އެމްޑީއެންއާ ގުޅޭ ތަހުގީގު ލަސްކަމަކަށް ނުދެކެން: މިނިސްޓަރު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ މައްސަލައިގައި ގާނޫނީ އިމުގެ ތެރެއިން ފުލުހުން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި ދަތިތަކަކާ އެކު ވެސް، އެ ތަހުގީގު ކުރިއަށް ގެންދާ އިރު ލަސް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިއެފައިވާ ރިޕޯޓެއް އެމްޑީއެން އިން ނެރުމުން ހަމައެކަނި އެ ޖަމިއްޔާ ސަސްޕެންޑް ކުރުމަކުން ނުފުދޭ ކަމަށާއި އެކަމުގައި ތަހުގީގު ލަސްކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެކަށީގެންވާ ފިޔަވަޅު ނާޅައި އެ މައްސަލައިގެ ތަހުގީގު ދިގުދަންމަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

އެ ޝަކުވާތަކާ ގުޅިގެން މިނިސްޓަރު އިމްރާން "މިހާރު" އަށް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން އެކަމުގެ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. ޖިނާއީ އެ ތަހުގީގުގައި، ކުރަން ޖެހޭ ކަންކަން ދުވަހުން ދުވަހަށް ފުލުހުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ރާއްޖޭގައި ނެތުމުން ފުލުހުންގެ ތަހުގީގަށް ދަތިތަކެއް އެބަހުއްޓެވެ. އެ ދަތިތަކުގެ ތެރޭގައި ވެސް މައްސަލަ ރަނގަޅަށް ތަހުގީގު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓް ލިއުނު އެންމެން މިހާރު ތިބީ ރާއްޖެ އިން ބޭރުގަ އެވެ. ރިޕޯޓުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަޒްރާ ނަސީމް ހޯދަން ފުލުހުން އިއުލާން ވެސް ކުރި އެވެ.

ތަހުގީގެއްގެ ގޮތުގައި ފުލުހުންނަށް ގެންދެވޭނެ އެންމެ ރަނގަޅު ގޮތަށް ގެންދާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފުލުހުންގެ ޒިންމާ އަދާކުރުމުގައި، މައްސަލައެއް ތަހުގީގު ކުރުމުގެ ވިސްނުމަށް ބަލައިފިއްޔާ ފުލުހުން އެ ގެންދާ ގޮތް ގޯސްކަމަކަށް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުބުނެވޭނެ،" އިމްރާން ވިދާޅުވި

މިނިސްޓަރު ވިދާޅުވީ އެމްޑީއެން ރިޕޯޓުގެ މައްސަލަ އަކީ ހަމައެކަނި ފުލުހުންގެ ތަހުގީގާ ގުޅުން އޮތް ކަމެކޭ ވެސް ދެންނެވެން ނެތް ކަމަށެވެ. ފުލުހުންގެ ތަހުގީގީ މަރުހަލާގައި ކުރަން ޖެހޭ ކަންކަން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"ތުހުމަތު ކުރެވޭ ފަރާތްތަކާ ހަމައަށް ފަސޭހަ އިން ފޯރާނެ ހިސާބެއްގައި ނެތުމުން އެ ދިމާވާ ދަތިތަކާ އެކުގައި ފުލުހުންގެ މަސައްކަތް ލަސް ކަމަކަށް އަޅުގަނޑު ފާހަގައެއް ނުކުރަން."

އެމްޑީއެން ރިޕޯޓުގެ ބޭރުގަނޑު: މި ރިޕޯޓާ ގުޅިގެން ފުލުހުންގެ ތަހުގީގު ލަސް ކަމަށް މިނިސްޓަރު ގަބޫލެއް ނުކުރައްވާ.

ދިވެހި ރައްޔިތުންގެ ދީނަކީ އިސްލާމްދީން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ދީނީ ހަމަޖެހުން ގާއިމްވެފައި އޮތުމަކީ ސުލްހަމަސަލަސްކަމަށް އެންމެ މުހިއްމު އެއް ކަންތަކެވެ. ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގަމުން ގެންދިއުމާއި ދީނަށް ކުޑައިމީސްކަން ރައްދުވާ ގޮތަށް ރާއްޖޭގައި ކަންކަން ހިނގައި ދިއުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެފަދަ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް މިނިސްޓްރީގެ މޭންޑޭޓުގެ ތެރެއިން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ވެސް އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.