ހ. ފެހިއާބާދުގައި އަލިފާންރޯވެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު ސަތޭކައެއްހާ މީހުންނަށް އާންމުންގެ ގިނަ ބަޔަކު އެހީ ފޯރުކޮށްދިނުމުގައި އަނެއްކާވެސް ދިވެހިން ދެއްކީ ނަމޫނާ އެވެ. އަލިފާންގަނޑު ނިއްވާލުމަށް ސިފައިން އެންމެ ފުރަތަމަ ކުރި މަސައްކަތުގައި ވެސް އާންމުންގެ އެތައް ބަޔަކު ބައިވެރިވި އެވެ.

ހާލުގައި ޖެހުނު މީހުން ގެންދިޔައީ ކަލާފާން ސުކޫލަށާއި އިމާދުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލަށެވެ. އެއާ އެކު އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެތަންތަނަށް ގޮސް އެހީގެ ތަކެތި ހަދިޔާކޮށްފަ އެވެ. އަންނައުނާއި ނެޕީ ފަދަ، ކުއްލި އެހީގައި ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނުގެ އިތުރުން ބާލީހާއި ބެޑްޝީޓް ފަދަ ގިނަ އަދަދެއްގެ ސާމާނު ވެސް ހަދިޔާކުރި އެވެ.

އާންމުންގެ އިތުރުން ވިޔަފާރިން ވެސް ވަނީ ކެއިންބުއިމަށް ބޭނުންވާ ތަކެއްޗާއި ގޮދަޑި ފަދަ ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފަ އެވެ.

އާންމުން އެހީތެރިކަން ފޯރުކޮށްދޭން ފެށިތާ ކުޑަ އިރުކޮޅެއް ފަހުން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އިއުލާންކުރީ މިވަގުތަށް ބޭނުންވާ ވަރަށް ތަކެތި ލިބިފައިވާ ކަމަށެވެ. އަދި އިތުރަށް ތަކެތި ބޭނުންވާ ނަމަ އިއުލާން ކުރާނެ ކަމަށް ވެސް އެއޮތޯރިޓިން ބުންޏެވެ.

ނަމަވެސް އާންމުން އެހީ އޮހުން ކުރިއަށް ދިޔަ އެވެ. އެކި އުމުރުފުރާގެ ގިނަ ބަޔަކު ކޮތަޅުތަކާއި ފޮށި ފޮށީގައި އެއްޗެހި ހިފައިގެން ދިޔަ އެވެ.

"ވަރަށް ދެރަވެފައި މިހިރީ އެހެންވެ ބޭނުންވީ އެހީވާން. ވަރަށް އަސަރުކޮށްފި. އެހެންވެ އަޅުގަނޑުމެނަށް ވީވަރެއް މިކޮށްދެނީ،" އެހީގެ ތަކެތި ހިފައިގެން އިމާދުއްދީނަށް ގޮސް ހުރި ހަސަން އަބޫބަކުރު، 57، ބުންޏެވެ.

ހާލުގައި ޖެހުނު މީހުންނާއި ކުދިންނަށް ތިން ސްކޫލްގައި ނިދޭނެ ގޮތް ހަމަޖައްސައިދިނެވެ. ކަލާފާނު ސްކޫލުގައި އެކަނި ވެސް 100 އެއްހާ މީހުން އެބަ ތިއްބެވެ.

ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އެއް ހާދިސާގައި އަލިފާން ފުރަތަމަ ރޯވީ، ފަސޭހައިން އަލިފާން ހިފާނެ ޒާތުގެ އެއްޗެހި ބަހައްޓާފައި ހުރި ގުދަނެއްގަ އެވެ. ޓިނުން ތިން ބުރިއަށް ހަދާފައި ހުރި އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ.