައަކަށް ނުނަގާ،" ސާތު ވިދާޅުވި އެވެ. "އަނެއްކާ ސީ އެމްބިއުލާންސް އޮޕަރޭޓް ކުރުމުގައި އެބޭފުޅުންނާ އަޅުގަނޑުމެންނާ އޮންނަ ކޮމިއުނިކޭޝަން ވެސް ވަރަށް ދަށް. އެހެންވީމަ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވޭ."

އޭނާ ވިދާޅުވި ގޮތުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ހުއްޓިފައިވާތީ ބަލިމީހުން އަމިއްލަ އަށް ބޮޑު ހަރަދުކޮށްގެން ލޯންޗް ކުއްޔަށް ހިފައިގެން ދަތުރުކުރަން ޖެހުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި މިކަމުގެ ޝަކުވާތައް ވަރަށް ބޮޑަށް ލިބޭ ކަމަށް ސާތު ވިދާޅުވި އެވެ.

އެޗްއާރްއެޗް ހިންގެވުމާ ހަވާލުވެ ހުންނެވި ސާތު.

"އެމްއެންޑީއެފުން މީގެ ހަފުތާއެއްހާ ދުވަސްކުރިން ބުނެފައިވާ ގޮތުގައި ސީ އެމްބިއުލާންސްގެ ހިދުމަތް އަލުން ފެށޭނީ އަދި ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ފަހުން ކަމަށް." އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން ގޮތުން ހެލްތު މިނިސްޓްރީ އާއި އެޗްއާރްއެޗާއި އައްޑު އަށް ދަތުރުފަތުރުގެ ހިދުމަތް ދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ވަރަށް އަވަހަށް މަސައްކަތްތަކެއް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އެކަން ސާތު ކަށަވަރުކޮށް ދެއްވި ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ސީ އެމްބިއުލާންސެއްގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން އައްޑު އަށް ވަރަށް ވެސް މުހިއްމު ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

ސީ އެމްބިއުލާންސްގެ އިތުރުން އައްޑު އަށް އާދައިގެ އެމްބިއުލާންސްގެ ދަތިކަން ވެސް ވަރަށް ބޮޑެވެ. މި ވަގުތު މުޅި އައްޑޫގައި މައިގަނޑު ގޮތަކަށް ބޭނުން ކުރަނީ ފޭދޫ ސިއްހީ މަރުކަޒުގައި އޮންނަ ޕެރަމެޑިކް އެމްބިއުލާންސެވެ.