އާންމު ހިދުމަތްތަކުގެ އަގު ކަނޑައަޅައި ރެގިއުލޭޓްކުރާނެ އިދާރާއެއް އުފައްދަން ބިލެއް

ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުން ރެގިއުލޭޓްކޮށް އަގު ކަނޑައެޅުމަށް ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފައްދަން ލާޒިމްކުރާ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.


ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް، ބިލް ހުށަހެޅުއްވި މަގްސަދުގެ ގޮތުގައި ވަނީ އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުން ކަމަށެވެ. އަދި އެ ހިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭ އަދި ކާމިޔާބުކަމާ އެކު، ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތްތަކަކަށް ހެދުމަކީ ވެސް ބިލްގެ މަގްސަދެކެވެ.

ބިލްގައިވާ ގޮތުން އާންމު ބޭނުންތަކުގެ ގޮތުގައި ރައްޔިތުން ބޭނުން ކުރަމުން އަންނަ ހިދުމަތްތަކުގެ ގޮތުގައި ބަލަނީ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށެވެ.

"ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް" ނަމުގައި ބިލެއް ހުށަހެޅީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމަށާއި އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ ކަންކަން ރާވައި ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ބަޔާންކުރުމާ އެކު، އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅޭ ގޮތަށެވެ.

ބިލްގައިވާ ގޮތުން އާންމު ބޭނުންތަކުގެ ހިދުމަތުން ނަގާ އަގުތަކަކީ އޮތޯރިޓީން ކަނޑައަޅާ ފާސްކޮށްފައިވާ އަގުތަކެއް ކަމުގައި ވާން ވާނެ އެވެ. ބިލުގެ ދަށުން ހަދާ ގަވައިދުތަކާއި އޮތޯރިޓީގެ އެންގުންތަކާއި ލައިސަންސްގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލައިސަންސް ލިބިފައިވާ ފަރާތުން އެ ފަރާތުގެ ހިދުމަތުގެ އަގު އާންމުކޮށް ޝާއިއުކުރަންވާނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

ބިލްގެ މަގްސަދުގެ ތެރޭގައި އާންމު ބޭނުންތަކުގައި ކުރާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭއިންސާފުން ކުރާ ކަންކަން ހުއްޓުވުމާ އެކު، ވާދަވެރި ވެއްޓެއް ގާއިމުކޮށް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިކުރުން ހިމެނެ އެވެ. އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައަޅައި އެ އުސޫލުތައް ދެމެހެއްޓުމަށް ބާރު އެޅުމަކީ ވެސް ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން ހިދުމަތްދޭ ފަރާތްތަކުން މި ބިލާއި އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭ ހާއްސަ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުންދޭތޯ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

މި ބިލަށް އަމަލުކުރަން ފެށުމާ އެކު، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި ގާނޫނު ތަންފީޒު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީ ކަމަށް ބިލްގައިވެ އެވެ.

އޮތޯރިޓީގެ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި ދޫކުރާ ލައިސަންސާ އެއްގޮތަށް ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަމުންދޭތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ހިދުމަތްތަކުގެ އަގުތައް ފާސްކުރުމާއި އަގު ކޮންޓްރޯލް ކުރުމާ ބެހޭ ކަންކަން ބެލެހެއްޓުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކޮށް ހުއްދަ ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާން ޖެހޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑެއް ކަނޑައަޅަން ޖެހެ އެވެ. ފަސް މެމްބަރުން ހިމެނޭ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސެވެ. މި ބިލަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބޯޑު އެކުލަވާލަން ޖެހޭނެ އެވެ.

އާންމު ބޭނުންތަކުގެ ހިދުމަތަކާ ގުޅޭ ހާއްސަ ގާނޫނެއްގެ ދަށުން ނުވަތަ މި ބިލުގެ ދަށުން ދޫކުރާ ހާއްސަ ލައިންސަންސެއް ނުވަތަ ވަގުތީ ހުއްދައެއް ލިބިގެން މެނުވީ އާންމު ބޭނުންތަކުގެ އެއްވެސް ހިދުމަތެއް އެއްވެސް ފަރާތަކުން ފޯރުކޮށްދީގެން ނުވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.

ބިލްގައި ބުނީ ލައިސެންސް ނުވަތަ ވަގުތީ ހުއްދަ ދޫކުރާނީ މި ބިލް ނުވަތަ ކަމާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީން ކަމަށެވެ.

ބިލްގެ ދަށުން ހަދާ ގަވައިދުތަކާއި ނުވަތަ ލައިސަންސެއް ދޫކުރާ އިރު، ޝަރުތުކުރާ ކަންތައްތަކާ ނުވަ މި ބިލްގެ ދަށުން އަންގާ އެންގުންތަކާ ނުވަތަ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.