ގައިސް އަށް ހަސަން ވޯޓު ނުދެއްވީ އުސޫލުތަކުގައި ހިފަހައްޓަވަން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އެމްޑީޕީގެ މެމްބަރު އަހްމަދު ގައިސް އައްޔަންކުރަން ރުހުން ދިނުމުގެ ވޯޓުގައި ބައިވެރިވެވަޑައިނުގަތީ އޭނާ ގަބޫލުކުރައްވާ ހަމަތަކާއި އެ ޕާޓީގެ އުސޫލުތައް ހިފަހައްޓަވަން ކަމަށް އިނގުރައިދޫ ދާއިރާގެ އަހްމަދު ހަސަން (ހަސަންޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.


ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން ހޮވަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވޯޓު ނެގިއިރު، ހަސަން ތަޅުމުގައި އިންނަވައި ގައިސް އަކަށް ވޯޓެއް ނުދެއްވަ އެވެ. އޭނާ ވޯޓުގައި ބައިވެރިވެވަޑައިނުގަތީ، ބްރޯޑްކާސްޓިން ކޮމިޝަނަށް ގައިސް ހިމެނޭ ގޮތުން ތިން މެމްބަރަކަށް ރުހުންދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ހަސަން ވިދާޅުވީ ވޯޓުގައި ބައިވެރިވެވަޑައިނުގަތީ، ކުރިއްސުރެން އަޑުއުފުއްލެވި އުސޫލުތަކާ ޚިލާފުވެވަޑައިނުގަތުމަށް ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަންގައި، ސިޔާސީ އެކްޓިވިސްޓަކު އިންނެވުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އޭރު ވެސް އަޅުގަނޑު ދެކޮޅު ކަމެއް، މިހާރު ވެސް އެ އުސޫލު ހިފަހައްޓަނީ،" ސިޔާސީ އެކި ޕްލެޓްފޯމްތަކުގައި އެމްޑީޕީގެ ދިފާއު ގައި އެންމެ އިސްކޮށް އުޅުއްވާ ހަސަން ވިދާޅުވި އެވެ.

ގދ. ތިނަދޫ އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ގައިސް ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލިހުން ފާސް ކުރީ 66 މެމްބަރުންގެ އިއްތިފާގުންނެވެ. މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ގައިސް އަކީ ގދ. އަތޮޅު ކައުންސިލަށް ވެސް އިންތިހާބުވި ބޭފުޅެކެވެ. އޭނާ މިހާތަނަށް މީޑިއާގެ ދާއިރާގައި އުޅުއްވި ކަމެއް ނޭނގެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގައި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިކޮށް އުޅުއްވި ބޭފުޅުން ތިއްބެވުމަކީ އެމްޑީޕީން ކުރިން ފާޑު ކިޔާފައިވާ ކަމެކެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް ފާތުމަތު ޒެއިނާ ހުންނަވައި، ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމުން އެކަމާ ދެކޮޅަށް އެމްޑީޕީން ތެދުވި އެވެ. އެކަމަކު، އެ ކޮމިޝަނަށް ގައިސް އައްޔަންކުރުން އެމްޑީޕީގެ ޕީޖީ ގްރޫޕަށް މައްސަލައަކަށް ނުވި އެވެ.

ގައިސް ހިމެނޭ ގޮތުން ބްރޯޑްކޮމް އަށް އައްޔަންކުރަން އިއްޔެ ރުހުން ދިނީ، މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މަރިޔަމް ވަހީދާގެ އިތުރުން ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފެވެ. މަރިޔަމް ވަހީދާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑުގެ ވެސް މެމްބަރެކެވެ. އޭނާ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހެޅުއްވި އެވެ.

އަލީ ޔޫސުފަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބޯޑު މެމްބަރުކަމާއި "ހަވީރު"ގެ އެސިސްޓެންޓް އެޑިޓަރުކަން ވެސް އޭނާ ކޮށްފައި ވެ އެވެ.

ކުރީގެ ސަރުކާރުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް އޮތީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރައިފަ އެވެ. އޭރު ސަރުކާރުގެ ގޯސްތައް އާއްމުންނާ ހަމައަށް ގެނެސްދެމުން އައި ރާއްޖެ ޓީވީ އަށް އަމާޒުކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި އެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ސަރުކާރު ޕްރޮމޯޓްކުރި ޗެނަލް 13 އިން ގެނެސްދިން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ޚިލާފު ކޮންޓެންޓްތަކަކަށް ފިޔަވަޅެއް ނާޅަ އެވެ. މި ސަރުކާރުން ވައުދުވީ، މިފަދަ ސިޔާސީ ނުފޫޒު ބްރޯޑްކާސްޓިން ކޮމިޝަނުން ނައްތައި ލުމަށެވެ.