ރިޕޯޓް ކުންޏަށް، ފެންނަން އޮތީ ނިޔާޒްގެ އިޚްލާސްތެރި މަސައްކަތް!

އެމްއެމްޕީއާރުސީގެ ޚިޔާނާތް އާއްމުވި، އޮޑިޓް ރިޕޯޓް ނެރުނަ ނުދޭން އެ އޮފީސް ރޯކޮށްލަން ވިސްނި އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ފުލުސް އޮފީހުގެ ތެރެއިން ޖަރީމާތައް ހިންގައިދިން ފުލުހުންނާ ދެމެދު އެ ވާހަކަ ދެކެވުނެވެ. އެ ފުރުސަތު ހޯދަން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމްގެ ފަހަތުން ފާރަ ވެސް ލި އެވެ. އޭނާ އަށް އެކަން އެނގިވަޑައިގަތުމުން، ލިބިވަަޑައިގަތީ ހައިރާން ކަމެވެ.


"ހިތަށްއެރީ، ހާދަހާ ނުބައި، ނުލަފާ ބައެއްގެ ވިސްނުމެކޭ. މީހުންގެ ފުރާނަ އަށް، ދައުލަތުގެ ތަކެއްޗަށް ގެއްލުންދޭން ޖެހިލުމެއް ނެތި ރޭވުންތަކެއް ރާވާނީ ހާދަ ވިސްނުން ނުބައިވީމާއޭ،" ނިޔާޒް "މިހާރު" އަށް ވިދާޅުވި އެވެ.

ފުލުހަކަށް އަދީބު ކުރެއްވި ކަމަށް ބުނާ މެސެޖް. ނިޔާޒް ކުރިމަތި ކުރަމުންދާ އުނދަގުލުގެ ސަބަބުން އޭނާގެ އޮފީސް ރޯކޮށްލަން ޖެހޭ ކަމަށް އަދީބު ވިދާޅުވި ކަމަށް ތަހުގީގު ރިޕޯޓުގައިވޭ.

އެކަމަކު އެ ދަރަޖަ އަށް ކަންކަން ހިނގައިދާނެ ކަމަށް އޭނާ ހުންނެވީ ތައްޔާރުވެވަޑައިގެންނެވެ. މީގެ ފަސް އަހަރު ކުރިން މިއަދު، އޮކްޓޯބަރު 29، 2014 ގައި، ނެރުއްވި އޮޑިޓް ރިޕޯޓުގެ މަސައްކަތް ފެއްޓެވި ހިސާބުން އޭނާ އަށް ކުރިމަތިވީ ނުރައްކަލެވެ. އޭނާ އޮޑިޓުން ހާމަވާން އޮތީ، ސަރުކާރުގައި އޭރު އެންމެ ނުފޫޒު ގަދަ މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ވެވަޑައިގަތް އަދީބަށް ތުހުމަތު ކުރެވުނު ޚިޔާނާތެވެ.

އެކަން ފަޅާއަރާފާނެތީ، ނިޔާޒަށް އެތައް އިންޒާރެއް ލިބުނެވެ. އެއްބަނޑުއެއްބަފާ މީހުންނާއި ޅިޔަނުންނާއި ފަހަރިން ހިމެނޭ ގޮތުން، އާއިލާގެ 14 މީހެއްގެ ފޯނަށް މަރުގެ އިންޒާރު ފޮނުވި އެވެ. އޮޑިޓުގެ މަސައްކަތް ހުއްޓުވަން ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް ހުރަސްތައް ކުރިމަތިކުރުވި އެވެ. އެވަރުން ކާމިޔާބު ނުވުމުން، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ގާނޫނާ ޚިލާފަށް ނިޔާޒް، މަގާމުން ވަކިކުރީ އެވެ. އޭގެ ފަހުން، އެ ވާހަކަތައް ތަކުރާރު ކުރައްވަން ފެއްޓެވެމުން ދެއްކީ ހައްޔަރު ކުރުމުގެ ބިރެވެ. ޖަލުގެ ގޮޅި އަށް ނުވަދެ ސަލާމަތްވެވުނީ ހަމަ ކިރިޔާ އެވެ! އަމިއްލަ ގައުމު ދޫކުރައްވައި ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލު ކުރެއްވީ ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތުމުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ގާނޫނުއަސާސީން ޒިންމާތަކެއް ހަވާލުކޮށްފައިވާ ދައުލަތުގެ އޮޑިޓަ ޖެނެރަލަށް މި ދަރަޖަ އަށް ނުރައްކަލާ ކުރިމަތިލައްވައި ނެރުއްވި ރިޕޯޓް ލީ "ކުނި ވަށިގަނޑަށެ"ވެ. އޭނާގެ ބޮލުގައި އެޅުވީ ސިޔާސީ ގޮތުން ސަރުކާރުގެ އަގު ވައްޓާލަން އުޅުމުގެ ބަދުނާމެވެ. ޚިޔާނާތް ހިންގި ގޮތާއި ފައިސާ ދައުރުވަމުން ދިޔަ ގޮތް ތަފްސީލްކޮށްދެއްވުމުން ވެސް އެއްވެސް އިދާރާއަކުން އަޅައެއް ނުލި އެވެ. ދައުލަތުގެ ޚަޒާނާ ހުސްކުރި އިރު ވެސް ތިބީ ދެ އަތް އުރާލައިގެން ބަަލާށެވެ. ނުވަތަ އެކަމުގައި ބައިވެރިވެ، ފޮރުވައިދިނީ އެވެ.

ހަމައެކަނި އަދަބު ލިބުނީ އަޅުގަނޑަށް، އެއީ މަގާމުގެ ޒިންމާއަދާކުރީތީ. --ނިޔާޒް

އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް އެ ރިޕޯޓަށް އަމަލު ނުކުރުމުގެ ނަތީޖާ އަދި ނުހުއްޓުވި ސަބަބު ވެސް އެ އޮތީ އަދަދުތަކުން ފެންނާށެވެ. ދައުލަތުގެ ބައިވެރިވުމާ އެކު އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގީ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތެކެވެ. ބައިވެރިވި މީހުންނާއި މަންފާ ލިބުނު މީހުންގެ އަދަދު އުޅެނީ 267 ގަ އެވެ.

އަލްޖަޒީރާ އިން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.

ސިޔާސީ ބާރުވެރިކަން ހޯދަން މުއައްސަސާތަކުގެ ގާނޫނީ ބާރުވެރިކަން ކަނޑުވައި މުޅި ދައުލަތް ފޭލްކޮށްލި މި ޚިޔާނާތުގެ ފެށުން ހާމަވިތާ ފަސް އަހަރު ވި އިރު ވެސް ފެންނަން އޮތީ އަދަދުތަކެއް އެކަންޏެވެ. އެޅުނު ފިޔަވަޅެއް ނެތެވެ. އެކަމަކު މި ވެރިކަން ފެށުމާ އެކު މުޅި ޚިޔާނާތް ހިނގި ގޮތް އަލުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާއެއް ވެސް އުފުލައިފަ އެވެ.

އެންމެ އަންތަރީސްވާ ކަމަކީ އެކަނި އެކަކަށް ދައުލަތެއްގެ ނިޒާމް މިވަރަށް ހަރާބްކޮށްލެވުނުކަން. ފެނުނީ ނިޒާމްގެ ދޯހަޅިކަން، ހިންގަން ތިބި މީހުންގެ އިޚްލާސްތެރިކަމެއް ނެތް ކަން އެބަ އިހްސާސް ކުރެވޭ. --ނިޔާޒް

ނިޔާޒް މިކަމާ އަދިވެސް ހިތާމަކުރައްވަ އެވެ. އެކަމަކު އޭނާ އަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކީ ހައްގުގެ މަގުގައި އެކަނި ހުންނަވައިގެން ނަަމަވެސް ގާނޫނީ ޒިންމާ ފުރިހަމަ އަށް އަދާކުރެއްވުނު ކަމެވެ. އެއީ އޭނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެކެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ އޮޑިޓުގެ މަސައްކަތް ފެއްޓެވީ، ބޮޑު ޚިޔާނާތެއް ހިނގާ ކަން އޭރުގެ ރައީސްގެ އަރިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ސަމާލުކަމަށް ގެންނެވުމުންނެވެ. ސިޔާސީ ރިޕޯޓެއް ކަމުގެ ތުހުމަތު އެ ސަބަބާ ހެދި އެޅުވިޔަސް އޭނާ ކުރެއްވީ އިޚްލާސްތެރި މަސައްކަތެއް ކަން މިއަދު ފެންނަން އޮތް ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ނާޒިމް ވިދާޅުވީމަ މިނިވަންވާން ވެގެން ނުބެލީއޭ ކިޔައި ހުރި ނަމަ އަޅުގަނޑު ކިހިނެއްތޯ މިއަދު ރައްޔިތުންނަށް ޖަވާބުދާރީވާނީ؟ ކޮންމެ މީހަކު ހުށަހަޅައިގެން ވެސް އަޅުގަނޑުގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާއަކަށް ވާނީ އެކަން ބެލުން. އެ ޒިންމާ އަޅުގަނޑު އަދާކުރިން،" ނިޔާޒް ވިދާޅުވި އެވެ.

ޚިޔާނާތް ފެށި ހިސާބުން ހުއްޓުވައިދޭން އެދިވަޑައިގަތް!

ޚިޔާނާތް ފެށީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ގަތުމުގެ ނަމުގަ އެވެ. އެކަމަކު އެ ފައިސާ ދައުރުވަމުން ދިޔައީ، އޭރުގެ އެންމެ ނުފޫޒުގަދަ ވަޒީރު، އަދީބުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަން އޮޑިޓް ރިޕޯޓުގައި އޮތެވެ. ދައުލަތުގެ ފައިސާ ޖަމާކުރަމުން ދިޔަ އަދީބުގެ ހިއްސާ އޮންނަ މޮންޓިލިއޯނަކީ ވެސް ގިނަ އަދަދެއްގެ ފައިސާ ދައުރުކުރެވޭނެ ފަދަ ވިޔަފާރިއެއް ކުރާ ކުންފުންޏެއް ނޫން ކަން ވެސް އޮޑިޓުގައި ތަފްސީލް ކޮށްދީފައި އޮތެވެ.

އެ ކުންފުނިން 2011 ގައި ކުރީ 70،000ރ.ގެ ވިޔަފާރި ކަމާއި 2012 ވަނަ އަހަރު އެއްވެސް ވިޔަފާރިއެއް ހިންގާފައި ނުވާކަން އޮޑިޓް ރިޕޯޓުގައިވެ އެވެ. އެކަމަކު، 2012-2014 އަށް އެ ކުންފުނީގެ ތެރެއިން 3.6 މިލިއަން ރުފިޔާ އާއި 6.8 މިލިއަން ޑޮލަރު ދައުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ހާމަކުރި އެވެ.

މޮންޓިލިއޯން އާއި މިލޭނިއަމް ކުންފުންޏަށް ދައުލަތުގެ ފައިސާ ޖަމާކުރި މައްސަލަ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ވެސް ރިޕޯޓުގައި ނިޔާޒް އެދިވަޑައިގަތެވެ.

"އޭރުގައި ވެސް އަދީބުގެ ޕްލޭނަކީ ފެންނަން ހުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި 2014ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ، ފައިސާގެ ނުފޫޒުން ހޯދުން، ދައުލަތުގެ ފައިސާ ބޭނުންކުރަން ފެށީ އެ ބޭނުމަށް،" ނިޔާޒް ވިދާޅުވި އެވެ.

އޮޑިޓަށް މައުލޫމާތު ނުދޭންވެގެން އެކި އިދާރާތަކުން ވަންހަނާ ކުރުމުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވުމުން، އޭނާ ދެން ކުރިމަތިލައްވަން ޖެހިވަޑައިގަތީ އަދީބާ އެވެ.

ޚިޔާނާތުގެ މައްސަލަ އަލުން ތަހުގީގު ފަށައި ދައުވާ އުފުލާފައިވާ އަދީބު -- ފޮޓޯ:/ މިހާރު

"ޗައިނާގައި ހުންނަވައި އަދީބް ގުޅުއްވާފައި ވިދާޅުވި ނިޔާޒް ތި ކުރައްވަނީ ޒާތީ މަސައްކަތެކޭ. ތިމަންނައަކީ ތި ކަހަލަ ކަމެއްގައި ހިމެނޭ މީހެއް ނޫނޭ. ތިކަހަލަ އެއްވެސް ކަމެއް ނުހިނގައޭ ދައުލަތުގެ ތެރޭގައި. ތި ކަންތައް ހުއްޓާލާށޭ. ތިގޮތަށް ދިމާކުރާ ކަމަށްވަންޏާ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެއޭ،" ނިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ޒިންމާއަކީ ޝައްކެއް އަތުވެއްޖިއްޔާ އެކަން ބެލުމޭ. އޭގައި ހަގީގަތެއް ވޭތޯ ނުވަތަ ނޫންތޯ. އެ ގާނޫނީ ޒިންމާ އަދާކުރައްވަން ހުރަސްނާޅުއްވާށޭ."

ނިޔާޒް ވިދާޅުވި ގޮތުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތު އަދާކުރަން ކަމާ ބެހޭ އިދާރާތަކުން އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރެއްވި ނަމަވެސް ކަން ހިނގީ މުޅިން އިދިކޮޅަށެވެ. ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ފުލުހުންނާއި މީރާ އާއި އެޓާނީ ޖެނެރަލްގެ އޮފީސް ފަދަ މުއައްސަސާތަކުން ލިބުނު ޖަވާބުތައް އަދިވެސް ގަބޫލުކުރައްވަން ދަތި ކަމަށް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުގެ މުވައްޒަފުން އޮޑިޓަށް ދިޔައީމަ ބުނެފައި އެބަހުރި އެ މުވައްޒަފު، ކުޑަދޮރުން ބޭރަށް ހޫރުވާލާނަމޭ. މި ދަރަޖަ އަށް ދަތިކޮށް، ބިރުދެއްކި. --ނިޔާޒް

ކޮބައިތޯ އިންސާފާއި އަދުލު؟

ނިޔާޒް ގަބޫލުކުރައްވާ ގޮތުގައި، ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލުން އޭނާ އަށް ވަނީ ނުހައްގު އެތައް އަނިޔާއެއް ލިބިފަ އެވެ. ކުށަކީ ކުރެއްވި ހުވަޔާ އެއްގޮތަށް މަގާމުގެ ޒިންމާ އަދާކުރެއްވުން ކަމަށް އޭނާ ތަކުރާރުކުރައްވަ އެވެ.

ސިޔާސީ ބޭނުމަށް، ގާނޫނާ ޚިލާފަށް އޭނާ މަގާމުން ވަކިކުރި މައްސަލައިގައި، އިންސާފަށް އެދި ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ. ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެންމެ އަޑު އެހުމެއް ބާއްވައި، އިތުރަށް ކުރިއަކަށް ނުގެންދެ އެވެ.

އޮޑިޓިންގެ ދާއިރާ އިން ކުރިއަށް ވަޑައިގަތުމުގެ ވިސްނުން މުޅި އުމުރުގައި ގެންގުޅުއްވި ނަމަވެސް ނުހައްގުން ވަޒީފާ އިން ވަކިކުރި މައްސަލަ މި ސަރުކާރުން އެކުލަވާލި ކޮމިޓީއަކަށް ހުށަހެޅުއްވި އެވެ. އެކަމަކު، ރައީސް އޮފީހުގައި އޮންނަ އެ ކޮމިޓީގެ ޖަވާބުން ވެސް އިންސާފު ނުލިބޭނެ ކަން ޔަގީންވެވަޑައިގެންފައިވާ ކަަމަށް ނިޔާޒް ވިދާޅުވި އެވެ.

އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަށް ނިޔާޒް މައުލޫމާތު ދެއްވަނީ: އޭނާ މަގާމުން ވަކިކުރީ ސަރުކާރުގެ ތެރޭގައި ހިނގި ކޮރަޕްޝަންގެ އަމަލުތައް ފަޅާ އަރުވާލުމުން ކަމަށް އޭނާ ވިދާޅުވި.

"އަޅުގަނޑުގެ ވެސް ހައްގުތަކެއް ވާނެ. މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް ދިވެހިރާއްޖެ އަށް ބޭވަފާތެރިވީ މީހުންނަށް ވެސް ދައުލަތުން ދޭން ޖެހޭ ހުރިހާ އިނާޔަތްތަކެއް ދީފައި ވަޒީފާތަކުން ދުރުކުރީ. އެކަމަކު އަޅުގަނޑު ގެއަށް ފޮނުވާލީ ގާނޫނުތަކުގައި ބުނާ އެންމެ އަސާސީ ހައްގުތައް ވެސް ފުރިހަމަނުކޮށްދީ،" ނިޔާޒް ވިދާޅުވި އެވެ.

"މި ސަރުކާރު އައުމަށް ފަހު ވެސް ކުރިން ވަޒީފާތަކުން ވަކިކޮށްފައި ތިބި މީހުންގެ މަގާމް ރުޖޫއަކޮށް ބަދަލުތަކެއް ދީފި، އެކަމަކު މި ކޭސްގައި އަމަލުކުރާ ގޮތް ތަފާތު."

ކުރީ ސަރުކާރުން ރޭވިގެން ހިންގަން ފެށި ޚިޔާނާތުގެ ވާހަކަ ފުރަތަމަ އާންމުވިތާ ފަސް އަހަރުވި އިރު އެ މައްސަލައިގައި އެއްވެސް މީހަކަށް ހައްގު އަދަބު ނުލިބޭ ކަން ނިޔާޒް ގަބޫލުކުރައްވަ އެވެ. އެކަން ރާވައި ހިންގި މީހުންނާއި އެނގި ތިބެ މަންފާ ލިބުނު މީހުން މިނިވަންކަމުގައި ތިބުމަކީ ނިޔާޒް ހިތާމަކުރައްވާ ކަމެކެވެ. އޭގެ އިތުރުން، ދައުލަތަށް ގެއްލުނު ލޯ ލާރިއެއްގެ މިންވަރު ވެސް ޚަޒާނާ އަށް އަނބުރާ ޖަމާކޮށްފައި ނުވުމަކީ، އޭނާގެ ކަންބޮޑުވުމެކެވެ.

ދައުލަތުގެ ބޮޑެތި މަގާމްތަކާ، ބޮޑެތި މުސާރަދީފައި ހަވާލުކޮށްފައި ތިބި މީހުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އަދާކޮށްދޭން ޖެހޭ ހައްގުތައް އަދާކުރެވޭތޯ؟ މިއީ، ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ޚިޔާނާތް. އިންސާފުގެ ކުރިމައްޗަށް ގެނެވުނު މީހެއް ނެތް. ކޮންކަމެއްތޯ ފަސް އަހަރުން ހާސިލްކުރެވުނީ؟ އަދިވެސް އެ ވާހަކަ ދެއްކުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭ ނޫންތޯ؟

ނިޔާޒް އެ ވިދާޅުވަނީ ތެދެކެވެ؛ މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ. ފަސް އަހަރުގެ ތެރޭގައި މިހާތަނަށް ފެންނަން އޮތީ ފުރާނަ އަތްމައްޗަށްލައިގެން އޭނާ ކުރެއްވި އިޚްލާސްތެރި މަސައްކަތް އެކަންޏެވެ. އެކަމަކު އަދި އުއްމީދު އެބަ އޮތެވެ. ޚިޔާނާތުގެ ތަހުގީގު އޭސީސީ އާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން އެބަ ކުރިއަށް ގެންދެ އެވެ. ރައްޔިތުން އެދެނީ ނުފޫޒުން އެއްކިބާވެ އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމެވެ!

ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތް، ދައުލަތުގެ ބައިވެރިވުމާ އެކު ހިންގައި ދައުލަތުން އިންސާފު ގާއިމްނުކުރުމުގެ ހުތުރު ލައްގަނޑު ފިލުވަން ޖެހެ އެވެ. ހަގީގަތުގައި ނިޔާޒު، މީގެ ފަސް އަހަރު ކުރިން ނުކުންނެވީ އެ މަސައްކަތަށެވެ.