ވިމްލާއާ ގުޅޭ ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުން ނަޝީދު ހުއްޓުވައިފި

ސުނާމީ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ގެދޮރު އިމާރާތްކުރުމުގެ މަސައްކަތާ ހަވާލުވި ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނު މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ހެދި ރިޕޯޓަށް ވޯޓަށް ނާޙައި، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުއްޓުވައިފި އެވެ.


ވިމްލާ އަށް ބަދަލުގެ ގޮތުގައި ދޭން 2016 ގައި ސިވިލް ކޯޓުން ހުކުމް ކުރީ ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ހަރަދުގައި އަޅައިދިން ގެތަކުގެ ތެރެއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އެޅި ގެތަކަކަށް އެ ކުންފުނިން ކުރި މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ނުދެއްކުމުންނެވެ. އެ މަޝްރޫއުގެ ދަށުން ގއ. މާމެންދު އާއި ދާންދޫގެ އިތުރުން ނިލަންދޫގައި ވިމްލާ އިން 298 ގެ އެޅި ނަމަވެސް ގެތަކުގެ ފެންވަރު ދަށް ކަމަށްވެ އެވެ.

ވިމްލާ އަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ގެއްލުމުގެ ބަދަލާ އެކު އެ ކުންފުނިން ނަގައިދޭން އެދޭ އަދަދު 89 މިލިއަން ރުފިޔާ އަށް އަރަ އެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ވިމްލާގެ މައްސަލަ ހައި ކޯޓުގައި ކުރިއަށްދާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަންގަވާފައި އޮއްވައި، އަދި ހައި ކޯޓުން މިކަމާ މެދުގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލިހުގެ ކޮމިޓީއަކުން އެ މައްސަލައިގައި އެއްޗެއް ބުނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ކޯޓެއްގައި ހިނގަމުން އަންނަ ކަމަކާ ގުޅޭ ގޮތުން މަޖިލިހުން ބަސް ބުނަމަކީ ތިން ބާރު ވަކިކޮށް، އެ ތިން ބާރުގެ މަސްއޫލިއްޔަތު ވަރަށް ސާފުކޮށް ކަނޑައަޅާފައިވާ ނިޒާމުގެ ރޫހާ ހިލާފު ކަމަކަށް ވާތީ މި މައްސަލައިގައި ވަކި ގޮތެއް ނުނިންމާ މަޑު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ރިޕޯޓާ މެދުގައި ގޮތެއް ނިންމުން އަޅުގަނޑު ފަސް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ވިމްލާ އަށް ހުށަހަޅާފައިވާ ބިލްތަކަށްވާ 78 މިލިއަން ރުފިޔާ އަކީ އެ ކުންފުންޏަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. މި މަޝްރޫއު ހަ އަހަރާއި 20 ދުވަހުން ނިންމި އިރު، މަޝްރޫއު ލަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން، ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ހުރުމުން، ވީ އެންމެ އަވަހަށް ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައި ފަހުން ބުނެފައި ވަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ މެދު ކޯޓުން ބޭރުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ސުނާމީގެ ގެތައް ހެދުމަށް 2008 ގައި ވިމްލާއާ ހަވާލުކުރީ 14 މަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް ނިންމުން ލަސްވެގެން ގޮސް އޭގެ ތެރެއިން ބައެއް ގެތަކުގެ މަސައްކަތް އެންމެ ފަހުން ނިންމީ ސިފައިންނެވެ. ގޭތަކުގެ ފެންވަރު ދަށް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.