ވާމިލިއަނުން ފެރީގެ ހިދުމަތް ހުއްޓާލީ އެއްބަސްވުމާ ހިލާފަށް ކަމަށް އޭޖީން ލަފާދީފި

ވާމިލިއަނުން ދެމުން އައި ފެރީގެ ހިދުމަތް ހުއްޓާލީ އެއްބަސްވުމާ ހިލާފަށް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ލަފާދީފައިވާ ކަމަށާއި ރިސޯޓު ހަދަން އެ ކުންފުންޏަށް ދިން ދެ ރަށާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާ އެކު މަޝްވަރާ ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި "ނުވަގަޑި-މީޑިއާ އެކު" ގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މ، ފ، އަދި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ހުއްޓާލުމުން އެކަމުގެ ލަފައަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އަރިހުގައި އެދުނު ކަމަށެވެ.

އެ ސަރަހައްދުތަކުގެ ފެރީގެ ހިދުމަތް ވާމިލިއަނުން ހުއްޓާލުމުން، ސަރުކާރުގެ ކުންފުނި އެމްޓީސީސީން ވަނީ މިދިޔަ މަހުގެ ތެރޭގައި އަލުން ހިދުމަތް ފަށައިފަ އެވެ.

"[އޭޖީ އޮފީހުގެ] ލަފާ ލިބިފައި ވަނީ، އެބޭފުޅުން [ވާމިލިއަނުން] އެކަން ކޮށްފައި ވަނީ އެގްރިމަންޓާ ހިލާފަށް ކަމަށް. އެ މީހުންނަށް ދީފައި ހުރި ރަށްތައް ދީފައި ހުރީ ޓޫރިޒަމް މިނިސްޓްރީން ވީމާ، އަޅުގަނޑުމެންނާ ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން ގޮތްތަކެއް ކަނޑައަޅަން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބަންޑާރަ ނައިބުގެ ލަފައާ އެއްގޮތަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކުރާނެ އެވެ.

އާދިލް ވިދާޅުވީ ފެރީ އޮޕަރޭޓްކުރަން އެހެން ކުންފުންޏަކަށް، ސަރުކާރުގެ ހުއްދައާ އެކު ވާމިލިއަނުން އޮތީ ދީފަ އެވެ. އެ އެއްބަސްވުން ބަދަލުކުރިއިރު ވެސް ފެރީގެ ވާހަކަ ފާހަގަކޮށްފައި އޮތުމުން، އެ ފަރާތުގައި ފެރީ ހިދުމަތް ދިނުމަށް ސަރުކާރަށް އެދުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓު ހެދުމަށް ވާމިލިއަނަށް ދެ ރަށެއް ދޫކުރީ، އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމުގެ ބަދަލެއްގެ ގޮތުގަ އެވެ. އެކަމަކު، ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ދެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ. ވާމިލިއަން އަކީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގެ ކުންފުންޏެކެވެ.