ލަންކާގައި ޕައިލެޓް ތަމްރީން ހަދާ ދަރިވަރުންނަށް އެހެން ގައުމުތަކުގައި ވެސް ކިޔެވޭނެ

ސްޓޫޑެންޓް ލޯނުގެ ދަށުން ސްރީ ލަންކާގައި ޕައިލެޓް ތަމްރީން ހަދާ ދަރިވަރުންނަށް، އެހެން ގައުމެއްގައި ވެސް ކިޔެވުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.


އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ދަރިވަރުންގެ ކިޔެވުން ނިމޭނެ ތާރީޚެއް ނޭނގި ކޯސް ދިގުލައިގެން ދާތީ ބޮޑު ޚަރަދެއް ހިނގާ ކަމަށެވެ. އަދި ލޯނުގެ މުއްދަތު ހަމަވިއިރު ވެސް ބައެއް ދަރިވަރުން ކޯސް ނިމިފައި ނުވާތީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ލަންކާގެ އިތުރުން ސްލޮވޭނިއާގައި ޕައިލެޓް ތަމްރީން ހަދަމުން އައި ފްލައިން ސްކޫލް ބަންދު ކޮށްފައިވާތީ އެތަނުގައި ކިޔަވަމުން ދިޔަ ދަރިވަރުން ވެސް ގައުމު ބަދަލުކުރަން ހުޅުވާލާފައި ވެ އެވެ.

"ލޯނު އެހީގެ ދަށުން ސްރީލަންކާ ގައި އަދި ސްލޮވޭނިއާ ގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ކުރިއަަށް ގެންދިއުމުގައި ދިމާވެފައިވާ މައިގަނޑު ދަތިތަކަކީ ދަރިވަރުންގެ އިހުތިޔާރުން ބޭރުގައިވާ ކަންކަމުގައި މި މިނިސްޓްރީން ގަބޫލުކުރެވޭތީވެ، މި ދަރިވަރުންނަށް ލޯނަށް ދޫކޮށްފައިވާ ފައިސާ އިން ކިޔަވަމުންދާ ގައުމު ބަދަލުކޮށް ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ،" ބަޔާނުގައި ވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ކިޔެވުން ފުރިހަމަކުރަން އިތުރު ފައިސާއެއް ޚަރަދުވާ ނަމަ އެ ފައިސާ ހަމަޖައްސާނީ ދަރިވަރުން އަމިއްލަ އަށެވެ.

އެ ފުރުސަތުގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނު ނަގައިގެން ރާއްޖޭގައި ޕައިލެޓް ލައިސަންސަށް ކިޔަވަމުން އަންނަ ދަރިިވަރުން ރާއްޖެ އިން ބޭރަށް ބަދަލުވާން އެދޭ ނަމަ، އެ ދަރިވަރަކު ކިޔެވުން ފުރިހަމަ ކުރުމަށް ދާން ބޭނުންވާ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ، ފީ ސްޓްރަކްޗާ އަދި އައިޑީކާޑުގެ ކޮޕީއާ އެކު fund@mohe.gov.mv އަށް މެއިލްކުރަން އެ މިނިސްޓްރީން އެދެ އެވެ. އެގޮތަށް ދާ މަރުކަޒަކީ އިތުރު ޓެސްޓަކާ ނުލައި މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ލިބޭ މަރުކަޒެއް ކަން ޔަގީން ކުރުމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިފައި ވެ އެވެ. ލަންކާގައި ޕައިލެޓް ތަމްރީން ހަދާ ދަރިވަރުންނަށް ފްލައި ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ، އެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިދިޔަ އޭޕްރީލް މަހު ލަންކާގައި ދިން ބޮމުގެ ހަމަލާއަށް ފަހު، ފްލައި ކުރެވެނީ އިންޓެލިޖެންސްގެ ކްލިއަރެންސް ލިބިގެންނެވެ.

މީގެ ކުރިން، އައްޑޫގައި ހުންނަ ފްލައިން ސްކޫލުގައި އުޅޭ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް އެހެން ގައުމަކަށް ބަދަލުވުމުގެ ފުރުސަތު ވެސް މިނިސްޓްރީން ހުޅުވައިލި އެވެ.