ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ސުލޫކީ މައްސަލައަކާ ގުޅިގެން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް މިހާރު ވަނީ ހުސްވެފަ އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައެޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ވެސް ޖޭއެސްސީގެ އިއުލާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި ހަތް އަހަރުގެ ތަޖްރިބާ ލިބިފައިވުމެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބޭނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލިއިރު އެ ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އާ ދެ ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ. އެކަމަކު އެ ދެ ބޭފުޅުން އަދި މަގާމުގެ ހުވައެއް ނުކުރައްވަ އެވެ.