މީރާގެ ބޯޑަށް އައްޔަންކުރަން ފޮނުވި ދެ ނަން ކޮމިޓީ އަށް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމެއް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


މީރާގެ ބޯޑަށް އައްޔަން ކުރަން ރައީސް ފޮނުއްވި ދެ ނަމަކީ:

1- މަހްޒޫމް ސަލީމް، ކ. ކާށިދޫ ޝަބްނަމްގެ

2- އިސްމާއިލް ސާޖިދު، މއ.ވިލާރޮދި

ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވަނީ ހުސްވެފަ އެވެ. އެ ގާނޫނަށް މަޖިލިހުން ބަދަލު ގެނައީ މީރާގެ ބޯޑަށް އަލުން މެމްބަރުން އައްޔަން ކުރެވޭ ގޮތަށެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ކުރިން އޮތްގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެވެ.

ގާނޫނަށް އަލަށް ގެނައި ބަދަލުގެ ސަބަބުން ފިނޭންސް މިނިސްޓްރީގައި ޓެކުހާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތަކާއި ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެއްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.