ހުކުމް ތަންފީޒުކޮށް ނިިމި ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެ

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން، އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް ޖަލަށް ހުކުމްކުރި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެއްޖެ އެވެ.


އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އަލީ ހަމީދުގެ މައްޗަށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމާއި ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލާގައި ކުރި ދައުވާތަކުގައި ތިން އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އަ އެވެ.

ނަމަވެސް ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި އޭނާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ. އެއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ހަމީދުގެ ހުކުމުގެ މުއްދަތު މިދިޔަ މަހުގެ މެދުތެރޭގައި ހަމަވެފައިވާ ކަމަށެވެ. އެހެންވެ އަލީ ހަމީދު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ނޮވެމްބަރު 18 ގައި ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަގާމު ގެއްލުން

ފެބްރުއަރީ 1، 2018: އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކުއްލި އަމުރެއް ނެރުނު. އެ އަމުރުގައި، ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުންނާއި، މަޖިލިހުގެ މެމްބަރުކަން ގެއްލުނު ކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމި މެމްބަރުންގެ މަގާމު ނުގެއްލޭ ކަމަށް ކަނޑައެޅި

ފެބްރުއަރީ 5، 2018: އެންމެ މަތީ ކޯޓުގެ އަމުރަށް ތަބާއަވުމެއް ނެތި، ރައީސް އަބްދުﷲ ޔާމީން، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި

މޭ 10، 2018: ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވިކަން ސާބިތުވެ، ދެ ބޭފުޅުުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި

ޖޫން 18، 2018: ދެ ފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމި. އެއާ އެކު ފަނޑިޔާރުކަމުގެ މަގާމު ގެއްލުނު. (ސުޕްރީމް ކޯޓަށް މައްސަލަ ދިޔައިރު، ހައި ކޯޓުން އޮތީ އެއް އަހަރާއި ހަތް މަހުގެ ހުކުމް އެއް އަހަރާއި ދެ މަހަށް ދަށްކޮށްފައި.)

އަބްދުﷲ ސައީދު އަދިވެސް ހުންނެވީ ގޭބަންދުގަ އެވެ. ހުކުމުގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު 19 ވަނަ ދުވަހަށެވެ. އެމަނިކުފާނުގެ ބަންދުގެ މުއްދަތު ދިގުވެގެން އުޅެނީ ދެ ބޭފުޅުންނަށް އިއްވި ހުކުމުގެ އިތުރުން އެހެން ހުކުމެއް އޮތުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ދެ ބޭފުޅުން މިނިވަން ކުރައްވަން ވައުދުވެވަޑައިގެންފަ އެވެ. އެ ދެ ބޭފުޅުންނަކީ ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް މިނިވަން ނުވެ ތިބި ދެ ބޭފުޅުންނެވެ.