ސުޕީިރިއާ ކޯޓުގެ ހަތް ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އެހެން ކޯޓުތަކަށް ބަދަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ އެދުމަކަށް މި ގެނައި ބަދަލުގެ ދަށުން ޖޭއެސްސީން ވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހިމް ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ. ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ބަދަލުކުރީ ޖުވެނައިލް ކޯޓަށެވެ. މީގެ އިތުރުން ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ޑްރަގް ކޯޓަށް އަދި ޖުވެނައިލް ކޯޓުގެ ގާޒީ އަހްމަދު ޝަކީލް ކްރިމިނަލް ކޯޓަށް ވަނީ ބަދަލުކޮށްފަ އެވެ.

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ވަނީ ގދ. މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފަ އެވެ. ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްޣަފޫރު މުހައްމަދު ވ. ޖުޑީޝަލް ދާއިރާ އަށް ބަދަލުކޮށްފައިވާއިރު، ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް ވަނީ ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފަ އެވެ.

ޖޭއެސްސީން ބުނިގޮތުގައި ސުޕީރިއާ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރީ "ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލު"ގެ ދަށުންނެވެ.

ޖުވެނައިލް ކޯޓަށް ބަދަލުކުރަން ނިންމާފައިވާ މުހައްމަދު އީސާފުޅަކީ ދަށު ކޯޓުތަކުން ޖޭއެސްސީ އަށް އިންތިޚާބުކޮށްފައިވާ މެންބަރެވެ. ޖޭއެސްސީގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އޭނާ ވަނީ ޖޭއެސްސީގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުން ހުއްޓަވާލައްވައިފަ އެވެ.