ސަރުކާރުގެ ބިލްތައް މަޖިލީހުން ޑްރާފްޓްކުރަން ރައީސް އެދިވަޑައެއްް ނުގަންނަވާ: ހޫދު

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ގާނޫނުތަކުގެ ބިލްތައް ސީދާ ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސިޓީފުޅެއް ފޮނުއްވާފައިނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު "މިހާރު"އަށް ވިދާޅުވީ ރައީސް ސިޓީފުޅެއް ފޮނުއްވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މަސައްކަތްތައް އަވަސްކޮށްދެއްވުން އެދިވަޑައިގެން ކަމަށެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އަދި "އެޖެންޑާ 19" ގައި ހިމެނޭ ބައެއް ބިލްތައް ޑްރާފްޓްކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރޭގައި ކުރަން ފެށިި އިރު ސަރުކާރުން 34 ބިލެއް މަޖިލިހަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން މަޖިލިހަށް ވަނީ އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުންް ހުށަހަޅާ ބިލްތައް ޑްރާފްޓްކުރުމަކީ އެ ބިލްްތަކާ ގުޅޭ އެހެން މިނިސްްޓްރީތަކާއި އިދާރާތަކުގެ އެހީތެރިކަމާ އެކު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރާ ކަމެކެވެ. ނަމަވެސް އޭގެ ބަދަލުގައި މަޖިލީހުގެ އިދާރީ މުވައްޒަފުން ބައިވެރިކޮށްގެން މަޖިލީހުގެ ތެރޭގައި އެ މަސައްކަތް އެމްޑީޕީން މިހާރު ވަނީ ފަށައިފަ އެވެ.

ހޫދު ވިދާޅުވީ ރައީސް އެދިވަޑައިގެންފައި ވަނީ ކުރިއްސުރެ އޮންނަ އުސޫލުން، އެޓާނީ ޖެނެރަލްގެ އޮފީހުން ބިލްތައް ޑްރާފްޓްކޮށްގެން، މަޖިލީހަށް ފޮނުވައިގެން ކުރިއަށް ގެންދަން ކަމަށެވެ.

"ސީދާ މަޖިލީހުން ސަރުކާރުގެ ބިލްތައް ޑްރާފްޓް ކުރަން ރައީސް އެދިވަޑައިގެންފައެއް ނެތް،" ހޫދު ވިދާޅުވި އެވެ.