ހަކުރު އެކުލެވޭ ތައްޔާރީ ބުއިންތައް، އިޝްތިހާކުރުން އަންނަ އަހަރުން ފެށިގެން މަނާކުރަން ނިންމި ފުރަތަމަ ގައުމަކަށް ސިންގަޕޫރު ވެއްޖެ އެވެ.

ތަރައްގީގެ ގޮތުން އޭޝިއާގެ އެންމެ ވަރުގަދަ އެއް ގައުމުން މިކަން އިއުލާންކުރީ ބުރާސްފަތި ދުވަހު ފެށި މި އަހަރުގެ "ހެލްތު އެންޑް ބައޯކެމިކަލް ކޮންގްރެސް" ފެށުމުގެ ރަސްމިއްޔާތުގައި ސިންގަޕޫރުގެ ލޯ އެންޑް ހެލްތު މިނިސްޓްރީގެ ސީނިއާ ސްޓޭޓް މިނިސްޓަރު އެޑްވިން ޓޯންގެވެ.

އޭނާ ވިދާޅުވިގޮތުގައި ހަކުރު އެކުލެވޭ ބުއިންތައް ސިންގަޕޫރުގައި އިޝްތިހާރުކުރުން މަނާކުރަން ނިންމުމާ ގުޅިގެން އެފަދަ އެއްޗެހީގެ އިޝްތިހާރުތައް ބްރޯޑްކާސްޓްކުރުމާއި ޕްރިންޓްކޮށްގެން އިޝްތިހާރުކުރުމާއި އޮންލައިންކޮށް އިޝްތިހާރުކުރުން ވެސް މަނާވާނެ އެވެ. އަދި މި އުސޫލަށް އަންނަ އަހަރުން ފެށިގެން އަމަލުކުރަން ނިންމި ނަމަވެސް، އުސޫލު ތަންފީޒުކުރަން ފަށާނެ ސީދާ ތާރީހެއް އެޑްވިން ވިދާޅެއް ނުވެ އެވެ.

ނަމަވެސް ހަކުރު އެކުލެވޭ ބުއިންތައް ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ބުއިންތައް ދަރަޖަކޮށް، ކަލަ-ކޯޑެޑް ނިއުޓްރިޝަން ލޭބަލް ހިމަނަން ވަނީ ނިންމައިފަ އެވެ.

"އަހަރެމެންނަށް އެތެރެކުރެވޭ ހަކުރުގެ މިންވަރަށް ބަލާ އިރު އޭގެ ދެބައިކުޅަ އެއްބައި ލިއްބައި ދެނީ އެސްއެސްބީން [ޝުގަ-ސްވީޓްން ބެވެރެޖެސް] އިން. އެހެންވީމާ އެބަޖެހޭ މިކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން،" އެޑްވިން ވިދާޅުވި އެވެ. "އެފަދަ ބުއިންތަކަށް ދެވޭ މައިގަނޑު އެއް ސަބަބަކީ ފަސޭހައިން ލިބެން ހުރުމާއި ގަޔާވާ ގޮތްގޮތަށް އިޝްތިހާރުކުރުމާއި އަގުވެސް ހެޔޮވުން. މިކަންކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިގެން ނޫނީ އަހަރެމެން ނެރެން ބޭނުންވާ ނަތީޖާއެއް ވެސް ނުނެރެވޭނެ."

އޭނާ ވިދާޅުވީ މިކަމަކީ ސިންގަޕޫރުން ހަކުރު ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބައެކެވެ. "ވޯ އޮން ޑައިބިޓީޒް" ގެ ނަމުގައި 2016 އިން ފެށިގެން އެ ގައުމުން އަންނަނީ ހަކުރު އެޅި ތައްޔާރީ ބުއިންތަކާ ދެކޮޅަށް ކެމްޕޭން ވެސް ކުރަމުންނެވެ.

މިދިޔަ އަހަރު އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން ސިންގަޕޫރްގައި އުޅޭ މީހުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 12 ސަމުސާ ހަކުރު ބޭނުންކުރެ އެވެ.

ހަކުރު އެކުލެވޭ ބުއިންތައް އިޝްތިހާރުކުރަން މަނާކުރަން ސިންގަޕޫރުން ނިންމި އިރު، އެ ގައުމުގެ ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮމޯޝަން ބޯޑުން ވަނީ މިކަމާ ބެހޭ ގޮތުން އާންމުންނާއި އުފެއްދުތައް ތައްޔާރުކުރާ ކުންފުނިތަކުގެ ސްޓޭކް ހޯލްޑަރުންގެ ހިޔާލު ވެސް ހޯދައިިފަ އެވެ.