ދެ އަހަރު ފަހުން ނިޔާޒު ވެސް ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވައިލުމުން ލިބުނު އިންޒާރުތަކާ ގުޅިގެން ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކުރެއްވި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.


ރާއްޖޭގެ ދިދަ އާއި ގުދުރަތީ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއަކާ އެކު އޭނާގެ ފޭސްބުކް ޕޭޖްގައި ނިޔާޒު މިއަދު ލިޔުއްވާފައި ވަނީ އަމިއްލަ އަށް އަރުވާލެވިގެން ހުންނަވާތާ ދެ އަހަރު ފަހުން، އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނިޔާޒަށް ނުގުޅޭތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ރިއާސީ އިންތިހާބުގެ ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެ ވަޑައިގެންފައިވާ އިރު ނިޔާޒަކީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމުކުރި ޑޮކިއުމެންޓްރީ އަށް މައުލޫމާތު ދެއްވުމުން ލިބިވަޑައިގަތް އިންޒާރުތަކާ ހެދި ނިޔާޒު އާއިލާއާ އެކު ލަންކާ އަށް ދިރިއުޅުން ބަދަލުކުރެއްވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއާޕޯޓުގައި ކުރިމަތިވެވަޑައިގެންނެވި އުނދަގޫތަކާ އެކު ލަންކާ އަށް ފުރާވަޑައިގެންނެވުނީ "ހަމަ ކިރިޔާ" ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މި ސަރުކާރާ ގުޅުން ހުރި ހިޔާނާތުގެ މައްސަލަތައް ބަލައި އެކަން ނިޔާޒު އޭރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަތައް ރައީސް ގަބޫލެއް ނުކުރެއްވި އެވެ. އެ ކަންކަމާ ގުޅޭ އޮޑިޓް ރިޕޯޓެއް ނެރުމާއެކު ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ނިޔާޒު އޮޑިޓާ ޖެނެރަލްގެ މަގާމުން ވަކިކޮށްފަ އެވެ.

މި ސަރުކާރާ ހިޔާލު ތަފާތުވި އެތައް ބޭފުޅުންނެއް ރާއްޖެ އިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ރާއްޖެ ވަޑައިގަތުމަށް އެ ބޭފުޅުން ވަނީ ނިންމަވައިފަ އެވެ.

އެ ގޮތުން ޖުމްހޫރީ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހިމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު މާދަމާ ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެކަން ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ