މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އިން އަންނަ އަހަރަށް 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގްރޭޑް 1 އިން 2،116 ދަރިވަރުންނަށް މިހާތަނަށް ޖާގަދީފައިވާ ކަމަށެވެ. މިހާރު ވެސް ޖާގަ ހޯދުމަށް ފޯމު ލިބޭނެ ކަމަށާއި އެ ފޯމުތައް ޕްރޮސެސްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަންދެނީ އެ ސްކޫލެއް ހުންނަ ސަރަހައްދުގެ މާލޭގެ ރަށްވެހި ދަރިވަރުންނަށެވެ. މިދިޔަ މަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލޭގެ ސްކޫލުތަކުން ޖާގަދޭއިރު، އެ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދަކުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަ ހަމަޖައްސަން އިސްކަން ދޭނެ ކަމަށެވެ.
އެގޮތަށް ނިންމީ ވަކި ސްކޫލުތަކަކުން ޖާގަ ހޯދުމަށް މަކަރު ހަދާތީ ކަމަށް ކުރިން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
އަންނަ އަހަރު ސްކޫލްތަކުގެ ކިޔެވުން ފެށުމާ އެކު، އެމްއީއެސްގެ ކުރީގެ އިމާރާތުގައި ވެސް އަލަށް ކިޔަވައިދޭން ފަށާނެ އެވެ. އިއްޒުއްދީންގެ ނަމުގައި އެ ސްކޫލު ހުޅުވާއިރު އެތަނުގެ ގްރޭޑް 1 ގައި ގިނަވެގެން އުފައްދާނީ ހަތަރު ކްލާހެވެ. އެއީ ކްލާހެއްގައި ގިނަވެގެން 25 ދަރިވަރުން ތިބޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަންދީފައިވަނީ، ކޮންމެ ރަށެއްގެ ދަރިވަރަކަށް ވިޔަސް އެ ދަރިވަރަކު ދިރިއުޅޭ އެޑްރަހަށް ބެލުމަށް ފަހު އެވެ.