އިންޑިއާ އިން ރާއްޖެ އަށް ހަތަރު ދާއިރާއަކުން ބޮޑެތި އެހީތަކެއް މިއަދު ދީފި އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީތައް ރާއްޖެ އަށް ދިނުން އިފްތިތާހު ކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅިފައި ވަނީ އިންޑި އާއި ރާއްޖޭގެ މަސްލަހަތު ކަމަށެވެ. އެގޮތުން އިންޑިއާ އިން މިއަދު ހަދިޔާ ކުރި ކޯސްޓްގާޑަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ލިބުނު ބޮޑު އެހީއެއް ކަމަށް ވިދާޅުވި އެވެ.
މަސް ފެކްޓްރީތަކަކީ މަހުގެ ހަމައަގު މަސްވެރިންނަށް ދިނުމަށާއި ވަޒީފާތަކެއް އުފެއްދުމަށް ލިބުނު ރަނގަޅު އެހީއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއާއެކު ގޭބިސީތަކުގެ އާންމުދަނީ އަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖެއަކީ ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތުކުރާ ދެ ގައުމުކަން ފާހަގަ ކުރައްވައި ރައީސް ވަނީ މާލޭގެ މަގުތަކުގައި ބޭނުންކުރާ ބޮކިތައް ލެޑްލައިޓްތަކަށް ބަދަލު ކުރުމަށް އިންޑިއާ އިން ދިން އެހީއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
"މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާތަކެއް ލިބުނު. ހާއްސަކޮށް ދެ ގައުމުގެ ޒަމާންވީ ގުޅުން ބަދަހިވެގެން ދޭ،" ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ. "ކުރިއަށް އޮތްތަނުގައި ވެސް ވިޔަފާރި އާއި ކަނޑުގެ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށް އުންމީދު ކުރަން."
އިންޑިއާ އިން ދިން އެހީތައް
* މާލޭގެ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުން
* ރުޕޭ ކާޑް ރާއްޖެ އަށް ތައާރަފްކުރުން
* ތިން މަސް ފެކްޓްރީ
* ދުވެލި ބާރު ކޯސްޓްގާޑް އުޅަނދެއް
މިއަދު ތައާރަފް ކުރި ރުޕޭ ކާޑް ރާއްޖެ އާއި އިންޑިއާގައި ވެސް ބޭނުން ކުރެވެ އެވެ. އެ ކާޑަކީ އިންޑިއާގެ ޕޭމަންޓްސް ކޯޕަރޭޝަނުން 2012 ވަނަ އަހަރު ތައާރަފް ކޮށްފައިވާ ޑެބިޓް ކާޑެކެވެ. މިއަދު ވެވުނު އެއްބަސްވުމާ އެކު ރާއްޖެ އާއި އިންޑިއާގެ ހުރިހާ އޭޓީއެމްއެއްގައި އެ ކާޑް ބޭނުން ކުރެވޭނެ އެވެ.
ރާއްޖޭގައި ތިން މަސް ފެކްޓްރީ ހެދުމަށް ވެދެއްވާ އެހީ އިންޑިއާގެ ފަރާތުން ހަވާލުކޮށްދެއްވީ ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ މަސް ފެކްޓްރީތައް ގާއިމް ކުރަނީ އައްޑޫ ސިޓީ އާއި ކ. ގާފަރުގެ އިތުރުން ރ. މަޑުއްވަރީގަ އެވެ.
ކާމިޔާބުގެ ނަން ދީފައިވާ ކޯސްޓްގާޑަކީ އަލަށް ބަނދެފައިވާ އުޅަނދެކެވެ. އެ އުޅަނދު ރާއްޖެއަށް ދިނުމަށް ހަމަޖެހުނީ މިއަހަރު ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ.
އެ އުޅަނދާ ރާއްޖޭގެ ފަރާތުން ހަވާލުވެޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އެވެ. އިންޑިއާގެ ފަރާތުން އެ އުޅަނދު ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެއަށް 1.4 ބިލިއަން ރުފިޔާގެ އެހީ ދީފަ އެވެ. އޭގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ބަޖެޓް ސަޕޯޓެވެ. އަނެއް ބަޔަކީ ޓީބިލަށް ކުރާ ހަރަދެވެ.