މާލޭގެ ޓީޖެޓީ ސަރަހައްދުގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ލޯންޗު އަނދައިގެން ދިއުމުން ލިބުނު ގެއްލުން ހަތަރު މިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ލޯންޗު އޮޕަރޭޓް ކުރާ ކުންފުނިން މިއަދު ބުނެފި އެވެ.

ނެވި ޓްރާންސްފާ ސާވިސަސް އިން އޮޕަރޭޓް ކުރާ ތިން ލޯންޗުގެ ތެރެއިން "ނެވި-3" އަށް ތެޔޮ އަޅައި ފުރަން ތައްޔާރުވަނިކޮށް، އަލިފާން ރޯވީ އިއްޔެގެ މެންދުރު 3:30 ހާއިރެވެ.

މަންޒަރު ދުށް ބައެއް މީހުން "މިހާރު" އަށް ބުނީ އަލިފާން ރޯވީ ތެޔޮ ބައުޒަރަކުން ލޯންޗަށް ތެޔޮ އަޅަނިކޮށް، ޖެޓީ މައްޗަށް މީހަކު އެއްލައިލި ސިނގިރޭޓު ބަޓެއްގެ ސަބަބުން ކަމަށެވެ.

ނަމަވެސް މައްސަލަ ތަހުގީގު ކުރާތީ އެކަމާ ގުޅޭގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.

ނެވި ޓްރާންސްފާ ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު "މިހާރު" އަށް ވިދާޅުވީ، 60 މީހުންގެ ޖާގައިގެ އެ ލޯންޗު ބޭނުންކުރަން ފެށީ މީގެ ދޮޅު އަހަރު ކުރިން ކަމަށެވެ. އެ ކުންފުނީގެ ދަށުން 25 މީހުންގެ ޖާގައިގެ އިތުރު ދެ ލޯންޗު ބޭނުންކުރާއިރު އެ ހުރިހާ އުޅަނދެއް ވެސް ހުންނާނީ އިންޝުއާ ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ކުންފުނިން ދުއްވާ އެންމެ ބޮޑު ލޯންޗު އަނދައިގެން ދިއުމުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޓީ ޖެޓީ ސަރަހައްދުގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޓީ ޖެޓީ ސަރަހައްދުގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްޔެ ހަވީރު 4:00 ގައި ފުރަން އޮތް ލޯންޗުން ދަތުރުކުރަން 30 މީހުން ޓިކެޓު ނަގާފައި ވެ އެވެ.

މީގެ ތިން އަހަރު ކުރިން ދަތުރުތައް ފެށި ނެވި ލޯންޗު ފަހަރުން ކޮންމެ ދުވަހަކު ވެސް ދެ ދަތުރުކުރެ އެވެ. އެގޮތުން އއ. އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށާއި ތިން ރިސޯޓަކަށް ނެވި ޓްރާންސާފާ ސާވިސަސްގެ ލޯންޗުތަކުން މީހުން އުފުލަ އެވެ.

އަލިފާން ރޯވިއިރު ލޯންޗުގައި ހަތަރު މީހުން ތިއްބެވެ. އެއީ ކައްޕިއަކާއި ތިން ފަޅުވެރިންނެވެ. އެ ހާދިސާގައި އެ މީހުންގެ ހަށިގަނޑުގެ ބައެއް ފިހިފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަނިޔާ ލިބުނު މުވައްޒަފުންގެ ބޭސްފަރުވާގެ ކަންކަން ކުންފުނިން އަންނަނީ ބަލަހައްޓަމުންނެވެ.

އެންމެ ބޮޑު ލޯންޗު އަނދައި އަޑިއަށް ދިޔަކަމުގައި ވިއަސް ދެން ހުރި ދެ ލޯންޗުން ދަތުރުތައް ކުރެ އެވެ.

ލޯންޗުގެ އިތުރުން އަލިފާނުގެ ހާދިސާގައި ތިން ބައުޒަރު އަނދައި ތިން ބައުޒަރަަށް ގެއްލުންލިބިފައި ވެ އެވެ. ޓީޖެޓީ ސަރަހައްދުގައި ގިނައިން އޮތީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބައުޒަރުތަކެވެ.